08 Apr 2012, 21:46
ތެހެރާން (މާޗް 8): ބޭނުންވެއްޖެ ނަމަ ނިއުކްލިޔާ ބޮމެއް އުފެއްދިދާނެ ކަމަށް ފުރަތަމަ ފަހަރަށް އީރާނުން އެއްބަސްވެއްޖެ އެވެ.
އީރާނުގެ ޕާލަމެންޓްގެ މީޑިޔާ އޮފިޝަލެއް ކަމަށްވާ ޣުލާމް ރިޒާ މިސްބާޙީ ވިދާޅުވީ ބޭނުންވެއްޖެ ނަމަ މަދު ހަފްތާތަކެއްގެ ތެރޭގައި ނިއުކްލިޔާ ބޮމެއް އުފެއްދުމުގެ ޢިލްމީ އަދި ފަންނީ ޤާބިލްކަން އީރާނަށް ލިބިގެންވާ ކަމަށާއި ނަމަވެސް ނިއުކްލިޔާ ބޮން އުފެއްދުމުގެ ވިސްނުން އީރާނުން ނުގެންގުޅޭ ކަމުގަ އެވެ.
އޭނާ އިތުރަށް ވިދާޅުވީ އީރާނުގެ ބޭނުމަކީ ނިއުކްލިޔާ ހަތިޔާރު އުފައްދަންޖެހިއްޖެ ނަމަ އެ ހަތިޔާރު އުފެއްދޭ މިންވަރަށް ނިއުކްލިޔާ ސައެންސާއި ޓެކްނޮލޮޖީ ތަރައްޤީކުރުން ކަމަށް ވިޔަސް ނިއުކްލިޔާ ހަތިޔާރު އުފެއްދުމަކީ އީރާނުގެ ސިޔާސަތެއް ނޫންކަމުގަ އެވެ.
ނިއުކްލިޔާ ޤާބިލްކަން ހުރެފައި ނިއުކްލިޔާ ހަތިޔާރު ނުއުފެއްދުމުގެ މިސިޔާސަތަކީ އީރާނުން ގެންގުޅޭ ވަރަށް މަކަރުވެރި ސިޔާސަތެއް ކަމަށާއި މި ސިޔާސަތުގެ ސަބަބުން ނިއުކްލިޔާ ހަތިޔާރު އުފައްދާކަމުގެ ތުހުމަތު އީރާނުގެ މައްޗަށް ކުރުމުގެ ފުރުސަތު އެމެރިކާ އާއި އިސްރާއީލު ފަދަ އީރާނުގެ ދުޝްމަން ޤައުމުތަކަށް ގެއްލިގެންދާނެ ކަމަށް މުޙައްލިލުން ދެކެ އެވެ.
އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވީ ނިއުކްލިޔާ ބޮމެއް އުފައްދަން ޖެހިއްޖެ ޙާލަތެއްގައި އެކަން ކުރުމަށް ބޭނުންވާ ޔޫރޭނިޔަމް އަވަސްމިނެއްގައި ފައްކާކޮށް ޕްލޮޓޯނިޔަމް އަށް ބަދަލުކުރުމުގެ ޤާބިލްކަން އީރާނަށް ލިބިގެންވާ ކަމަށެވެ.
އަނެއްކޮޅުން ބޭނުންވެއްޖެ ނަމަ ނިއުކްލިޔާ ބޮމެއް ފާޅުގައި އުފައްދައި ފާޅުގައި ނިއުކްލިޔާ ތަޖްރިބާއެއްކުރަން އީރާން ކުޑަކޮށް ވެސް ޖެހިލުންނުވާނެ ކަމަށާ އަދި އެކަމަށް ކުޑަކޮށް ވެސް އީރާން ބިރުނުގަންނާނެ ކަމަށް ރައީސް އަޙްމަދީ ނެޖާދް ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.
މަދަނީ ކަންކަމަށް ބޭނުންކުރުމަށް 20 ޕަސެންޓް ޔޫރޭނިޔަމް ފައްކާކުރަންޖެހޭ އިރު ނިއުކްލިޔާ ބޮމެއް އުފައްދުމަށް 90 ޕަސެންޓަށް ޔޫރޭނިޔަމް ފައްކަކުރަން ޖެހޭ ކަމަށް ތަޖްރިބާކާރުން ދެކެއެވެ. ނިއުކްލިޔަ ހަކަތަ އުފެއްދުމަށް ޓަކައި އީރާނުން މިހާރު 20 ޕަސެންޓަށް ޔޫރޭނިޔަމް ފައްކާކުރަމުން ގެންދާ ކަމަށް ނިއުކްލިޔާ ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އެޖެންސީން ބުނެ އެވެ. (އަލްޖަޒީރާ)