28 Nov 2022, 09:44
ގޫގަލްގައި މިއަހަރު އެންމެ ގިނަ ބަޔަކު ސާޗްކޮށް ހޯދާފައިވާ ތަރިއަކީ އެމެރިކާގެ މަޝްހޫރު އެކްޓްރެސް އެމްބާ ހާޑް ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.
ކޮންމެ އަހަރެއް ނިމެން ގާތްވުމާއެކު ދުނިޔޭގެ އެންމެ ބޮޑު ސާޗު އެންޖިން، ގޫގަލް އިން އަހަރުގެ ހޯދުންތަކުގެ ޓްރެންޑުތައް އާންމުކުރާނެއެވެ. އޭގެން އެނގުނު ގޮތުގައި މިއަހަރު އެންމެ ގިނަ ބަޔަކު ސަމާލުކަން އޮތް ތަރިއަކީ އެމްބާ ހާޑް ކަމެވެ.
މަޝްހޫރު އެކްޓަރު ޖޮނީ ޑެޕް އާ ކުރީން ކައިވެނިކޮށްގެން އުޅުނު އެމްބާ މިއަހަރުގެ އެންމެ ގިނަ ބަޔަކު ހޯދި ނަމަށް ވެފައިވަނީ ދެމީހުންގެ ގުޅުމާ ހެދިއެވެ.
ޖޮނީ ޑެޕްގެ އަބުރު ކަތިލުމަށް މަސައްކަތް ކުރި ކަމަށް ބުނެ އޭނާ ވަނީ އެމްބާއާ ދެކޮޅަށް އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅާފައެވެ. މި މައްސަލައަކީ އެމްބާ ވޮޝިންޓަން ޕޯސްޓުގައި ހާމަކުރި ލިޔުމަކާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ. އެ ލިޔުމުގައި ޑެޕް ވަނީ އެމްބާއަށް އެކި ކަހަލަ ގޮތް ގޮތުން ގެވެށި އަނިޔާ ކޮށްފައި ކަމަށް ބުނެއެވެ.
އެކަމާ ގުޅިގެން ޖޮނީ ހުށަހެޅި މައްސަލައަކީ އެ ކުށް ބާތިލު ކުރުމަށް ހުށަހެޅި މައްސަލައެއް ނޫނެވެ. ނަމަވެސް އެ މައްސަލައަކީ އަބުރު ކަތިލި ކަމަށް ބުނެ ހުށަހެޅި މައްސަލައެވެ. މި މައްްސަލަ ނިމުނީ ޖޮނީގެ ކޮޅަށެވެ. މިއާއެކު ވަރަށް ޕަބްލިކްކޮށް މައްސަލަތައް މީޑިއާގައި ހާމަކޮށްގެން ދެއްކިއިރު މިކަމާ ގުޅިގެން އެމްބާ ވެފައިވަނީ މިއަހަރުގެ އެންމެ ގިނަ ބަޔަކު ގޫގަލް ކުރި ތަރިއަށެވެ.
އެގޮތުން މިއަހަރުގެ ކޮންމެ މަހެއްގައި އެމެރިކާއިން އެކަނިވެސް އެމްބާގެ ނަން ވަނީ އެވަރެޖުކޮށް 5.6 މިލިއަން ފަހަރު ގޫގަލް ކޮށްފަައެވެ. ލިސްޓުގެ ދެވަނައިގައި 5.5 މިލިއަނާ އެކު ހިމެނެނީ ޖޮނީ ޑެޕެވެ.
އެ ލިސްޓުގައި ދެން ހިމެނޭ ތަރިންގެ ތެރޭގައި ކިމް ކާޑޭޝިއަން އާއި އެންއެފްއެލް ކުޅުންތެރިޔާ ޓޮމް ބްރޭޑީ ހިމެނެއެވެ. އޭގެއިތުރުން ލިސްޓުގެ ތެރޭގައި މަހުޖަނު އީލޮން މަސްކް ވެސް ހިމެނެއެވެ. އަދި ޓްވިޓާގެ ޑްރާމާއަށް ފަހު މަސްކު އިތުރަށް ލިސްޓުގެ ކުރިއަށް އަރާނެއެވެ. އެހެންވީމާ އަހަރު ނިމޭއިރު މި ލިސްޓު އަދި ބަދަލުވުން އެކަށީގެންވެއެވެ.