09 Apr 2012, 08:22
ސުނާމީ ކާރިސާއަށްފަހު ރާއްޖޭގެ ރަށްރަށުގެ ފެން ފަށަލަ މުޅިންހެން ހަލާކުވެގެން ދިޔަ އެވެ. ކުރިން އެ ރަށްރަށުގެ ބިމުން ނަގާ ފެން ކައްކާށާއި ބޯން ބޭނުންކުރަމުންދިޔަ ރަށްރަށް ގިނަ އެވެ. ހަމައެއާއެކު އަހަރުގެ ފުރަތަމަ ކްއާޓަރުގައި ހަނަފަސްކަން އައިސް ރާއްޖޭގެ ގިނަ ރަށްރަށެއް ފެނަށް ޖެހެ އެވެ. ސާފު ބޯފެން ނުލިބި އެތައް މަސް ދުވަސް ހޭދަކުރަންޖެހެ އެވެ. ވާރޭ ނުވެހި ދުވަސްތަކެއް ފާއިތުވެއްޖެނަމަ ފެނުގެ މައްސަލަތައް އިންތިހާއަށް ދެއެވެ.
ބޯފެނަށް ޖެހިގެން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް މިއަހަރުގެ މިހާތަނަށް 55 ރަށަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އޭގެތެރެއިން އައްޑޫ ސިޓީގެ ބައެއް ރަށްރަށާއި ރ މަޑުއްވަރީ، ބ. ކެންދޫ އދ ގދ. ވިލިނގިއްޔަށް އެމްއެމްޑީއެފާއި ޑިޒާސްޓާ ގުޅިގެން ވަނީ ފެން ފޯރުކޮށްދީފަ އެވެ. ނަމަވެސް އަދިވެސް ގިނަ ރަށްރަށަށް ފެން ލިބިފައިނުވާތީ ފެނުނުގެ ޝަކުވާތައް ވަނީ ފުނިޖެހިފަ އެވެ.
ސުނާމީ އަރައި ރާއްޖޭގެ ގިނަ ރަށްރަށުގެ ފެން ފަށަލަ ތަޣައްޔަރުވި ފަހުން، މީރު ފެން ނުލިބޭ މޫސުމެއް ކޮންމެ އަހަރަކު އަންނަން ފަށާފައިވާއިރު ރަށުގެ ބިމުން ނަގާ ފެން އެއްވެސް ގޮތަކަށް ބޭނުން ނުކުރުމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުން އަންގާފައިވާ ރަށްތައް ވެސް މަދެއް ނޫނެވެ. އަދި ބައެއް ރަށްރަށުގެ ފެނުން ދުވާ ނުބައިވަހުންނާއި ލޮނުގެ އަސަރު އެކުލެވިފައިވާ މިންވަރަށް ބަލާ ކެއްކުމަށާއި ބޯން ބޭނުން ކުރުމަށް ވެސް އެކަށީގެނެއް ނުވެ އެވެ.
ބައެއް ރަށްރަށުގެ ކައުންސިލްތަކުން ބުނާ ގޮތުގައި ވާރޭ ނުވެހި ގިނަ ދުވަސް ވާއިރު އޮންނަނީ ފެނުގެ މައްސަލަތައް ބޯމަތިވެފަ އެވެ. ސާފު ބޯފެން ނުލިބުމުން މިނަރަލް ވޯޓާ ގަނެގެން ބޭނުން ކުރުމުގެ ފުއްދުންތެރިކަން އެންމެންގެ ނުހުރެ އެވެ.
"ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވާއިރަށް. މިއޮންނަނީ ފެނަށް ޖެހިފައި. އާއްމުގޮތެއްގައި ކެއްކުމާއި ބުއިމަށް ވެސް މިބޭނުން ކުރަނީ ވާރޭ ފެން. އެންމެނަކަށް މިނަރަލްވޯޓާ އެފޯޑެއް ނުކުރެވޭ. ދެން ގޮތް ހުސްވުމުން ޖެހެނީ ކައްކައިގެން ނަމަވެސް ވަޅު ފެން ބޭނުން ކުރަން،" ވަރަށް ފަހުން ފެނަށް ޖެހިގެން އެމްއެންޑީއެފުން ފެން ފޯރުކޮށްދީފައިވާ ބ. ކެންދޫގެ ކައުންސިލްގެ ރައީސް އަބްދުލް މުހުސިން އަބޫބަކުރު ވިދާޅުވި އެވެ.
ފެނަކީ އަސާސީ ހައްގަކަށްވާއިރު ރަށްރަށް ފެނަށް ޖެހޭ މައްސަލަ ވަނީ ކޮންމެ އަހަރަކު ވެސް ބޮޑު މައްސަލައަކަށް ވެފަ އެވެ. މިއީ ސުނާމީއަށްފަހު ކޮންމެ އަހަރަކުވެސް ވަކި ދުވަސްވަރަކާ ދިމާކޮށް ކުރިމަތިވާ މައްސަލައަކަށްވާއިރު ސާފު ބޯފެނުގެ މައްސަލައަށް ވެސް މިވަނީ 12 ވަރަކަށް އަހަރުވެފަ އެވެ.
ފެނަށް ޖެހިގެން ހުށަހަޅާފައިވާ ރަށްރަށުގެ ތެރެއިން ބައެއް ރަށްރަށަށް ފެން ލިބުން ލަސްވަމުންދާ ކަމުގެ ޝަކުވާތައް ވަނީ ގިނަ ވެފަ އެވެ. އެރަށްރަށުގެ ކައުންސިލްތަކުން ބުނާ ގޮތުގައި އިމަޖެންސީގައި ފެން ފޯރުކޮށްދޭނެ ކަމަށް ޑިޒާސްޓާއިން ބުނި ނަމަވެސް އެރަށްރަށަށް ފެން ލިބެނީ ވަރަށް ލަހުންނެވެ.
ރަށްރަށަށް ފެން ފޯރުކޮށްދިނުމުގައި ޑިޒާސްޓަރު ސެންޓަރަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އެމްއެންޑީއެފުން ބުނިގޮތުގައި ރަށްރަށުން ފެނަށް ޖެހިގެން ޑިޒާސްޓާ ސެންޓަރުގައި އެދުމުން، ސިފައިން އަދާކުރާ ރޯލަކީ ފެން ބަރުކޮށްގެން އެ ސެންޓަރުން އަންގާ ރަށަކަށް އެބުނާ ދުވަހެއްގައި ފޯރުކޮށްދިނުމެވެ. އެގޮތުން މިހާރު ވެސް ސިފައިން ގެންދަނީ އައްޑޫ ސިޓީގެ ބައެއް ރަށްރަށަށް ފެން ފޯރުކޮށްދެމުންނެވެ.
ޑިޒާސްޓަރު މެނޭޖްމަންޓް ސެންޓަރުގެ ޕްރޮޖެކްޓް ޑިރެކްޓާ ހިސާން ހަސަން ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކު ވެސް ހަނަފަސް ދުވަސްވަރު ވާރޭ ނުވެހި ގިނަދުވަސްވުމުން ރައްރަށުގައި ފެނުގެ މައްސަލަތައް ކުރިމަތިވަމުންނެވެ. އަދި ބައެއް ރަށްރަށުގައި ފެން ރައްކާކުރެވޭ މިންވަރަކުން ފެން ހުސްވުމުގެ މައްސަލަ އަވަސް ވުމާއި ލަސްވުން ބިނާވެގެންދެ އެވެ.
ހިސާން ވިދާޅުވީ ފެނަކީ އަސާސީ ހައްގަކަށްވާއިރު ފެން ހުސްވެގެން އެފެން ނުލިބުމުން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށާއި ނަމަވެސް އެރަށްރަށަށް ފެން ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު އަދި އެހާމެ ހަރަދު ބޮޑު މަސައްކަތެއް ކަމަށެވެ. ހުސްވި އަހަރުތަކުގައި ފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދިނުމުގައި އެބަހުރި އަށް މިލިއަނަށްވުރެ ގިނަ ރުފިޔާ މިކަމަށް ހަރަދުކުރެވިފަ އެވެ.
" ރަށްރަށަށް ފެން މިފޯރުކޮށްދެނީ ފެން ވިއްކާ ރަށްރަށުން ފެން ގަނެގެން. އެފެން ފޯރުކޮށްދިނުމާއި ދަތުރު ފަތުރުގެ ނިޒާމާ މިހުރިހާ ކަމެއް ކުރުމުގައި ވެސް އެންމެ އަގު ހެޔޮ ގޮތެއް ބަލާފައި ފެން ފޯރުކޮށްދެވެނީ،" ހިސާން ވިދާޅުވި އެވެ.
އަސާސީ ހައްގަކަށްވާއިރު މިހާރަށް ވުރެ އަވަހަށް ދާއިމީ ގޮތެއްގައި ރަށްރަށަށް ސާފު ބޯފެން ލިބޭނެ ދުވަހަކަށް އެރަށްރަށުން ގެންދަނީ އިންތިޒާރުކުރަމުންނެވެ. މިކަމަށް ހަލެއް ބޭނުންވެ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން މި މައްސަލައަށް ހައްލެއް ހޯދަން ޓެކްނިކަލް ކަރުދާހެއް ވަޒީރުންގެ މަޖިލީހަށް އޭރު ހުށަހަޅި އެވެ. ފަހުން އޭގެ ހަބަރެއް ނުވެ އެވެ. އަދި ރާއްޖޭގައި ރެއިން ވޯޓާ ހާވެސްޓް ކުރުމުގެ މަސައްކަތް ވެސް ޕައިލެޓް ޕްރޮޖެކްތެއްގެ ގޮތުގައި ކޮރެއާ ސަރުކާރުގެ އެހީގައި ނ. އަތޮޅުގައި އިއުލާން ކުރި އެވެ. އެއީ ވާރޭފެން އެއްކޮށް ސްޓޯކުރެވޭނެ ގޮތްތަކެއް ހެދުމާއި ފެން ރައްކާކުރާ ކޮމިއުނިޓީ ސްޓޯރޭޖެ ފެސިލިޓީޒްތައް އަލުން ރަނގަޅު ފެންވަރަކަށް ގާއިމު ކުރުމަށެވެ. ފަހުން ވީ ގޮތެއް ނޭނގެ އެވެ.
ޑްރައިސީޒަން ރާއްޖޭގައި އާދަޔާހިލާފަށް ބޮޑުވެ އެއްފަހަރާ އެތައް ރަށަކަށް ފެން ފޮނުވައި ދިނުމުގެ ގާބިލުކަން ކުޑަ އެވެ. ސަބަބަކީ ފެން އުފުލުމުގެ އެވަރުގެ ސްޓޯރޭޖް ފެސިޓީޒް ހުރި އުޅަނދުވެސް ނެތުމެވެ. އަނެއް ކަމަކީ ރާއްޖޭގެ ރަށްރަށުގެ ކޮމިއުނިޓީ ރެއިންވޯޓާ ޓޭންކް ނިޒާމް މުޅިންގެން ފަނާވެގެން ދިއުމެވެ. ހަގީގަތުގައި ރާއްޖެއަށް މިހާރު އޮތީ ރެއިން ވޯޓާ ހާވެސްޓް ކުރަން ބާރު އެޅުމާއި ކޮމިއުނިޓީ ސްޓޯރޭޖް ފެސިލިޓީޒް ވަރުގަދަ ކުރުމެވެ. އެހެން ނޫނީ ކޮންމެ އަހަރެއް ޑްރައި ސީޒަންގައި ފެނުގެ ވާހަކަ ދެއްކުން ނޫން ކަމެއް ނޯންނާނެ އެވެ.