Last Updated:
3 year 12 month ago

ވޯލްޑް ކަޕުގެ 28 ވަނަ މެޗުގެ ލައިވް ބްލޮގް: ސްޕެއިން 1 - 1 ޖަރުމަނު

    ބުލޮގު ޚުލާސާ

    ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ގެ 28 ވަނަ މެޗުގައި، ސްޕެއިން އަދި ޖަރުމަނުގެ ކުރިމަތިލުމުގެ ލައިވް ކަވަރޭޖް.

    01:50

    އިތުރުވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓުގެ ކުޅުންވެސް ނިމިއްޖެ. ސްޕެއިން އިން ލަނޑެއް ޖަހާފައި ވަނިކޮށް ޖަރުމަނުން ނަތީޖާ ހަމަހަމަ ކޮށް، މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު މިވަނީ ހޯދާފަ.

    01:45

    މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓު ދައްކައިފި.

    01:38

    83 ވަނަ މިނެޓު: ޖަރުމަނުން މެޗުގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފި. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ނިކްލަސް ފުލްކްރަގް.

    01:37

    80 ވަނަ މިނެޓު: ޑީ އޭރިއާ ބޭރުން ގޯލް އޭރިއާ ލައިނު ކައިރިން ޖަރުމަނަށް ހިލޭ ޖެހުމެއް. ކިމިޗް ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ސްޕެއިންގެ ފާރަށް އެތުރި ތިބި ކުޅުންތެރިންގެ ގަޔަށް.

    01:23

    73 ވަނަ މިނެޓު: އޭރިއާ ތެރޭއަށް މުޅިން ހުސްކޮށް ހުރެ ވަދެ ޖަމާލް މުސިއާލާ ފޮނުވާލި ބާރު ހަމަލާއށް ހުރަސް އެޅީ، މި މެޗުގައި ގޯސްތަކެއް ހެދި ނަމަވެސް ރަނގަޅު ސޭވްތަކެއް ކޮށްފައިވާ ސްޕެއިންގެ ކީޕަރު އުނާއި ސިމޯން.

    01:16

    ސްޕެއިން އިން މެޗުގައި ލަނޑު ޖަހައި ލީޑު ނަގައިފި. 62 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލްވާރޯ މޮރާޓާ. މިއީ މިފަހަރުގެ ވޯލްޑް ކަޕުގައި މޮރާޓާ ޖެހި ދެވަނަ ލަނޑު. ކޮސްޓަ ރިކާ މެޗުގައިވެސް މޮރާޓާ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި.

    01:12

    56 ވަނަ މިނެޓު: އަނެއްކާވެސް ސްޕެއިންގެ ކީޕަރު ސިމޯންގެ ފަރާތުން ބޮޑު ގޯހެއް. ދިފާއު ކުރަން މިފަހަރު ޖައްސާލި ބޯޅަ ދިޔައީ ސީދާ ޑީއޭރިއާ ކައިރީގައި ހުރި ޖަރުމަނުގެ ގުންޑަގޮންގެ ފަޔަށް. ގުންޑަގޮން ޖައްސާލި ބޯޅަ ޑީއޭރިއާ ތެރޭގައި ހުރެފައި ކިމިޗް ގޯލާއި ދިމާލަށް ފޮނުވާލި އިރު މި ހަމަލާ، ސިމޯން ވަނީ ދިފާއު ކޮށްފަ.

    01:10

    މެޗުގައި ފެނިގެންދިޔަ ފުރަތަމަ ބަދަލު ސްޕެއިން އިން. 54 ވަނަ މިނެޓުގައި ފެރާން ޓޮރޭޒްގެ ބަދަލުގައި އަލްވާރޯ މޮރާޓާ ވަނީ ކުޅެން އަރުވާފަ.

    01:03

    މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ޖަރުމަނު ޓީމަށް ހިފެހެއްޓުނީ 31.6 އިންސައްތަ ބޯލް ޕޮޒެޝަން. މިއީ 1966 ވަނަ އަހަރު މިފަދަ ތަފާސްހިސާބުތައް ބަލަހައްޓަން ފެށިފަހުން އެޓީމުން ވޯލްޑް ކަޕުގެ މެޗެއްގެ ހާފެއްގައި ބޯލް ޕޮޒެޝަން އެންމެ ދަށް ފަހަރު. މީގެކުރިން އެ ޓީމުގެ އެންމެ ދަށް ބޯލް ޕޮޒެޝަން އެއްގެ ގޮތުގައި ރެކޯޑު ކުރެވިފައި ވަނީ 1986 ވަނަ އަހަރު މޮރޮކޯ އާއި ދެކޮޅަށް ކުޅުނު މެޗެއްގައި. އެއީ 39 އިންސައްތަ.

    ޖަރުމަނު ޓީމުގެ ކޯޗު --- ގެޓީ އިމޭޖަސް
    01:02

    މެޗުގެ ދެވަނަ ހާފު ފަށައިފި. މި ހާފު ފެށީ ޖަރުމަނު ޓީމުން.

    00:55

    ޖަރުމަނުން އެ ޓީމުގެ ކުރީގެ ތަރި މެސަޓް އޮޒިލް އާއިމެދު ކަންކުރި ގޮތާއި މެދު އަދި އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓު ކޮށް، ފުޓުބޯޅަ އާއި "ސިޔާސީ ޕްރޮޕެގެންޑާ" ފެތުރުމަށް މިފަހަރުގެ ވޯލްޑް ކަޕުގައި ޖަރުމަނު ޓީމުން ކުރަމުން އަންނަ މަސައްކަތަށް، ދަނޑަށް ވަދެ ތިބި ސަޕޯޓަރުންތަކެއް ފާޑުކިޔައި ނުރުހުން އަމާޒު ކުރަނީ.

    ފޮޓޯ/ގެޓީ އިމޭޖަސް
    00:47

    އިތުރު ވަގުތުގެ ގޮތުގައި ދެއްކި ދެ މިނެޓުގެ ކުޅުންވެސް ހަމަވެއްޖެ. ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވޭ.

    ޖަރުމަނާއި ސްޕެއިންގެ ކުރިމަތިލުމުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް
    00:43

    ފުރަތަމަ ހާފުގެ 45 މިނެޓު ހަމަވެ އިތުރުވަގުތުގެ ގޮތުގައި ދެ މިނެޓު ވަނީ ދައްކާފަ.

    00:40

    ހުރަހަކުން ތަނަވަސްވި ފުރުސަތެއްގައި އޭރިއާ ތެރޭގައި ހުރެފައި އެންޓޯނިއޯ ރުޑިގާ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ތެރެއަށް ވަން ނަމަވެސް، ވީއޭއާރުގެ އެހީގައި މިއީ ލަނޑެއް ނޫން ކަމަށް ވަނީ ނިންމާފަ. އެއީ ބޯޅަ ލިބުނު އިރު ރުޑިގާ އޮފްސައިޑު މަގާމެއްގައި ހުރުމުން.

    ރުޑިގާ ބޯޅަ ފޮނުވާލަނީ -- ފޮޓޯ/ގެޓީ އިމޭޖަސް
    00:34

    37 ވަނަ މިނެޓު: ފެރާން ޓޮރޭޒް އަށް ކުރި ފައުލަކާއި ގުޅިގެން ޖަރުމަނުގެ ތިލޯ ކެއިރާ އަށް ރީނދޫ ކާޑެއް. މިއީ މި މެޗުގެ ފުރަތަމަ ރީނދޫ ކާޑު. މެޗުގެ މިހާތަނަށް އައި އިރު ޖުމްލަ 10 ފައުލު ވަނީ ފެނިފަ. އެއީ ޖަރުމަނުގެ ހަ ފައުލާއި ސްޕެއިންގެ ކުޅުންތެރިން ކުރި ހަތަރު ފައުލު.

    ކެއިރާ އަށް ރީނދޫ ކާޑު ދައްކަނީ.
    00:30

    33 ވަނަ މިނެޓު: ސްޕެއިން އިން ނުރައްކާ ކޮށްފި. އޭރިއާ ތެރެއަށް ޑެނީ އޮލްމޯ ނަގައިދިން ހުރަހުން ތަނަވަސްވި ފުރުސަތުގައި ފެރާން ޓޮރޭޒް އޭރިއާގެ ތެރޭގައި ހުރެފައި ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށް. ބޯޅަ ބޭރު ވުމާއިއެކު ލައިންސްމަން ވަނީ އޮލްމޯ އަށް ބޯޅަ ލިބުނު އިރު އޭނާ އޮފްސައިޑުގައި ހުރިކަމަށް ނިންމައި ދިދަ ނަގާފަ.

    00:26

    މިއީ ފީފާ ވޯލްޑް ކަޕުގައި ޖަރުމަނާއި ސްޕެއިން ބައްދަލުކުރާ ފަސްވަނަ ފަހަރު. މީގެކުރިން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ސްޕެއިން ބަލިވެފައި ވާއިރު، އެއް މެޗުވީ އެއްވަރު. އަދި އެންމެފަހުން މި ދެ ޓީމުގެ ކުރިމަތިލުމެއް ފެނުނު މެޗުގައި (2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި) ސްޕެއިން އިން ވަނީ 0-1 އިން ޖަރުމަނު ބަލިކޮށްފަ.

    މިރޭގެ މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް
    00:24

    24 ވަނަ މިނެޓު: ޖަރުމަނު ޓީމުން އުފައްދަން މަސައްކަތް ކުރި ހަމަލާއެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ސްޕެއިންގެ ކީޕަރު އުނާއި ސިމޯން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ސާޖް ގްނަބްރީ އަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލަން ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒު ނުވެ.

    00:16

    22 ވަނަ މިނެޓު: ސްޕެއިންގެ ނުރައްކާތެރި ހަމަލާއެއް. އޭރިއާގެ ބޭރުން ޖޯޑީ އަލްބާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

    ޖޯޑީ އަލްބާ -- ފޮޓޯ/ގެޓީ އިމޭޖަސް
    00:14

    15 ވަނަ މިނެޓާއި ހަމައަށް ކުޅުނުއިރު، 77 އިންސައްތަ ބޯލް ޕޮޒެޝަނާއި އެކު މެޗުގައި އެޓޭކިންގް މޮޅު ކުޅުމެއް ދައްކަމުން ދަނީ ސްޕެއިން ޓީމުން. އެހެންނަމަވެސް ޖަރުމަނުން ވެސް ލިބޭ މަދު ފުރުސަތު ތަކުގައި ހަމަލާއެއް އުފައްދަން މަސައްކަތް ކޮށްފައިވޭ.

    00:08

    ޖަރުމަނުން ވަނީ އެޓީމުން މުބާރާތުގެ ފުރަތަމަ މެޗަށް ނެރުނު ފުރަތަމަ 11 އަށް، މި މެޗުގައި ދެ ބަދަލެއް ގެނެސްފަ. އެއީ ސްކްލޮޓާބެކާއި ކައި ހަވާޓްޒްގެ ބަދަލުގައި ކެއިރާ އާއި ލިއޯން ގޮރެޓްޒްކާ ކުޅެން އެރުވުން.

    00:07

    7 ވަނަ މިނެޓު: ސްޕެއިން އިން ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފި. ޑީއޭރިއާ ތެރޭގައި ހުރެފައި ޑެނީ އޮލްމޯ ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނުމަށް ހުރަހަކަށްވީ ޖަރުމަނުގެ ކީޕަރު.

    00:00

    ސްޕެއިން އިން ފުރަތަމަ މެޗުގައި ކޮސްޓަ ރިކާ އާއި ދެކޮޅަށް ނެރުނު ފުރަތަމަ 11 އިން، މި މެޗަށް ނެރުނު ފުރަތަމަ 11 އަށް އެއް ބަދަލެއް ގެނެސްފައިވޭ. އެއީ އަޒްޕްލިކެޓާގެ ބަދަލުގައި ކާވަހާލް ކުޅެން އެރުވުުން.

    ޑެނީ ކާވަހާލް --ފޮޓޯ/ގެޓީ އިމޭޖަސް
    23:36

    ސްޕެއިނާއި ޖަރުމަނުގެ ކުރިމަތި ލުމުގައި ދެ ޓީމުން ބޭނުންކުރާނެ ފުރަތަމަ 11.

    ފުރަތަމަ 11.