ނިއުދިއްލީ (މާޗް 8): ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ހަވީރު އިންޑިޔާ އަށް ވަޑައިގެންފި އެވެ.

މިއީ، އިންޑިޔާގެ ރާޖެސްތާނުގެ އަޖްމީރުގައި ހުންނަ ސޫފީންގެ ޢިލްމުވެރިއެއް ކަމަށްވާ ޚަވާޖާ ޣަރީބް ނަވާޒްގެ މަޤްބަރާ އަށް ޒިޔާރަތް ކުރެއްވުމަށް ޒަރުދާރީ ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ނިއުދިއްލީގައި ބާއްވާ ސޫފީންގެ އެއްވުމެއްގައި ވެސް ޒަރުދާރީ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މިއީ، ޒަރުދާރީ އިންޑިޔާ އަށް ކުރައްވާ އަމިއްލަފުޅު ދަތުރެއް ނަމަވެސް މިދަތުރުފުޅުގައި އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގް އާ ޒަރުދާރީ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށާއި ޒަރުދާރީ އާއި މަންމޯހަން ސިންގްގެ ބައްދަލުކުރެއްވުން ވެގެންދާނީ ސިއްރު ބައްދަލުކުރެއްވުމަކަށް ވެސް ޕާކިސްތާނުގެ ޚާރިޖިއްޔާ އިން ބުނެ އެވެ. އަދި މިބައްދަލުކުރެއްވުމުގައި ޕާކިސްތާނަށް ޒިޔާރަތް ކުރެއްވުމުގެ ދަޢްވަތު އިންޑިޔާގެ ބޮޑުވަޒީރަށް ޒަރުދާރީ ދެއްވާނެ ކަމަށް ވެސް ޕާކިސްތާނުގެ ޚާރިޖިއްޔާ އިން ބުނެ އެވެ.

ޕާކިސްތާނުގެ ރައީސެއްގެ ހައިސިއްޔަތުން އެންމެ ފަހުން އިންޑިޔާ އަށް ވަޑައިގެންފައި ވަނީ ޕާކިސްތާނުގެ ކުރީގެ ޢަސްކަރީ ވެރިޔާ ޖެނެރަލް ޕަރުވޭޒް މުޝައްރަފެވެ. އޭނާ ޕާކިސްތާނަށް ވަޑައިގަތީ 2005 ގަ އެވެ. އެހެންކަމުން މިއީ ފާއިތުވި ހަތް އަހަރު ތެރޭގައި ޕާކިސްތާނުގެ ރައީސަކު އިންޑިޔާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޒަރުދާރީގެ މިދަތުރުފުޅުގެ ސަބަބުން އިންޑިޔާ އާއި ޕާކިސްތާނާ ދެމެދުގައިވާ މައްސަލަތަކަށް ޙައްލެއް އަންނާނެ ކަމަށް ނުބެލެވުނު ނަމަވެސް މިދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ވެރިންގެ ދެމެދުގައި އިތުބާރު ބޮޑުވުމަށް މަގުފަހިވެގެންދާނެ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)