ހުޅުމާލޭގެ އިންޑަސްޓްރިއަލް ޒޯންގެ އިމާރާތްތައް އަށް ބުރިއަށް އުސްކުރުމުގެ ހުއްދަ, ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދީފިއެވެ.

އެޗްޑީސީން ބުނީ އެ ހުއްދަ ދިނީ ހުޅުމާލޭގައި ވިޔަފާރިތައް ގިނަވަމުން އަންނާތީ، އިތުރު ވަސީލަތްތައް ޤާއިމުކުރުމުގެ ބޭނުމުގައިކަމަށެވެ. އަދި އެ ސަރަހައްދުގެ ޑިމާންޑަށް ލުޔެއް ހޯދުމާއި ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމަށްކަމަށެވެ.

ކުރިން އެ ޒޯންގެ އިމާރާތްތައް އެންމެ އުސްކޮށް ނެގެނީ ހަ ބުރިއަށެވެ.

އުސްކުރަން ހުއްދަ ދިނުމުން އިންޑަސްޓްރިއަލް ބޭނުންތަކަށް ހުޅުމާލޭގައި ކަނޑައެޅިފައިވާ ފްލޯ ސްޕޭސް އިތުރުކުރުވާނެއެެެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ހިއްކައި ތަރައްގީ ކުރަން ފެށި ހުޅުމާލެއިން އެންމެ ފުރަތަމަ އާންމު ގެތައް އުސްކުރަން ވެސް ހުއްދަ ދިނީ ތިން ބުރިއަށެވެ. ފަހުން ވަނީ ހަ ބުރިއަށް މީހުންގެ ގޭގޭ އުސްކުރުމުގެ ހުއްދަ ދީފައެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 25 ބުރިއަށް ވަނީ ހިޔާ ފްލެޓްތައް އިމާރާތް ކޮށްފައެވެ.

އެޗްޑީސީން އަންނަނީ ހުޅުމާލޭގެ ކަންކަމަށް ގިނަ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން މަގުތަކުގެ ޕްލޭންތަކާއި އާންމު ތަންތަން ތަރައްގީކުރާނެ ގޮތުގެ ޕްލޭންތައް އަންނަނީ އެކުލަވައިލަމުންނެވެ.

އެ ކޯޕަރޭޝަނުން ބުނީ ރައްޔިތުން އެދޭ ކަންކަން ގާތުން ބަލައި އެ ކަންކަމަށް އަވަސް ހައްލު ހޯދައިދިނުމަށް އެ ކުންފުނިން އަބަދުވެސް އިސްކަންދޭނެކަމަށެވެ.