08 Apr 2012, 18:13
ސަލްޓަން ޕާކުގައި ބޮންގޮއްވި މައްސަލައިގައި ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކުރި ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާގޭ، މުހައްމަދު އަމީންއާ ގުޅުންހުރި ދެ ގެ އެއް ފާސްކޮށް ބައެއްތަކެތި ފުލުހުން ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު މިއަދު ވިދާޅުވީ ފާސްކޮށްފައި ވަނީ ގ.ނޫސަންއާ މ. ވޯލްނަޓު ކަމަށެވެ.
އޭނާ ވިދާޅުވީ އެ ދެ ގެ ފުލުހުން ފާސް ކުރީ މިދިޔަ ހުކުރުދުވަހު ކަމަށާއި ފާސްކުރުމަށްފަހު އެ ދެ ގޭގެ ތެރެއިން ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. ނަމަވެސް އެއީ ކޮން އެއްޗެއްކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އޭނާ ވިދާޅުވީ އެ ދެ ގެ ފުލުހުން ފާސްކުރީ އެ މައްސަލައާއި ގުޅޭ ހެއްކާއި ގަރީނާ ހޯދުމަށް ކަމަށެވެ.
"ގ.ނޫސަންއާ މ. ވޯލްނަޓު، އެ ދެ ގެ ފުލުހުން ހުކުރު ދުވަހު ފާސްކުރީ އެ މައްސަލައާ ގުޅޭ ހެއްކާއި ގަރީނާ ހޯދުމަށް. އެ ދެ ގެއިން ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ،" ހަނީފް ވިދާޅުވި އެވެ.
ދެހާސްހަތެއް ސެޕްޓެމްބަރުގައި ސަލްޓަންޕާކުގައި ބޮންގޮއްވި މައްސަލައިގައި 12 ޓޫރިސްޓަކު ވަނީ ޒަހަމްވި އެވެ. އެ މައްސަލައިގައި 16 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައި ވެއެވެ. އޭގެތެރެއިން ބައެއް މީހުންގެ މައްޗަށް ވަނީ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ބައެއް މީހުން ވަނީ ރާއްޖެއިން ފުރައިގެން ގޮސް ފިލާފަ އެވެ. އެމީހުން ހޯދުމަށް ވަނީ ރެޑްނޯޓިސް ނެރެފަ އެވެ.
ސަލްޓަން ޕާކްގައި ބޮންގޮއްވި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 15 އަހަރަށް ޖަލަށް ލާފައިވާ ތިން މީހުންގެ ތެރެއިން ގއ. ކަނޑުހުޅުދޫ ސާދުނާ މަންޒިލް އަހުމަދު ނަސީރާއި ވ. ލަންދޫގެއާގޭ މުހައްމަދު ސޮބާހުގެ ހުކުމުގެ ބާކީބައި ތިން އަހަރަށް ފަސްކޮށް ޖުލައި 25، 2010 ގައި އެ ދެ މީހުން ވަނީ މާފު ދިނުމާއި އަދަބު ލުއިކޮށްދިނިމުގެ ގާނޫނުގެ ދަށުން ދޫކޮށްލާފަ އެވެ.
އެ ދެ މީހުން ދޫކޮށްލި އިރު، އެ ހަމާލާ ދިނުމުގައި އިސްކޮށް އުޅުނު ލ. ކަޅައިދޫ ފިނިހިޔާގޭ މޫސާ އިނާޒު އަދި ވެސް ހުރީ ޖަލުގަ އެވެ. އޭނާ ވަނީ އެތަކެއް ފަހަރު ޖަލުން ފިލައި އަދި ފިލަން މަސައްކަތް ކޮށްފަ އެވެ. ފިލުމުގެ ކުށުގައި އޭނައަށް ވަނީ އިތުރު އަދަބުތައް ވެސް ދީފަ އެވެ.