29 Nov 2022, 17:17
ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް ސަރުކާރަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް އުސޫލެއް އެކުލަވާލައި, މިއަދު އަމަލުކުރަން ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ގެޒެޓްކޮށްފައިވާ އުސޫލުގައި ބުނެފައި ވަނީ އެއީ އެކިއެކި ވިޔަފާރި އެއްބަސްވުންތަކުގައި ސަރުކާރުން ފާޅުކަން ބޮޑު ބޭއިންސާފެއް ލިބޭގޮތަށް އަމަލުކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓުން ބޮޑެތި އަދަދުތަކެއް ނެގުމުގެ ފުރުސަތު އޮތުމާއެކު އެފަދަ ބޮޑެތި ގެއްލުންތައް ކުޑަ ކުރުމަށް އެފަދަ މައްސަލަތައް ކޯޓުން ބޭރުގައި ނިންމުމަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށެވެ.
މި އުސޫލުގެ ދަށުން ބެލޭނީ އޮގަސްޓް 7, 2008އިން ފެށިގެން މިއަދާ ހަމައަށް ޖެހޭ މައްސަލަތަކުގެ ތެރެއިން ކޯޓަށް ނުވަތަ ދައުލަތުގެ އިދާރާއަކަށް ހުށަހެޅުމަށްފަހު ހައްލު ނުލިބި، މަދުވެގެން ތިން އަހަރު ވެފައިވާ މައްސަލަތަކެވެ.
އެގޮތުން އެއްބަސްވުމެއް ބާތިލުކުރުން، އެއްބަސްވުމަކާ އެއްގޮތަށް އަމަލުނުކުރުން، އެއްބަސްވުމާ ޚިލާފުވުން، ނުވަތަ ރަސްމީ ހުއްދައެއް ދިނުން ނުވަތަ ބާތިލުކުރުމުގެ ސަބަބުން ސަރުކާރާއި އެއްބަސްވެވުނު ފަރާތާ ދެމެދު ޖެހޭ މައްސަލަތައް މި އުސޫލުގެ ދަށުން ބެލޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ކުރިން ހުށަހަޅާފައިނުވާ މައްސަލަތައް ހުށަހެޅުމަށް މި އުސޫލުގެ ދަށުން، މިއަދުން ފެށިގެން 30 ދުވަސް ލިބޭއިރު، އޭގެތެރެއިން އެއްބަސްވުންތަކުގެ މައްސަލަތައް ހުށަހަޅަން ޖެހޭނީ އެ އެއްބަސްވުމެއް އެކުލަވާލި މިނިސްޓްރީ ނުވަތަ އިދާރާއަކަށެވެ. އަދި، އެއްބަސްވުންތަކާ ގުޅުންހުރި ވިޔަފާރީގެ ހުއްދަތަކުގެ މައްސަލަތައް ހުށަހަޅަން ޖެހޭނީ އެކަން ރެގިއުލޭޓް ކުރާ މިނިސްޓްރީ ނުވަތަ އިދާރާއަށެވެ.
މީގެ އިތުރުން، މި އުސޫލުގެ ދަށުން ހުށަހެޅޭ މައްސަލަތައް ހައްލުކުރުން އަވަސްކޮށް އެކަމުގައި ލަފާދޭނޭ ކޮމިޓީއެއް އެކުލަވާލުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މި ކޮމެޓީގައި ހިމެނޭނީ ރައީސް އޮފީސް، ފިނޭންސް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ޓުއަރިޒަމް މިނިސްޓްރީ، ފިޝަރީޒް މިނިސްޓްރީ، އަދި އެންވަޔަރަމަންޓް މިނިސްޓްރީން ކަނޑައަޅާ މެމްބަރުންނެވެ. ކޮމިޓީއިން ފަންނީ ލަފައަށް ނުވަތަ ދިރާސާއެއް ކުރުމަށް ބޭނުންވެއްޖެ ހާލަތެއްގައި އެހެން ފަރާތްތައް ކޮމިޓީގެ މަސައްކަތުގައި ބައިވެރިކުރެވޭނެއެވެ.
މި އުސޫލުގެ ދަށުން ހުށަހެޅޭ މައްސަލަތައް ފުރަތަމަ ދިރާސާ ކުރާނީ މައްސަލަ ހުށަހެޅޭ މިނިސްޓްރީ ނުވަތަ އިދާރާއަކުން އުސޫލާ ޚިލާފުނުވާ ގޮތަށް ކަނޑައަޅާ އުސޫލެއްގެ ދަށުން އެ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުންނެވެ. މައްސަލަ ހައްލުކުރުމުގައި މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާ ލިޔެކިޔުންތަކަށް އެ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުން ރިއާޔަތްކުރަން ޖެހޭއިރު އިތުރަށް ލިޔެކިޔުންތައް ނުވަތަ އަނގަބަހުން މައުލޫމާތު ހޯދުމުގެ ފުރުސަތު މައްސަލަ ދިރާސާކުރާ އިދާރާއަށް ލިބޭނެއެވެ.
އެއަށްފަހު ކޮމެޓީއަށް ހުށަހެޅޭ މައްސަލަތައް ދިރާސާ ކުރުމަށްފަހު ގާނޫނުތަކާ ޚިލާފަށް އަމަލުކޮށްފައިވާނަމަ އެފަދަ މައްސަލައެއް ބަލައި އެކަމާ ގުޅުންހުރި މިނިސްޓްރީން ނުވަތަ އިދާރާއިން އެމައްސަލައިގައި އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ ޚިލާފަށް ކަމުގައި ވަނީ ނަމަ ކޯޓުން ބޭރުންވެސް މައްސަލަ ހައްލު ކުރެވިދާނެކަމަށް މި އުސޫލުގައި ބުނެފައިވެއެވެ. މިފަދަ މައްސަލައެއް ބެލުމަށް ހުށަހަޅާ މިނިސްޓްރީއަކުން 90 ދުވަހުގެ ތެރޭގައި އެމައްސަލައެއް ބަލައި ކޮމެޓީއަށް ފޮނުވަންޖެހޭނެއެވެ.
މި އުސޫލު އެކުލަވާލާފައި ވަނީ ދައުލަތުގެ މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގެ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާ ކުރުމަށް އޭސީސީން ނެރުނު "ހުދު ކަރުދާސް" މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ދިރާސާކޮށް މިފަދަ ކަންކަމުގައި ބަދަލު ދެވޭނެ އުސޫލެއް ކަނޑައެޅުމަށް މަޖިލީހުން ސަރުކާރަށް ދީފައިވާ ލަފާގެ މަތީންނެވެ.