29 Nov 2022, 21:04
ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެ އަބަދުވެސް އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސަށް ފޮނުއްވި މެސެޖުގައެވެ.
ރައީސްގެ މެސެޖުގައި ވަނީ ފަލަސްތީނު ރައްޔިތުންނަށް ސުލްހަވެރިކަމާއި ތަނަވަސްކަމާއި އަބުރުވެރި ދިރިއުޅުމެއް ލިބެންޖެހޭކަމަށާއި، ފަލަސްތީނުގައި ތިބި އަޚުންނާއި އުޚުތުންނަށް ލިބެންޖެހޭ ހައްގުތައް ހޯދައިދިނުމުގައި ރާއްޖެ، ފަލަސްތީނާއެކު ދެމި އޮންނާނެ ކަމަށެވެ.
އެ މެސެޖުގައި އެމަނިކުފާނު ވަނީ ދުވަހުގެ މުނާސަބަތުގައި ފަލަސްތީނުގެ ރައްޔިތުންނާއި ފަލަސްތީނުގެ ސަރުކާރުން، އަމިއްލަ އިޚުތިޔާރުގެ ހައްގު ހާސިލުކުރުމަށް ކުރާ މަސައްކަތުގައި، ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރުން އަބަދު ވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ހަމައެއާއެކު ރައީސްގެ މެސެޖުގައި، ފަލަސްތީނުގެ މައްސަލައިގައި ސުލްހަ ގާއިމުކުރުމަށް ޓަކައި ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރެވޭ ދެ ދައުލަތުގެ ދެމެދު އޮންނަންޖެހޭނެ ހައްލަކީ، ދެމެހެއްޓެނިވި އަދި ދިގު މުއްދަތުގެ ހައްލެއްކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ، މިކަމަށް ޓަކައި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމަށް ގޮވާލައްވާފައެވެ. އަދި ރައީސް ވަނީ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރެވޭ މި އިންތިޒާމާ ޚިލާފަށް އެކަން އެއްފަރާތްކޮށް އަޅާ ފިޔަވަޅުތަކަކީ ޣައިރު ގާނޫނީ ފިޔަވަޅުތަކެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
ރައީސްގެ މެސެޖުގައި އެމަނިކުފާނު ވަނީ، ފަލަސްތީނުގެ ރައްޔިތުންގެ ހާލަތާއި ހައްގުތަކަކީ ބައިނަލްއަގުވާމީ ގޮތުން އިސްކަންދޭ ކަމެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަން ހާމަކުރައްވާފައެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވަމުން ވަނީ، މި ރާއްޖެއިން ބައިނަލްއަގުވާމީ މުޖުތަމައުގެ މެންބަރެއްގެ ހައިސިއްޔަތުން، ފަލަސްތީނަށް ފުރިހަމަ ދައުލަތެއްގެ ދަރަޖަ ހޯދުމަށް ވަރަށް ބޮޑަށް ވަކާލާތުކޮށް، ފަލަސްތީނުގެ ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމައަށް ލިބިގަތުމާއި، ހިމާޔަތްކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތު ހަނދާންކޮށްދެމުން ގެންދާނެކަން ފާހަގަކުރައްވާފައެވެ.