މަސައްކަތުގެ މާހައުލުގައި ގިނަ ފަހަރަށް ވަރަށް ޕްރެޝަރުތަކާ ކުރިމަތިލާން ޖެހެއެވެ. ޑެސްކެއްގެ ފަހަތުގައި އިން ނަމަވެސް އަދި ބޭރުގައި މަސައްކަތް ކުރި ނަމަވެސް ކޮންމެވެސް އިރެއްގައި ކޮންމެ މީހަކަށް ވެސް ސްޓްރެސްތަކާ ކުރިމަތި ލާން ޖެހެއެވެ. މަސައްކަތުގެ މާހައުލުގައި ދިމާވާ ސްޓްރެސް މާ ބޮޑުވާ ނަމަ އޭގެ އަސަރު އެހެން ކަންތަކަށް ވެސް ކުރެއެވެ. އެހެންވީމަ އޮފީހުގައި ސްޓްރެސް ވާނަމަ ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟

މަސައްކަތުގެ މާހައުލުގައި ސްޓްރެސް ވެދާނެ ބައިވަރު ކަންތައް ހުރެދާނެއެވެ. އޭގެތެރޭގައި ކުޑަ މުސާރައަކަށް މަސައްކަތް ކުރަން ޖެހުމާއި ހަށިގަނޑަށް ނުވާ ވަރަށް ބުރަކޮށް މާ ގިނަ ވަގުތު މަސައްކަތް ކުރަން ޖެހުމުގެ އިތުރުން ކުރިއެރުމަށް އިތުރު ފުރުސަތުތައް ނުލިބުން ފަދަ ކަންތައްތައް ހިމެނެއެވެ.

މާ ބޮޑަށް ސްޓްރެސް ވުމުގެ ސަބަބުން ހަށިގަނޑަށް ތަފާތު ނުރައްކާތެރި ކަންތައް ދިމާވެއެވެ. މިސާލަކަށް މަސަލް ޓެންޝަން އާއި ކަންބޮޑުވެ ހިތުގެ ތެޅުން އަބަދު އަވަސްވެފައި ހުރުން ވެސް ހިމެނެއެވެ. މި ކަންތައްތަކަކީ އޭގެ ސަބަބުން އެހެން ބަލިތަކަށް ނުވަތަ ނުރައްކާތެރި ކަންތައްތަކަށް މަގުފަހިވެދާނެ ކަންތައްތަކެވެ.

މަސައްކަތުގެ މާހައުލަކީ މާ ސްޓްރެސްފުލް ތަނަކަށް ވެއްޖެޔާ ހިތުގެ ތެޅުން އަވަސްވެ އަބަދު ހާސްވެފައި ހުރެދާނެ އެވެ. މިހެން އަބަދު ވާ ނަމަ ހައިޕާ ޓެންޝަން އާއި ހާޓްއެޓޭކް އަށް މަގުފަހިވެއެވެ.

މިގޮތަށް އަބަދު ހާސްކަމެއްގައި ހުރެ އަދި މަސައްކަތުގެ ސަބަބުން ސްޓްރެސް ވާ ނަމަ އިމިއުން ސިސްޓަމްގެ ބާރު ވެސް ދެރަވެ އެވެ. އެއީ ކްރޮނިކް ފެޓީގް އާއި މެޓަބޮލިކް ޑިސްއޯޑާ އާ ގުޅުންހުރި ކަންތައްތަކެވެ.

ސްޓްރެސް އަކީ މިހާ ނުރައްކާތެރި ކަމަކަށް ވާއިރު، މިކަންތައް މަދުކުރުމަށް ކޮންމެވެސް ކަމެއް އެބަ ކުރަން ޖެހެއެވެ. އަދި މިއީ ކޮންމެ މީހަކަށް ވެސް ފަސޭހައިން ކުރެވެން ހުރި ކަންތައްތަކެވެ.

އެންމެ ފުރަތަމަ ކުރެވިދާނެ އެއް ކަމަކީ ސިއްހަތަށް ފައިދާހުރި އާދަތައް އިތުރު ކުރުމެވެ. މިސާލަކަށް ސްޓްރެސް ޓްރިގާއެއްގެ ގޮތުގައި ކަންތައްތައް ގޯސްވާހެން ހީވާނަމަ ސިއްހަތަށް ފައިދާހުރި އާދައަކަށް ކަންތައްތައް ކޮށްލުން ބުއްދިވެރިވާނެއެވެ. މިސާލަކަށް އޮފީހުން 15 ވަރަކަށް މިނެޓުުގެ ބްރޭކެއް ނެގުމަށްފަހު ކުޑަކޮށް ހިނގާލުން ވަރަށް ރަނގަޅުވާނެއެވެ.

ގިނަ ފަހަރަށް ސްޓްރެސް ވެވޭ ވަރަކަށް ނުރަނގަޅު އެއްޗެހި ގަނެގެން ކެވޭ ގޮތްވެސް ވެއެވެ. އޭގެ ބަދަލުގައި އާފަލެއް ކަހަލަ އެއްޗެއް ކާން ކޮންމެ ފަހަރަކު އަމިއްލަ ނަފުސަށް ހަނދާން ކޮށްލަދޭށެވެ.

އިތުރު ކަމަކީ އަމިއްލަ ނަފުސު "ރީޗާޖު" ކޮށްލުމަށް ވަގުތުު ނެގުމެވެ. ހަނދާން ކުރަން ޖެހޭ އެއް ކަމަކީ، މަސައްކަތް ރަނގަޅަށް ކުރެވޭނީ މީހާ ވެސް ރަނގަޅު ހާލަތެއްގައި ހުރުމުން ކަމެވެ. އެހެންވީމާ މީހާގެ ނަފުސާނީ ދުޅަހެޔޮ ކަން މަތީ ބެހެއްޓުމަށް އޮފީހުގައި ދޭތެރެ ދޭތެރެއިން ވަގުތު ކޮޅެއް ނަގާށެވެ. މި ވަގުތު ކޮޅަކީ ހުރިހާ މަސައްކަތެއް ވަގުތީ ގޮތުން ހުއްޓަލައި އެހެން ކަމަކަށް ކުޑަކޮށް ސަމާލުކަން ދިނުމަށް ދެވޭ ވަގުތުކޮޅެކެވެ. ޔޫޓިއުބް އަޅުވައި އަމިއްލަ އަށް ކޮމެޑީ ކަމަށް ގަބޫލުުކުރެވޭ ކޮންޓެންޓެއް ބަލާށެވެ. މިއީ ސިކުނޑީގެ ހަމަޖެހުމަށް ވަރަށް ރަނގަޅު އާދައެކެވެ.