28 Nov 2022, 08:35
އެމޭޒަން ޕްރައިމްގެ ކާމިޔާބު ވެބް ސީރީސް "ދަ ފެމިލީ މޭން"ގެ 3ވަނަ ސީޒަންގެ ޝެޑިއުލް އަންނަ އަހަރުގެ ކުރީކޮޅު ފަށަން ތައްޔާރުވެފައިވާކަމަށް އެކްޓަރު މަނޯޖް ބަޖްޕަޔީ ބުނެފިއެވެ.
މިވެބް ސީރީސްގެ އެންމެ މުހިއްމު ރޯލްވެސް ކުޅޭ އެކްޓަރު މަނޯޖް ބުނެފައިވަނީ، އެމޭޒަންއިން 3ވަނަ ސީޒަންގެ މަސައްކަތް ވަރަށްކުރިންވެސް ރޭވުނުކަމަށެވެ. ނަމަވެސް މިސީރީސްގެ ދެ ޑައިރެކްޓަރުންކަމަށްވާ ރާޖް ނިދިމޮރޫ އާއި ކްރިޝްނާ ޑީކޭ އަދި ޚުދު އެކްޓަރު މަނޯޖްގެވެސް އިތުރު އެހެން ފިލްމީ މަސައްކަތްތަކެއް ހުރުމުން މިސީރީސްއަށް މިހާތަނަށް ވަގުތު ނުދެވެނީއެވެ. އެހެންވެ މިހާރު ރާވާފައިވަނީ މިފެށޭ އަހަރުގެ ކުރީކޮޅު މިފިލްމަށް ވަގުތު ހުސްކުރުމަށް ކަމަށްވެސް މަނޯޖްވަނީ ބުނެފައެވެ.
މިހާތަނަށް ޚަބަރު ލިބިފައިވާގޮތުގައި ތިންވަނަ ސީޒަންއިންވެސް ކުރީގެ ދެ ސީޒަނުން ފެނުނު މުހިއްމު ތަރިން ފެންނާނެއެވެ. އޭގެތެރޭގައި މަނޯޖެގެ އިތުރުން އެކްޓަރު ޝާރިބް ހާޝްމީ އަދި ބަތަލާ ޕްރިޔާމާނީ ހިމެނެއެވެ. މީގެއިތުރުންވެސް މިފަހަރުގެ ސީޒަންގައި މުޅީން އާ ތަރިންތަކެއް ފެންނާނެކަމަށްވެސް ރިޕޯޓުތަކުންވަނީ ބުނެފައެވެ. ކޮންމެ ސީޒަނެއްގައިވެސް ވަރަށް ތަފާތު މައްސަލައެއްގެ މައްޗަށް ބިނާކޮށްގެން މިސީރީސް ގެނެސްދީފައިވާއިރު، ސީޒަން 2 އިން ދައްކުވައިދިނީ ސްރީ ލަންކާއަށް ނިސްބަތްވާ ތަމަޅަ ޓައިގަރުންގެ މިލިޓަރީ ގްރޫޕަކުން މިނިވަންކަން ހޯދުމަށް ކުރި ހަނގުރާމައެވެ.
2018ވަނަ އަހަރުން ފެށިގެން ގެނެސްދޭ "ދަ ފެމިލީ ސީޒަން" ވެބް ސީރީސްއަކީ އެމޭޒަން ޕްރައިމްއިން މިހާތަނަށް ގެނެސްދީފައިވާ އެންމެ ކާމިޔާބު އެއް ވެބް ސީރީސްއެވެ. ފާއިތުވެދިޔަ ދެ ސީޒަނަށްވެސް ކްރިޓިކްގެ އިތުރުން ބެލުންތެރިންގެ ތައުރީފްވަނީ ލިބިފައެވެ. ޚާއްސަކޮށް އެކްޓަރު މަނޯޖް ވަޖްޕަޔީގެ އެކްޓިންގްއަށް ކްރިޓިކުންވަނީ ވަރަށްބޮޑަށް ތަޢުރީފުކޮށްފައެވެ.
މަނޯޖް އެންމެ ފަހުން ފެނުނީ ޒީ5އިން ގެނެސްދިން ތްރިލާ ފިލްމު "ސައިލެންސް، ކޭންޔޫ ހިއަރ އިޓް" އަދި "ޑައިލް 100"އިންނެވެ.