30 Nov 2022, 08:44
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގައި ހުރި މައްސަލަތައް ދެނެގަނެވި، މިސްރާބު ކުރަންވީ ގޮތް، އެކަށީގެންވާ މިންވަރަށް ސާފު ވެއްޖެ ކަމަށް އެންޑިއޭގެ ސީއީއޯ އިމާދު ޞާލިހް ވިދާޅުވެއްޖެއެވެ.
އެންޑީއޭގެ މަސައްކަތްތަކާބެހޭ ގޮތުން ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އިމާދު ވިދާޅުވީ މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަނީ މިދިޔަ ދޮޅު އަހަރު ތެރޭގައި ކުރެވިފައިހުރި މުހިއްމު މަސައްކަތްތައް ތަންފީޒު ކުރުމުގެ ކަންކަން ކަމަށެވެ.
އިމާދު ވިދާޅުވީ މަގާމާ ހަވާލުވިފަހުން މިހާތަނަށް އަތޮޅު ތެރޭގައި ހުރި ފަރުވާ ދޭ ސެންޓަރުތަކުގެ ތެރެއިން ހިންމަފުއްޓާއި ގުޅީ ފަޅާއި އައްޑޫގައި ހުރި ތަންތަނަށް ޒިޔާރަތް ކުރެވިއްޖެ ކަމަށެވެ. އަދި އެ ދަތުރުތަކުގައި އެ މަރުކަޒުތަކުގައި ހުރި މައްސަލަތައް ދެނެގަނެވި އެކަންކަން ހައްލުކުރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށް އިމާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަމަށް ތައްޔާރުވުމަށް ޓަކައި ސިޓުއޭޝަން އެނަލިސިސްއާއި ފެސިޓީ މެޕިންއާއި ސެކްޓާ މެޕިންއެއް މިހާރު ތައްޔާރުކުރެވިފައިވާ ކަމަށެވެ. އަދި އޭގެ މައްޗަށް ބިނާކޮށް ރަނގަޅުކުރަން ހުރި ކަންކަން ވަރަށް ސަފުކޮށް ފެންނާން އެބަހުރި ކަމަށް ވެސް އިމާދު ވިދާޅުވިއެވެ.
އެންޑީއޭ ރީ ސްޓްރަކްޗާ ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާކަން ހާމަ ކުރައްވަމުން އިމާދު ވިދާޅުވީ ޑިޕާޓްމެންޓް ތަކުގައި ހުރީ ކޮންކޮން މައްސަލަތަކެއް ކަމާއި ޚިދުމަތް މަޑުޖެހެނީ ކޮން ދިމާލަކުން ކަން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.
"މިދިޔަ 17 ވަރަކަށް މަސް ތެރޭގައި ގިނަ ދިރާސާގެ މަސައްކަތްތަކެއް ކުރެވުނު. ފަރުވާ ދިނުމަށް އެންޑީއޭގެ ދަށުގައި ހުރި މަރުކަޒުތަކުގެ ހާލަތު ދެނެގަނެ އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ބެލުނު. ގައުމުގައި މަސްތުވާތަކެތީގެ ހާލަތު އޮތް މިންވަރު ދެނެގަތުމަށް ސިޓުއޭޝަން އެނަލިސިސްއެއް ހެދުނު. ދާއިރާތައް ގުޅިގެން މަސައްކަތްކުރަން ޖެހޭ މިންވަރު ދެނެގަތުމަށް ސެކްޓާ މެޕިންއެއް ހެދުނު،" އިމާދު ވިދާޅުވިއެވެ.
ފަރުވާދޭ މަރުކަޒު ތަކުގައި ޖާގަ ނެތުމުގެ މައްސަލައާ ބެހޭގޮތުން އިމާދު ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަސް ފެށޭއިރު އެ ހުރިހާ ކަމެއް ހައްލުކޮށް ސެންޓަރުތަކުގެ ފުލް ކެޕޭސިޓީގައި ކްލައިންޓުން ނެގޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މީގެ ފަހުން ކުށުގެ ރެކޯޑާ ނުލާ ޑިޓޮކްސިފިކޭޝަން ސެންޓަރުތަކުގެ ޕްރޮގްރާމް ތެރެއަށް ކޮންމެ މީހަކަށް ވެސް ވަދެވޭނެ ކަމަށެވެ.
އިމާދު ވިދާޅުވީ ބައިނަލްއަގުވާމީ މިންގަނޑުން ބަލައިގެންފައިވާ ފަދައިން މަސްތުވާތަކެތީގެ މުޅި މައްސަލައަކީ ސިއްހީ މައްސަލައެއްގެ ގޮތުގައި ދެކިގެން މަސައްކަތް ފެށުނީ މިދިޔަ 17 މަސް ތެރޭގައި ކަމަށެވެ.
އޭނާ ވިދާޅުވީ ނިޒާމުގެ ތެރޭގައި މަސައްކަތްކުރަން ތިބި ދައުލަތުގެ މުވައްސަސާތަކުން ވެސް ކުރިން ގެންގުޅެމުން އައި ގަބޫލު ކުރުން ބަދަލުކޮށް ވިސްނުން އެއްގޮތް ކުރަން ޖެހޭ ކަމަށެވެ.
"މި މައްސަލައިގައި ކުރިން އަޅުގަނޑުމެން ދެކެމުން އައި ކްރިމިނަލް ވިސްނުން ދޫކޮށް މަސްތުވާތަކެތި ބޭނުންކޮށް އެޔަށް ދެވި ހިފުމަކީ ހެލްތް މައްސަލައެއްގެ ގޮތުގައި ދެކިގެން އެއް ވިސްނުމެއްގައި އެއް މައިންޑް ސެޓެއްގައި އެންމެން މަސައްކަތް ކުރަން އެބަޖެހޭ،" އިމާދު ވިދާޅުވިއެވެ.
"އެހެންވީމަ މިހާރު ކުރަމުން މި އަންނަ މަސައްކަތަކީ ހުރިހާ ސްޓޭކް ހޯލްޑަރުންނާއެކު އިށީނދެ ތިބެގެން އަޅުގަނޑުމެންގެ ތެރޭގައި މި ވިސްނުން އަށަގެންނެވުމަށް ޓަކައި ކުރެވޭ މަސައްކަތްތައް. އޭގެ ނަތީޖާ ވެސް ވަރަށް ޕޮޒިޓިވް."
މިދިޔަ އަހަރުގެ މޭ މަހުގެ ފަސް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނެޝަނަލް ޑްރަގް އެޖެންސީގެ މަސައްކަތްތައް ހެލްތް މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައެވެ.
އިމާދު ވިދާޅުވީ ހެލްތް މިނިސްޓްރީގެ ދަށަށް އެންޑީއޭ ބަދަލުކުރުމަށް ރައީސް ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު އެހާމެ ހަރުދަނާ ނިންމެވުމެއް ކަމަށެވެ.
މަގާމާއި ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ދެއްވި ޕްރެސްގައި އިމާދު ވިދާޅުވެފައިވަނީ އެންޑީއޭގެ މުޅި ސްޓްރަކްޗާއަށް ބޮޑެތި ބަދަލުތަކެއް ގެނެވި އެންޑީއޭގެ މިސްރާބް ހިފާފައި ހުރީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަނގަޅު ނަތީޖާތަކެއް ރައްޔިތުންނާ ހިސާބަށް ގެނެސްދިނުމަށް ކަމަށެވެ.