ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އިބްރާހިމް ހުސައި ޒަކީ އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) އިންޑިއާ އަށް ވަޑައިގެންފި އެވެ.

އެމްޑީޕީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ދެ ބޭފުޅުން އެ ގައުމަށް ވަޑައިގަތީ ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން އިންޑިއާ ސަރުކާރާ އެކު މުހިއްމު މަޝްވަރާތަކެއް ކުރެއްވުމަށް ކަމަށެވެ.

އެ މަޝްވަރާތަކުގެ ތެރޭގައި ރާއްޖޭގައި އަވަސް އިންތިޚާބެއް ބޭއްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމުގެ އިތުރަށް ފެބްރުއަރީ 7 ވަނަ ދުވަހު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތުގެ މަޝްވަރާތައް ކުރުން ހިމެނޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ސިފައިންނާއި ފުލުހުން ގެތެރޭގައި ހިނގަމުންދާ މައްސަލަތަކާއި އަވަސް އިންތިޚާބަކަށް އެދި އެމްޑިޕީ އިން ހިންގާ ހަރަކާތްތަކާއި އެ ހަރާތްތަކާ ގުޅިގެން ފުލުހުން އަމަލުކުރަމުން ދާ ގޮތުގެ މައުލޫމާތު އިންޑިއާ ސަރުކާރާ ހިއްސާކުރުން ހިމެނޭ ކަމަށް އެ ޕާޓީ އިން ނެރުނު ބަޔާނެއްގައިވެ އެވެ.