Last Updated: 3 year 12 month ago
Last Updated:
3 year 12 month ago
ވޯލްޑް ކަޕުގެ 30 ވަނަ މެޗުގެ ލައިވް ބްލޮގް: ދެކުނު ކޮރެއާ 2 - 3 ގާނާ
20:02
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ގާނާގެ ކުޅުންތެރިއަކަށް އަނިޔާވެގެން ކުޅުން މެދު ކަނޑާލާފައި އޮތް. މިއާއެކު ކޮރެއާ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ނިންމީ އެ ވަގުތު ރެފްރީ ދޭނެކަމަށް.
އިތުރު ވަގުތުގެ ފަހު މިނެޓު ހަމަވެ 25 ސުކުންތު ހިނގިފަހުން، ކޮރެއާ އަށް ވަނީ ކޯނަރެއް ލިބިފަ. އެހެންނަމަވެސް ވަގުތު ހަމަވީ ކަމަށް ނިންމައި ރެފްރީ ވަނީ މެޗު ނިންމާލާފަ. މިއާއެކު ކޮރެއާގެ ކުޅުންތެރިންނާއި ކޯޗު ވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ.
ހިތްހަމަ ނުޖެހުން ފާޅު ކުރުމުގެ ތެރޭގައި ކޮރެއާގެ ކޯޗަށް ރެފްރީ އާއި މުހާތަބު ކުރެވުނު ގޮތުން ރެފްރީ ވަނީ ކޯޗަށް ރަތް ކާޑު ދައްކާފަ.
މި މެޗުންވީ ބައްޔާއެކު މުބާރާތުގައި ކުރިއަށް ދިއުމަށް، ކޮރެއާ އަށް ވަނީ އަމިއްލަ ބާރު ގެއްލިފަ.

90 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 10 މިނެޓުގެ ކުޅުން ވެސް ހަމަވެއްޖެ. 2-3 އިން މެޗު ކާމިޔާބު ކުރީ ގާނާ.
ގާނޭގެ ތިންވަނަ ލަނޑަށްފަހު ކޮރެއާ އަށް ގާނާގެ އޭރިއާ ތެރެއިން ގިނަ ފުރުސަތުތަކެއް ލިބިފައިވޭ. އެހެންނަމަވެސް ބޯޅަ ފޮނުވާލަން ލިބޭ ކުޅުންތެރިން ބޯޅަ ފޮނުވާލުމުގައި ލަސް ކުރާތީ، ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަކަށް ނުހިފޭ.
މެޗުގައި މިހާތަނަށް ކޮރެއާ އިން 16 ހަމަލާއެއް އުފައްދާފައިވޭ. ގާނާއިން އުފެއްދީ ހަތް ހަމަލާއެއް.

90 ވަނަ މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި 10 މިނެޓު ވަނީ ދައްކާފަ.
67 ވަނަ މިނެޓު: ގާނާއިން އަނެއްކާވެސް ލީޑު ނަގައިފި. ގިޑިއޯން މެންސާ އޭރިއާ ތެރެއަށް ހުރަސް ކޮށްދިން ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ގާނާއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ މުހައްމަދު ކޫޑުސް. މިއީ މި މެޗުގައި އޭނާ ޖެހި ދެވަނަ ލަނޑު.

ކޮރެއާ އިން މިނެޓެއްގެ ތެރޭގައި ދެވަނަ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފި. މިއީ ޖޭ ކިމް ނަގައިދިން ހުރަހަކުން އަނެއްކާވެސް ޗޯ ގޫ ސަންގް ކާމިޔާބު ކޮށްދިން ލަނޑެއް. މިއީވެސް ޗޯ ބޮލުން ފޮނުވާލި ހަމަލާ އަކުން ކާމިޔާބު ކުރި ލަނޑެއް.

58 ވަނަ މިނެޓު: ކޮރެއާ އިން މެޗުގައި ލަނޑު ޖަހައި ފަރަގު ކުޑަކޮށްފި. މިއީ 18 އިން 9 ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި 57 ވަނަ މިނެޓު ކުޅެން އެރި ލީ ކަންގް އިން ގެ ހުރަހަކުން ޗޯ ގުއެ ސަންގް ކާމިޔާބު ކޮށްދިން ލަނޑެއް.
ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ކޮރެއާގެ ނުރައްކާތެރި ހަމަލާއެއް. އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ. ކިމް ޖިން ސޫ ބޮލުން ގޯލާއި ދިމާލަށް ވަރަށް ރަނގަޅަށް ފޮނުވާލި އިރު މި ހަމަލާއަށް ހުރަސް އެޅީ ގާނާގެ ކީޕަރު. މިއީ މި މެޗުގައިވެސް އަދި މިފަހަރުގެ ވޯލްޑް ކަޕުގައިވެސް ކޮރެއާ ޓީމުން އޮން ޓާގެޓަށް ފޮނުވާލި ފުރަތަމަ ހަމަލާ.
ގާތްގާތުގައި ޖެހި ދެ ލަނޑާއެކު ގާނާއިން ފުރަތަމަ ހާފު ނިންމާލައިފި. މި ހާފުގައި ކޮރެއާ އިން ފަސް ހަމަލާއެއް އުފައްދާފައި ވާއިރު، ގޯލާއި އަމާޒުވާ ގޮތަށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ. ގާނާއިން މެޗުގައި ލަނޑު ޖެހީ އެޓީމުން ހަމަ އެކަނި ފޮނުވާލި ދެ ހަމަލާ ގޯލާއި އަމާޒު ކޮށްލައިގެން.

ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓު ދައްކައިފި.
މި މެޗުގައި ވެސް ގާނާއިން ދެ ލަނޑު ޖަހާފައި ވާއިރު، މިއީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ގާނާއިން ވޯލްޑް ކަޕުގައި ޖެހި ޖެހިގެން ދެ މެޗެއްގައި ދެ ލަނޑު ޖެހި ފުރަތަމަ ފަހަރު.

34 ވަނަ މިނެޓު: ގާނާ އިން ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފި. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ކުޑޫސް.
ގާނާއިން މެޗުގެ 24 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ލީޑު ނަގައިފި. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސަލީލޫ. މިއީ ހިލޭ ޖެހުމަކުން ތަނަވަސްވި ފުރުސަތެއްގައި އޭނާ ކާމިޔާބު ކުރި ލަނޑެއް.

21 ވަނަ މިނެޓު: މެޗުގެ ފުރަތަމަ ރީނދޫ ކާޑު ގާނާގެ ޑެނިއެލް އަމާޓީ އަށް.

ފުރަތަމަ ހާފުގެ 20 މިނެޓުގެ ކުޅުން ނިމުނުއިރު ސައުތު ކޮރެއާ ޓީމުން ފަސް ހަމަލާއެއް އުފައްދާފައިވޭ. އެހެންނަމަވެސް ގޯލާއި އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ.
މިިއީ 2014 ވަނަ އަހަރު ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗަކަށްފަހު ގާނާ އާއި ކޮރެއާގެ ފުރަތަމަ ކުރިމަތިލުން. އެ މެޗު 0-4 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ގާނާ އިން.
މެޗުގައި ދެ ޓީމުން ބޭނުންކުރާނެ ފުރަތަމަ 11.