30 Nov 2022, 02:27
ފީފާ ވޯލްޑް ކަޕްގައި ވޭލްސް ބަލިކޮށް އިންގްލޭންޑުން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ގަތަރުގެ އަލް ރައްޔާން ސްޓޭޑިއަމްގައި ކުޅުނު އެ މެޗު އިންގްލޭންޑުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
އެ މެޗު ފަށައިގެން އިންގްލޭންޑުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 37 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމްގެ އެހީތެރިކަމާއެކު، ފިލް ފޯޑެން އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ، ދެއްކި އިތުރު ވަގުތުގެ ތެރޭގައި ވޭލްސް އިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެގޮތުން އޭރިއާ ބޭރުން ވޭލްސްގެ ޖޯ އެލަން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.
ދެވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގެ ތެރޭގައި އިންގްލޭންޑުން ވަނީ ގޯލެއް ޖަހައި ލީޑު ނަގާފައެވެ. އެ ގޯލަކީ އިންގްލޭންޑަށް ލިބުނު ހިލޭ ޖެހުމަކުން މާކަސް ރަޝްފޯޑް ޖެހި ގޯލެކެވެ.

ފީފާ ވޯލްޑްކަޕްގައި އިންގްލޭންޑާއި ވޭލްސް ބައްދަލުކުރި މެޗުގެ ތެރެއިން ----
އޭގެ މިނެޓެއްފަހުން ވޭލްސްގެ އޭރިއާ ބޭރުން ހެރީ ކޭން ނެގި ހުރަހަކުން ފިލް ފޯޑެން ވަނީ މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ.
މެޗުގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ކެލްވިން ފިލިޕްސްގެ އެހީއާއެކު މެޗުގައި މޮޅު ކުޅުމެއް ދެއްކި ރަޝްފޯޑް ވަނީ އިންގްލޭންޑުގެ ތިންވަނަ ގޯލު ޖަހައިފައެވެ.
މި މޮޅާއެކު އިންގްލޭންޑް ވަނީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރު ކުރީ ހަތް ޕޮއިންޓާއެކުއެވެ.
ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއެވެ، އެ ޓީމު ވަނީ އެއް މެޗުން މޮޅުވެ ދެ މެޗު އެއްވަރުވެފައެވެ. އެ ޓީމު ދެވަނައިގައި އޮތީ ފަސް ޕޮއިންޓު ހޯދައިގެންނެވެ.
ތާވަލުގެ ތިންވަނައިގައި އިރާން ތިން ޕޮއިންޓާއެކު އޮތްއިރު އެ ގްރޫޕްގެ ފުލުގައި އޮތީ ވޭލްސްއެވެ.