29 Jul 2010, 14:58
19:00
ރާއްޖޭގެ ވެރިކަމަށް ދެން ކޮންމެ ބަޔަކު އައި ނަމަވެސް ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ހދ. ކުޅުދުއްފުށީގެ ތަރައްޤީގެ މަޝްރޫތައް ފައްޓަވައިދެއްވުމުގެ ގޮތުން މިއަދު ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދުގެ ވިދާޅުވީ ކޮންކްރީޓާ ރުފިޔާއިން ހަމައެކަނި މަސައްކަތް ކުރެވޭނެނަމަ، ވަރަށް އަވަހަށް މަސައްކަތްތައް ނިމޭނެ ކަމަށާއި އެހެން ނަމަވެސް މަސައްކަތް ކުރައްވަން ބޭނުންފުޅުވަނީ ދެމެހެއްޓެނެވި ގޮތެއްގައި ކަމަށެވެ. އަދި ރަށް ހާވައިފައި ދިއުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ހަ ކުޅި ކުރިއަށް ވިސްނައިގެން އެހެން ބަޔަކު ރާއްޖެ ރޫޅާލާން އުޅުނު ނަމަވެސް ފަސޭހައި ނުރޫޅޭނެ ގޮތަކަށް ކަމަށެވެ.
ފާއިތުވި 18 މަސް ދުވަހުގެ ތެރޭ ތަފާތު ވާހަކަތައް ސަރުކާރަށް އަމާޒުވި ކަމަށާއި ސަރުކާރުގެ ފަސް ވަޢުދު ނުފުއްދޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުން ބޭނުން ވަނީ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރަން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ކުޅުދުއްފުށި ރަށު ކައުންސިލަކަށް ބަދަލުވުމުގެ ބަދަލުގައި ސިޓީ ކައުންސިލަކަށް ބަދަލުވާން ވަރަށް ބޮޑަށް ބޭނުންވެވަޑައިގަންނަވާ ކަމަށާއި ނަމަވެސް ގާނޫނުން އެކަމަށް ތަން ނުދޭ ކަމަށެވެ. އަދި ގާނޫނުގައި ސިޓީ ކައުންސިލަކަށް ބަދަލުވެވޭނީ 25،000 އާބާދީއެއް އޮންނަ ރަށްރަށަށް އެކަނި ކަމަށް އޮންނަ އޮތުން އެއަށްވުރެ މަދުކުރުމަށް ބަދަލުކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ފަސް ވަޢުދު ފުއްދޭނެ ކަމަށާއި އަދި ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުޅުދުއްފުށިން އެއް ގޮނޑި ލިބިފައިވާއިރު ދެން އަންނަ އިންތިޚާބެއްގައި އެ ގޮނޑީގެ އިތުރުން ކުޅުދުއްފުށީ ދާއިރާގެ އަނެއް ގޮނޑި ވެސް ރައްޔިތުން ސަރުކާރަށް ހޯއްދަވައިދެއްވާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި އިމާރާތްކުރާ 25 ރޯ ހައުސްގެ މަސައްކަތްތައް ކުރިއަށް ދާނެ ގޮތާ ބެހޭ ގޮތުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ސުހެއިލް އަހުމަދު މިއަދު އޮތް އެ ރަސްމިއްޔާތުގައި ވާހަކަ ދެއްކެވި އެވެ. އެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ސުހެއިލް ވިދާޅުވެ، ތަފްސީލް ދެއްވި އެވެ.
މީގެ އިތުރުން ވެސް ކުޅުއްދުއްފުށީގައި ހެދުމަށް ހަމަޖެހިފައިވާ މަގުތަކުގެ މަސައްކަތްތަކާ ބެހޭ ތަފްސީލް މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު ދެއްވި އެވެ.