29 Nov 2022, 09:53
މިއަހަރުގެ ބަހަކީ "ގޭސްލައިޓިން" ކަމަށް އެންމެ ދުވަސްވީ އެއް ޑިކްޝަނަރީ ކުންފުނިން މީރިއަމް ވެބްސްޓާ އިން ބުނެފިއެވެ.
މީރިއަމް ވެބްސްޓާ އަކީ ޒަމާނާއެކު ބަދަލުވަމުން އަންނަ ބަސްތައް އާންމުކޮށް ރެކޯޑުކުރާ ކުންފުންޏެކެވެ. އެއާއެކު ކޮންމެ އަހަރެއްގައި ވެސް އެންމެ މަގުބޫލު ނުވަތަ އެންމެ ފާހަގަކޮށްލެވޭ ބަސްތަކުގެ ތެރެއިން އަހަރުގެ ބަހެއް މި ކުންފުނިން ހޮވާނެއެވެ.
މިއަހަރުގެ ބަހަކީ ގޭސްލައިޓިންއެވެ. މިއީ ސޯޝަލް މީޑިއާގައި އުޅޭ މީހުންނަށް އާ ބަހަކަށް މިހާރު ނުވާނެއެވެ. ގޭސްލައިޓިން އަކީ ކޮންމެ މީހަކަށް ވެސް ކުރިމަތިވެފައި ހުރި ކަމަކަށް ވެދާނެއެވެ. އަދި ބައެއް މީހުން އާންމުކޮށް ކުރާ ކަމަކަށް ވެސް ގޭސްލައިޓިން ވެދާނެއެވެ.

މީރިއަމް ވެބްސްޓާގައި ބުނާގޮތުން ގޭސްލައިޓިން އަކީ އާންމުކޮށް ދިގު މުއްދަތަކަށް މީހަކު ނަފްސާނީ ގޮތުން ބަލިކަށިކޮށްލައި މީހާގެ އަމިއްލަ ޚިޔާލުތަކާއި، ހަގީގަތް ދެކޭގޮތާއި، ނުވަތަ ހަނދާންތަކުގެ ސައްހަކަމާމެދު ސުވާލު އުފެދި އާންމުކޮށް އޮޅުން ބޮޅުން ވުމެވެ. ހަމައެއާއެކު އިތުބާރާއި އަމިއްލަ ނަފްސަށް އިހްތިރާމް ގެއްލުމާއި، ޖަޒުބާތީ ނުވަތަ ނަފްސާނީ ހަމަޖެހުމާއި، ކުށްވެރިޔާއަށް ބަރޯސާ ކުރެވޭ ގޮތަށް އަމަލުތައް ހިންގުމެވެ.
ގޭސްލައިޓިންގެ ބޭނުމަކީ އަނިޔާ ލިބޭ މީހާގެ އަނިޔާއަކީ ދޮގެއް ކަމަށް ހަދައި ކުށްވެރިޔާ އަށް އިތުބާރު ކޮށް އެމީހާގެ އަމަލުތަކަކީ ތެދުކަމަށް ހެދުމެވެ. މިފަދަ އަމަލުތައް ގިނަ ފަހަރަށް ފެންނާނީ ތިމާގެ ގާތް އެކުވެރިންނާއި އާއިލާ އަދި އެކީގައި އުޅޭ މީހުންގެ ކިބައިންނެވެ.
މީރިއަމް ވެބްސްޓާގެ އެޑިޓާއެއް ކަމަށްވާ ޕީޓާ ސޮކޮލޯވްސްކީ ފާހަގަކުރި ގޮތުގައި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ވަނީ މި ބަސް ބޭނުންކުރާ ވަރު އިތުރުވެފައިއެވެ. އެގޮތުން މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރުގެ ތެރޭގައި އެކަނި ވެސް ވަނީ އެ ބަސް ބޭނުންކުރި މިންވަރު 1،740 ޕަސެންޓް އިތުރު ވެފައެވެ.