08 Apr 2012, 22:39
އެމްޑީޕީގެ ނައިބު ރައީސް އަލްހާނު ފަހުމީގެ ބައްޕާފުޅު މުހައްމަދު ފަހުމީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ. މިރޭ ޖުމްހޫރީ ޕާޓީ އޮފީހުގައި ބޭއްވި ރަސްމިޔާތުގައި ފަހުމީގެ އިތުރުން އޭނާގެ ދަރިކަލުން ބުންޔާމީން ފަހުމީ ވެސް މިރޭ ޖުމްހޫރީ ޕާޓީއާ ވަނީ ގުޅިވަޑައިގެންފަ އެވެ.
ކުރިން ޑީއާރުޕީގައި ހުންނެވުމަށް ފަހު، މިރޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތް ފަހުމީ، މިރޭ ޖުމްހޫރީ ޕާޓީ އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ އެއްވެސް ބޭފުޅަކު އެދިވަޑައިގެން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ޑީއާރުޕީ އާ ގުޅިވަޑައިގަތީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކަމަށާއި އޭގެ ކުރީގައި ހުންނެވީ އަދާލަތު ޕާޓީގައި ކަމަށެވެ. ނަމަވެސް ކޮންމެވެސް ކަމަކާ ހިއްޕުޅާ ނުވެގެން އެ ޕާޓީން ވަކިވެވަޑައިގަތީ ކަމަށެވެ.
"އަޅުގަނޑު ޑީއާރުޕީގައި ހުރުމަށް ފަހު ވަރަށް ގިނަ ޒަމާންވަންދެން އެ ޕާޓީ އަށް އެއްވެސް ހިދުމަތެއް ލިބިދިނުމެއްނެތި ދިއުމަށް ފަހު އަޅުގަނޑު އަމިއްލަ އަށް އެދިގެން ޖުމްހޫރީ ޕާޓީއަށް މި ބައިވެރިވީ، އެއްގޮތަކަށް ވެސް ޕާޓީގެ އެއްވެސް ބޭފަޅު އަޅުގަނޑުގެ ކިބައިން އެދިވަޑައިގެންނެއް ނޫން،" އެނާ ވިދާޅުވި އެވެ.
އަދި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ޕާޓީ ތެރޭގައި ހުންނަ އިދިކޮޅު ހިޔާލުތަކާ އެއްކޮށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ގަބޫލުފުޅު ކުރެއްވިގެން ކަމަށާއި އަދި ފަހުމީގެ ދަރިކަލުން ބުންޔާމީން ވެސް އެ ޕާޓީއާ ގުޅިވަޑައިގެންނެވީ އެގޮތް ގަބޫލު ކުރެއްވިގެން ކަމަށް ފަހުމީ ވިދާޅުވި އެވެ.
މިހާރު ސްރީލަންކާގައި ދިރިއުޅުއްވަމުން ގެންދަވާތާ ފަހުމީ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކުރިއެރުމަށް މަސައްކަތްތައް ކޮށްދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެން ޕާޓީން އިރާދަކުރެއްވިއްޔާ ދިވެހި ރާއްޖެ އަށް، އެހެން ޕާޓީތަކާ ވެސް ގުޅިގެން އަނިޔާނުކޮށް، ދުއްތުރާ ނުކޮށް، ހިދުމަތްތަކެއް ކުރެވޭ ޕާޓީއަކަށް ހެދުމުގައި ގާސިމް އަރިހުގައި އަދި އެހެނިހެން ވެސް ގުނަވަންތަކާ ގުޅިގެން އަޅުގަނޑަށް ވެސްވީ މަސައްކަތެއް ރާއްޖެ އިން ބޭރުގައި ހުރެގެން ވެސް އަޅުގަނޑަށް ކޮށްދެވެން އޮތީ ވިއްޔާ ކޮށްދިނުމަށް އަޅުގަނޑު މި ޕާޓީއާ މި ބައިވެރިވީ." އޭނާ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ އަލްހާނު އެމްޑީޕީގެ ނާއިބު ރައީސް މަގާމުގައި ހުންނެވި ނަމަވެސް އާއިލާގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެތް ނެތް ކަމަށާއި ކޮންމެ ދަރިޔަކަށް ވެސް އެމީހެއްގެ ސިޔާސީ ފިކުރައިގެން ކުރިއަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އަދި ޝަރުއީ ހުކުމަކާއި ނުލާ އެއްވެސް މީހަކާ ދިމާލަށް ބާޣީއެކޭ ނުބުނެވޭނެ ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަން އަމިއްލަފުޅަށް ދޫކޮށްލެއްވީ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަން ކުރެއްވީ އިނގިރޭސިނާ ގުޅިގެން ކަމަށް ވިދާޅުވެ ނަޝީދު ގެންގުޅުއްވި ދީނީ ސިޔާސަތަށް ފަހުމީ ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.
މީގެ އިތުރުން ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ މުޒާހަރާ އަށް ނިކުމެވަޑައިގަތުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫންކަމަށާއި ރައީސް ވަހީދު ވެސް މުޒާހާރާ އަކަށް ނިކުމެވަޑައިގަތުމަށް ދެކޮޅު ހައްދަވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.