މިއަހަރުގެ އޮސްކާ އިވެންޓު ތެރޭގައި ހިނގައި ދިޔަ ހަމަނުޖެހުމަށްފަހު މަޝްހޫރު އެކްޓަރު ވިލް ސްމިތު އަލުން ސްކްރީނުން ފެންނަން ފޭނުން އަދި ރެޑީ ނުވެދާނެ ކަމަށާއި އެއީ ގަބޫލު ކުރާ ކަމެއް ކަމަށް އޭނާ ބުނެފިއެވެ.

މި އަހަރުގެ އޮސްކާ އިވެންޓުގައި އެމްސީއަށް ހުރި ކްރިސް ރޮކް، ޖެހި ޖޯކަކާ ގުޅިގެން ސްޓޭޖަށް އަރައި ވިލް ސްމިތު ވަނީ އޭނާގެ މޫނު މަތީގައި ޖަހާފައެވެ. އެ މައްސަލަ އެންމެފަހުން ގޯސްވެ އޮސްކާއިން ވަނީ ސްމިތު އޮސްކާ އެވޯޑުގައި ބައިވެރި ނުވެވޭ ގޮތަށް ނިންމާފައެވެ.

އެއަށްފަހު އެކަމާ ގުޅިގެން ސްމިތު ވަނީ ރޮކް ގާތުން މައާފަށް ވެސް އެދިފައެވެ. އަދި އޮސްކާގެ ނިންމުމަށް ގަދަރު ކުރާ ކަމަށް ވެސް ސްމިތު ބުންޏެވެ.

އޮސްކާގައި ހިނގައި ދިޔަ ކަންތަކާ ގުޅިގެން ވިލް ސްމިތުގެ ބައެއް އުފެއްދުންތައް ކެންސަލުކޮށް އަނެއްބައި އުފެއްދުންތައް ފަސްކުރިއެވެ. ނަމަވެސް އޮސްކާ ޑްރާމާއަށް ފަހު އޭނާގެ ފުރަތަމަ ފިލްމު އަންނަ މަހުގެ ނުވަ ވަނަ ދުވަހު ނެރުމަށް ވަނީ ހަމަޖެހިފައެވެ.

"އެމެންސެޕޭޝަން"ގެ ނަމުގައި ނެރޭ ފިލްމާއެކު ސްމިތު ހުރީ ގިނަ އުއްމީދުތަކާއެކުގައެވެ. ނަމަވެސް އެ ފިލްމު ބެލުމަށް ފޭނުން ބޭނުން ނުވެ ދާނެ ކަމަށް އޭނާ ގަބޫލުކުރެއެވެ.

ފިލްމު ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަ ދައްކަމުން ވިލް ސްމިތު ބުނެފައިވަނީ އެ ފިލްމު ބެލުމަށް ރެޑީ ނޫން މީހެއްގެ ނިންމުމަށް ވަރަށް އިހުތިރާމް ކުރާ ކަމަށެވެ. ނަމަވެސް އޭނާގެ ޓީމުން ވަނީ ފިލްމަށް ވަރަށް މަސައްކަތް ކޮށްފައި ކަމަށް އޭނާ ބުންޏެވެ.

އެމެންސެޕޭޝަން އަކީ އެކްޝަން ތުރިލާ ފިލްމެކެވެ. މި ފިލްމަކީ އެޕަލްގެ ސްޓްރީމިން ސާވިސް "އެޕަލް ޓީވީ ޕްލަސް" އަށް ނެރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.