08 Apr 2012, 18:20
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދުގެ ސަރުކާރަށް ފުރިހަމަ ތާއީދު އޮތް ކަމަށް ބުނެ ރ. ރަސްމާދޫ ރައްޔިތުންގެ ފަރާތުން ރައީސް އަށް ތަހުނިޔާ ދަންނަވައިފި އެވެ. މިރަށުގެ ރައްޔިތުންގެ ފަރާތުން ރައީސްއަށް ތަހުނިޔާ ދެންނެވީ އެރަށުގެ ކައުންސިލް މެންބަރުން ރައީސްއާ މިއަދު ބައްދަލުކުރައްވަ އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް އެބައްދަލުކުރެއްވުމުގައި ސަރުކާރާ ދޭތެރޭގައި ރަސްމާދޫ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށާއި ރައީސް ޑރ. ވަހީދުގެ ބުރަ މަސައްކަތްޕުޅުތަކަށް ކައުންސިލް މެންބަރުން ޝުކުރު އަދާކުރެއްވި އެވެ. އަދި ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުމުގައި ރައީސް ދެއްކެވި ސާބިތުކަމާއި ހިތްވަރުފުޅަށް އެބޭފުޅުން ތައުރީފް ކުރެއްވި އެވެ. އެދުވަހު ރައްޔިތުން ދެކެން ބޭނުންވި އަހުލާގީ ހައިބަތު ދެއްކެވި ކަމަށްޓަކައި ރައީސްއަށް ޝުކުރު އަދާކުރެއްވި އެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރަސްމާދޫ ރައްޔިތުންނަށް މިވަގުތު ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމަށް މިހާރު ކުރެއްވެން ހުރި ކަންތައްތައް ބަލައި އެކަންތައްތައް ކޮށްދެއްވެން އޮތް މިންވަރަކުން ކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ.
ރައީސް ރ. އަތޮޅަށް ދަތުރުފުޅެއް ކުރެއްވުމަށް އެދިވަޑައިގެން ކައުންސިލްގެ މެންބަރުން އެމަނިކުފާނަށް މިއަދު ދައުވަތު އެރުވި އެވެ. އަދި ރައީސް ދައުވަތު ގަބޫލުފުޅު ކުރައްވައި ވެވަޑައިގެންނެވި އަވަހަކަށް އެއަތޮޅަށް ވެސް ޒިޔާރަތް ކުރެއްތޯ ބައްލަވާނެ ކަމުގައި ވިދާޅުވި އެވެ.