މިޝްޔާ އެތަން ބަލަން ހުރެފައި އެއްފަރާތަކަށް ޖެހިލިއެވެ. އޭނާގެ ނަޒަރު ހުއްޓުނީ ފޯނެއްގައި ހުރެފައި އޭނާއާއި ދިމާލަށް އެނބުރުނު ނާޒިިލްއަށެވެ. ނާޒިލްގެ ލޮލުގައިވެސް މިޝްޔާ އަޅައިގަތުމާއެކު އޭނާއަށް ކަޅި ޖަހައިނުލާ މިޝްޔާއަށް ބެލެން ފެށުނެވެ.

މިޝްޔާ ވަރަށް ތަފާތެވެ. އެހާމެ ރީއްޗެވެ. މިޝްޔުާގެ އެ ސިފަ އޭނާއަށް މީގެކުރިން ދުވަހަކުވެސް ފެނިފައިނުވާއިރު ނާޒިލްގެ ހިތަށް ބުނެދޭން ނޭގޭ އުފާވެރިކަމެއް ވެރިވީ މިޝްޔާގެ ތުންފަތުން މިރޭ އޭނާއަށް ފެންނަމުންދާ ހިނިތުންވުމުގެ ސަބަބުންނެވެ. އެއީ ހަޤީގީ ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ އުފާވެރިކަން އޭނާއަށް ވެސް ފަހުމްވިއެވެ. ހިތާހިތުން ދުއާ ކުރެވުނީ އެ އަންހެން ކުއްޖާގެ ތުންފަތް މަތީގައި އަބަދާ އަބަދު އެ ހިނިތުންވުން ވުމަށެވެ. ދުވަހަކުވެސް ހިތްދަތިވާކަހަލަ ކަމެއް ދިމާ ނުވުމަށެވެ.

މިޝްޔާވެސް ވަރަށް ފުން ނަޒަރަކުން ނާޒިލްއަށް ބަލައިލިއެވެ. ނާޒިލް ލާފައިހުރީ ކަނޑުނޫކުލައިގެ ގަމީހެކެވެ. އަޅާފައިވަނީ ކަޅާ ނޫ ކުލަ ހިމެނޭ ޓައީ އެކެވެ. ގަމީސް ބެގީކޮށްލާފައި ކަޅުކުލައިގެ ފަޓްލޫނެއްގައި ހުރިއިރު، އަރާފައިވަނީ އޮފް ބޫޓަކަށެވެ. ނާޒިލްގެ އެ ފިރިހެންވަންތަ ކަމަށް ހިތާ ހިތުން މިޝްޔާއަށް ތަޢުރީފްކޮށްލެވުނެވެ. ނާޒިލްއާ މެދު ތަފާތު ނަޒަރަކުން ދެކެވެމުން ދިޔަ މިޝްޔާ އޭނާގެ ހިތާ ދެކޮޅު ހަދަން މަސައްކަތް ކުރިނަމަވެސް، މިފަހަރު އޭނާއަށް އެކަން ކާމިޔާބެއް ނުކުރެވުނެވެ. އޭނާގެ ހިތުގައި ނާޒިލް އާމެދު އުފެދިފައިވަނީ އެއަށް ވުރެ ފުން އިޙްސާސްތަކެކެވެ. މާނަފުން ޖަޒުބާތުތަކެކެވެ. އެ އިޙްސާސްތައް ކޮންޓްރޯލްކުރުމަކީ މިއަދު އޭނާއަށް ފަސޭހަކަމެއް ނޫނެވެ. ހިތުގެ އާދޭސްތަކާ ދެކޮޅު ހެދުމަކީ އަބަދަކު ފަސޭހަކަމެއް ވެސް ނޫންތާއެވެ. އޭނާގެ ބަސްނާހާ ހިތް ކިޔަމަން ކުރުވާނޭ ގޮތެއް މިޝްޔާއަކަށް ނޭނގުނެވެ. އެހިތުގެ އެދުމުގެ ކުރިމަތީގައި އޭނާ ބަލި ކަށިވެއްޖެއެވެ. އޭނާފަދަ މަސްތުވާތަކެތީގެ ވަބާގައި ޖެހި އެކަމުގެ ތެރޭގައި ޣަރަގުވެފައިވާ މީހަކަށް ނާޒިލްއަކީ އެކަށީގެންވާ މީހެއް ނޫނެވެ. ނާޒިލް އޭނާއާ މެދު އެފަދަ ނަޒަރަކުން ނުވެސް ދެކޭނެއެވެ. ނާޒިލްއަށް އޭނާއަކީ ނާޒިލްގެ އެހެން ބަލިމީހުންނެކޭ އެއްފަދަ ބަލި މީހެކެވެ. އެ ޙިޔާލުން މިޝްޔާގެ ހިތަށް މާޔޫސްކަން ވެރިވެގެން ދިޔައެވެ. އެ ހުރިހާއިރުވެސް މިޝްޔާއަށް ހުރެވުނީ ނާޒިލްއަށް ބަލަހައްޓައިގެންނެވެ.

ނާޒިލް އެހާ ވަރަށް އޭނާއަށް ބަލަން ފެށުމުން މިޝްޔާ ލަދުގަންނަ ގޮތްވިއެވެ. މާގިނައިރަކު އޭނާއަށް ނާޒިލްގެ އަޅި ކުލައިގެ ދެލޮލަށް ބަލަން ކުޅަދާނައެއް ނުވިއެވެ. އެހެންކަމުން އޭނާ ނާޒިލްއާ ނަޒަރު ވަކިކޮށްލިއެވެ. މިޝްޔާގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ގާތުން ދިރާސާކުރި ނާޒިލްގެ ތުންފަތް މައްޗަށް މައުނަވީ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މިޝްޔާ ލަދުގަތީކަން އޭނާއަށް އެނގުނެވެ. ނާޒިލް މަޑުމަޑުން މިޝްޔާއާ ދިމާލަށް ހިނގައިގަތެވެ. ކުޑަކޮށް ވަށްކަޅިން އެ ދިމާލަށް ބަލައިލި މިޝްޔާގެ ހިތުގެ ތެޅުން އިންތިހާ ބާރުވިއެވެ. އޭނާ އަމިއްލަ ހިތުގެ ޙާލު ހަމައަކަށް އަޅުވަން މަސައްކަތް ކުރިނަމަވެސް، ނާޒިލް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު އޭނާގެ ހިތުގެ ހިނގުން ދިޔައީ ބާރުވަމުންނެވެ. ހަދާނެ ގޮތެއް ނޭނގި މިޝްޔާއަށް ހުރެވުނެއެވެ. އޭނާއަށް އިސް އުފުލައިލަން މަޖުބޫރުވީ ނާޒިލް އައިސް ވާހަކަ ދެއްކުމާއެކުގައެވެ.

"މިޝްޔާ ކިހިނެއްތަ؟" ނާޒިލްގެ އެ ފިރިހެންވަންތަ އަޑު މިޝްޔާއަށް އެތަކެއް ފަހަރަކު އަޑު އިވިފައިވީނަމަވެސް މިރޭ އެ އަޑު އިވުމުންވެސް އޭނާއަށް ތަފާތު ގޮތެއް ވެގެން ދިޔައެވެ.

"އަހަރެން... އަހަރެން ރަނގަޅު..." މިޝްޔާ ބުނެލިއެވެ. އޭނާ ހިނިތުންވެލިއެވެ.

"ޔޫ ލުކް ބިއުޓިފުލް..." ނާޒިލްއަށް ހިތަށް އެރި އެތި ދުލުން ބޭރުކޮށްލެވުނުކަން އިޙްސާސްކުރެވުނުއިރު އޭނާއަށް އެވާހަކަތައް ބުނެވިއްޖެއެވެ. މިޝްޔާއަށް ބަލައިލިއިރު މިޝްޔާ ހުރީ ހައިރާންވެފައި އޭނާއަށް ބަލަހައްޓައިގެން ނަަމަވެސް، އެ ނަޒަރުގައި ލަދުވެތިކަން ވިއެވެ.

"ސޮރީ. އިޓްސް ޖަސްޓް..." ނާޒިލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

"ތޭންކްސް..." މިޝްޔާ ޝުކުރު އަދާކޮށްލުމުން ނާޒިލްގެ ތުންފަތް މައްޗަށްވެސް ހިނިތުންވުމެއް ވެރިިވިއެވެ. މިޝްޔާގެ މޫނަށް ބަލަހައްޓައިގެން ހުންނަން ނާޒިލް ކިތަންމެ ބޭނުންވިނަމަވެސް، ވަށައިގެންވީ މާހައުލަށް ނަޒަރު ހުއްޓައިލުމަށްފަހު، އޭނާ ދުރުބަލައިލިއެވެ.

ގާޒީ އައީ އެވަގުތެވެ.

އެ އޮތް އައީ ގާޒީ.." ނާޒިލް އެހެން ބުނެލިއެވެ. މިޝްޔާއާއި ނާޒިލްއާ ދެމީހުންވެސް އެ ދިމާލަށް ހިނގައިގަތެވެ.

ކައިވެނީގެ ރަސްމިއްޔާތު ފެށުމާއެކު ނައިރާގެ ހިތުގެ ތެޅުންވެސް އިންތިހާއަށް ބާރުވިއެވެ. އޭނާ އިނީ އިސްޖަހާލައިގެންނެވެ. ކައިރީގައި އިން މާކިންގެ ނަޒަރު އިރުއިރުކޮޅަކާ ނައިރާއަށް ދަތުރުކޮށްލައެވެ.

"އަނބި ގަބޫލުކޮށްފިން..." މާކިން އެހެން ބުނެލި ވަގުތު ނައިރާއަށް ކުރެވިގެންދިޔައީ ބުނެދޭން ނޭނގޭ ފަދަ އިޙްސާސްއެކެވެ. އުފާވެރިކަމުން އޭނާގެ ހިތް ފުރިގެން ދިޔަނަމަވެސް، އެވަގުތުން ފަށައިގެން އޭނާއަކީ މީހެއްގެ އަނތްބެކޭ ހިތަށް އެރުމުން ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. އަތް ފައި ފިނިވުމާއެކު އޭނާއަށް ނޭވާވެސް ހިފައްޓައިލެވުނެވެ. މާކިންގެ ތުންފަތް މައްޗަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ. މިހާރު ނައިރާ އަކީ އޭނާގެ ޙައްޤެކެވެ.

ކައިވެނިކުރެވުމުން ދެން އޮތީ ހާޟިރުވި މީހުންނަށް ތައްޔާރުކުރެވިފައިވާ ކެއުމަށް އިންސާފުކޮށްލުމެވެ. ނައިރާގެ ކައިރިއަށް ހުއްޓިލުމަށްފަހު، މިޝްޔާ ނައިރާގެ ގައިގައި ބައްދައިލިއެވެ. އަދި ނައިރާއަށް މަރްޙަބާ ކިޔެވެ.

މާކިންގެ ކައިރީގައި ހުރި ނާޒިލްއަށް ބެލެނީ މިޝްޔާއަށެވެ. އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ ބޭއިޚްތިޔާރުގައެވެ.

"މީހަކާ އިނދެވުނީމަ ދެން ރައްޓެހިން މަތިން ހަނދާން ނައްތާލާނީކީ ނޫން..." ނާޒިލް މާކިންއަށް ބަލައިލިއެވެ.

"ނައިރާ އަހަރެން އެހާ ލޯބިން ގެންގުޅެންޏާ ރައްޓެއްސަކު މަތިން އަދި ހަނދާން ނެތުމަކީ މައްސަލައެއް ނޫނެއްނު." މާކިން ލާނެތް ގޮތަކަށް ބުނެލިއެވެ.

"އަދި ކިރިޔާއޭ ކައިވެނި ކުރެވުނީ. އެހާ އަވަހަށް އާސްމާނުގައި އުދުހެން ފެށީ ތީ..." ނާޒިލްވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ.

"އިނގޭތަ؟ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އަހަންނަށް މިޝޫގެ ތުންފަތް މަތިން ހިނިތުންވުމެއް ނުފެންނަތާ... " މިޝްޔާއަށް ބަލައިލަމުން މާކިންއަށް ބުނެވުނެވެ. ހަޤީގަތުގައިވެސް މިރޭ އޭހާ ވަރަށް ހިތްހަމަޖެހިއްޖެއެވެ. ތަންކޮޅެއް ދުރުގައި ހުރި ރިފްއަތަށް ބަލައިލުމަށްފަހު، އޭނާ އެބަ އަންނަން ކަމުގައި ބުނެ މާކިން އެ ދިމާލަށް ހިނގައިގަތެވެ.

"ބައްޕާ.' މާކިން ރިފްއަތަށް ގޮވައިލަމުން އޭނާގެ ސަމާލުކަން ހޯދައިލިއެވެ. ރިފްއަތު އޭނާއަށް ބަލައިލުމުން މާކިން ދުރުގައިހުރި މިޝްޔާ ދައްކައިލުމަށްފަހު، މިޝްޔާއަށް ގޮވައިލާ ވާހަކަ ދައްކައިލަން ރިފްއަތުގެ ކައިރީގައި އެދުނެވެ.

"މިޝޫ ވަރަށް ބަދަލުވެއްޖެޔޭ ބައްޕާ. ޝީ ނީޑްސް އަވަރ ސަޕޯޓް. ވަކިން ހާއްސަކޮށް ބައްޕަގެ އެއްބާރުލުން މިޝޫ ބޭނުންވޭ... އެއްފަހަރުވެސް ބައްޕަ އަތް ދިއްކޮށްލަބަލަ! މިޝޫ ބައްޕަގެ އަތުގައި ނުހިފާތޯ. މިޝޫ ނުބުންޏަސް ބައްޕަގެ ލޯތްބަށް އޭނަވެސް ބޭނުންވާނެއެއްނު. އައި ނޯ މިޝޫއަށް މިސްޓޭކެއް ހެދިއްޖެކަން. އެކަމަކު އެ ޙާލަތަށް އޭނަ ދާން އެންމެންގެވެސް އިހުމާލެއް އެބަ އޮތޭ... " މާކިން އެހެން ބުނެލުމުން ރިފްއަތަށް ވެސް މިޝްޔާއަށް ބަލައިލެވުނެވެ. މިރޭ އޭނާއަށް މިޝްޔާގެ މޫނުމަތިން ފެންނަމުން ދަނީ ވަރަށް ވެސް ތަފާތު ކުލަވަރުތަކެކެވެ. ރިފްއަތުގެ ހިތަށް ވެސް އަސަރުކުރިއެވެ. މިޝްޔާއާ ވާހަކަ ދައްކަން ބޭނުންވެފައި ހުރިނަމަވެސް އެ ދެމެދުގައިވީ ދުރުކަމާ އެކު އޭނާއަށް ގޮސް ބުނާނެ އެއްޗެއް ނޭނގުނެވެ.

ބައްޕަ މިޝޫ އާ ވާހަކަ ދައްކާނަން." ރިފްއަތު ބުނެލިއެވެ. މާކިން ހިނިތުންވެލިއެވެ.

އެންމެން ދިޔުމުން މާކިންއާއި ނައިރާއާއި ދެމީހުން ވެސް އެމީހުންގެ ކޮޓަރިއަށް ގޮސް ވަނެވެ. ކޮޓަރިއަށް ވަދެފައި ނައިރާ މަޑުޖެހިލިއިރު މާކިން ކޮޓަރީގެ ދޮރުފަތް ލައްޕައިލުމާއެކު އޭނާގެ ހިތުގެ ތެޅުން އިންތިހާ ބާރުވިއެވެ. ދެއަތް ދެއަތާ މޮޑެވެން ފެށުނެވެ.

އޭނާއަށް ފުރަގަސްދީގެން ހުރި ނައިރާއަށް ބަލައިލުމަށްފަހު، މާކިން މަޑުމަޑުންއެ ދިމާލަށް ހިނގައިގަތެވެ. އޭނާ ގޮސް ނައިރާގެ ކުރިމައްޗަށް އެރިއިރު ނައިރާ ހުރީ އިސްޖަހާލައިގެންނެވެ. އޭނާ މަޑުމަޑުން އަތުގެ ދެ އިނގިލި ނައިރާގެ ދަތްދޮޅި ދަށަށް ލައްވައިލާ އިސް އުފުލުވައިލިއެވެ. އެއަށްފަހު އޭނާ ނައިރާގެ ނިތުގައި ބޮސް ދިނެވެ. އެއަށްފަހު އޭނާ ނައިރާގެ ގައިގައި ބައްދައިލިއެވެ. ނައިރާވެސް މާކިންގެ އުނަގަނޑުގައި އަތް ވަށައިލިއެވެ.

ނައިރާއާ ދުރުވެލި މާކިންގެ ނަޒަރު ހުއްޓުނީ ނައިރާގެ ތުންފަތަށެވެ. މާކިންގެ އެ ނަޒަރު މާނަ ކުރެވުމާއެކު ނައިރާ ލަދުގަންނަގޮތްވިއެވެ. އިތުރު ހަރަކާތެއް ގެންނަން ފުރުސަތު ނުދީ މާކިން އެ ދެމެދުގައިވީ ދާއިރާ ހަނިކޮށްލިއެވެ. ނައިރާވެސް މާކިންގެ އެ އަމަލާ ދެކޮޅު ހަދާކޮށް ނޫޅުނެވެ.

*****

ކައިވެންޏަށް މަންމަ ނައުމުން ނައިރާ އެކަމާ ދެރަވެގެން ޖެހިގެން އައި ދުވަހު އެވާހަކަ މާކިންގެ ކައިރީގައި ދެއްކިއެވެ.

"ނައިރާ ބޭނުންތަ މަންމަ ކައިރިއަށް ގޮސްލަން؟" މާކިން ސުވާލުކޮށްލިއެވެ. ނައިރާ ބޯ ޖަހައިލިއެވެ. މަންމަ އޭނާގެ ކައިވެންޏަށް ނައެއްކަމަކު އޭނާ ދިޔުމަކީ ކުރަން ޖެހޭ ކަމެއްކަމުގައި އޭނާއަށް ގަބޫލުކުރެވެނީއެވެ.

"އަހަރެން ބޭނުމެއް ނުވޭ ނައިރާއަށް އެއްވެސް ގޮތަކުން ހާރޓް ވާކަށް. އެކަމަކު މަންމަ ކައިރިއަށް ދާން ބޭނުންވަންޏާ އަހަންނެއް ނުހުއްޓުވާނަން. އަހަރެންވެސް ނައިރާ އާ އެކީގައި ދާނަން އޯކޭ؟" މާކިން ނައިރާގެ އަތުގައި ހިފައިލިއެވެ. އެ ދެމީހުން ތިބީ ކޮޓަރީގައެވެ.

"ބުނޭ ކޮން އިރަކުން ދާނީ؟" މާކިން ސުވާލުކޮށްލިއެވެ.

"މިއަދު؟ ދެވޭނެތަ؟ ނުދެވެންޏާ އަދި އެއްފަހަރު މަންމައާ ބައްދަލުކޮށްލަން އަހަރެން އެކަނިވެސް ގޮސްފާނަން... ކައިވެނި ކުރި ވާހަކަ ބުނެލަން ބޭނުން." ނައިރާ ބުނެލިއެވެ.

"މިއަދު.... އޮފީސް ނިންމާފަ އެބައޮތް މީޓިންއެއް. ހިޔެއްނުވޭ ދެވޭނެހެންނެއް. ހަމަ މިއަދުތަ ދާން ބޭނުންވަނީ؟" މާކިން ސުވާލުކޮށްލިއެވެ. ނައިރާ އެއްޗެއް ނުބުނުމުން މާކިން ވާހަކަ ދެއްކިއެވެ. ނައިރާ މިއަދު ކޮންމެހެންވެސް ދާން ބޭނުންވާކަން އޭނާއަށް އެނގުނެވެ. އޭނާ ކިތަންމެ ދާން ބޭނުންވިޔަސް މީޓިން ކެންސަލް ކޮށްލެވެން ނެތުމުން މާކިންވެސް އެކަމާ ދެކޮޅެއް ނުހަދައެވެ.

"މިޝޫ ގޮވައިގެން ދާންވީނު. އޯކޭތަ؟ " މާކިން ސުވާލުކޮށްލިއެވެ. ނައިރާ ވިސްނައިލުމަށްފަހު ބޯ ޖަހައިލިއެވެ.

ހަވީރު މިޝްޔާ ވެސް ނައިރާއާއެކު ދާން ވެގެން ތައްޔާރުވިއެވެ. ދެމީހުން ގޮސް ކާރަށް އެރުމަށްފަހު ޑްރައިވަރުގާތުގައި ދާންވީތަން ބުނެލިއެވެ. ނައިރާ މިޝްޔާއަށް ކޮންމެވެސް ވަރަކަށް އޭނާގެ މަންމަގެ ވާހަކަތައް ކިޔަދިނެވެ. މިޝްޔާ ނައިރާއަށް ހިތްވަރު ދިނެވެ. އެގެއާ ހިސާބަށް އާދެވުމުން ކާރުން ފައިބައިގެން ގޮސް ދެމީހުން އެގެ އިންނަ ގޯޅިތެރެއަށް ވަނެވެ. ސިޑިން މައްޗަށް އެރުމަށްފަހު، ނައިރާ ދޮރުގައި ޓަކި ޖަހައިލިއެވެ. އޭނާ މިޝްޔާއަށް ބަލައިލުމުން މިޝްޔާ ބޯ ޖަހައިލީ ހުރިހާކަމެއް ވެސް ރަނގަޅުވާނެޔޭ ބުނާފދަދައަކުންނެވެ. ޓަކި ޖަހައިލިތާ އިރުކޮޅެއް ފަހުން ދޮރު ހުޅުވައިލުމާއެކު މިޝްޔާވެސް ފޯނަށް ބަލަން ހުރެފައި އިސް އުފުލައިލިއެވެ. ފެނުނު މީހެއްގެ ސަބަބުން އޭނާގެ ހުރިހާ ހިއްސުތަކެއްގެ މަސައްކަތްތައްވެސް މަޑުޖެހިގެން ދިޔައެވެ. ސިކުނޑީގެ މަސައްކަތްހުއްޓި މީހާ ގަނޑުވިއެވެ.

(ނުނިމޭ)