27 Nov 2022, 20:19
ފީފާ ވޯލްޑްކަޕް 2022 ގެ ގްރޫޕް ސްޓޭޖުގައި، 2018 ވަނަ އަހަރުގެ މުބާރާތުގެ ތިންވަނަ ޓީމު، ބެލްޖިއަމްގެ މައްޗަށް ހޯދި މޮޅާއެކު މޮރޮކޯ އިން މިފަހަރުގެ މުބާރާތުގެ ރައުންޑް އޮފް 16ގެ ޖާގަ އަކާއި ގާތަށް ޖެހިލައިފިއެވެ.
ގަތަރުގެ އަލް ތައުމާމާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު މޮރޮކޯއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ދެ ޓީމުންވެސް ވާދަވެރި ކުޅުމެއް ކުޅުނުއިރު، ދެ ޓީމުންވެސް ވަނީ ހަމަހަމަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން ދެ ޓީމުން ވެސް މެޗުގައި 10 ހަމަލާއެއް އުފައްދާފައި ވާއިރު، ގޯލާއި އަމާޒުކޮށް މޮރޮކޯ އިން ހަތަރު ހަމަލާއެއް ފޮނުވާލާފައި ވެއެވެ. ބެލްޖިއަމް އަށް އޮން ޓާގެޓަށް ފޮނުވާ ލެވުނީ ތިން ހަމަލާއެކެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި މޮރޯކޯއިން ވަނީ ބެލްޖިއަމްގެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ. ހަކީމް ޒިޔެޝް ޖެހި ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަން ނަމަވެސް، އެ ޓީމުގެ ރޮމައިން ސައިސް އޮފްސައިޑް މަގާމެއްގައި ހުރުމުން ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ މިއީ ލަނޑެއް ނޫން ކަމަށް ނިންމާފައެވެ.

މެޗުގައި މޮރޮކޯ އިން ލީޑުނެގީ 73 ވަނަ މިނެޓުގައެވެ. މިއީވެސް މޮރޯކޯއަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކުރި ލަނޑެކެވެ. އޭރިއާގެ ބޭރުން، ދަނޑުގެ އަރިމަތިން ލިބުނު ހިލޭ ޖެހުން، "ކާވް ބޯލް" އަކުން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން މި ލަނޑު މޮރޮކޯ އަށް ކާމިޔާބު ކޮށްދިނީ އަބްދުލްހާމިދް ސަބަރީ އެވެ.
މޮރޮކޯ އިން ލީޑު ފުޅާކުރީ މެޗުގެ 90 މިނެޓު ހަމަވެ ދެއްކި އިތުރު ވަގުތުގެ ހަ މިނެޓުގެ ތެރޭގައެވެ. މިއީ ހަކީމް ޒިޔެޝްގެ މޮޅު އިންޑިވިޖުއަލް ކުޅުމަކަށްފަހު އޭނާ ނެގި ހުރަހަކުން ޒަކަރިއްޔާ ޖެހި ލަނޑެކެވެ.
މި މޮޅާއެކު މޮރޮކޯ ވަނީ ގްރޫޕް އެފްގެ އެއްވަނައަށް ޖެހިލާފައެވެ. ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓު ހޯދައިގެން މޮރޮކޯ އެއްވަނައިގައި އޮތްއިރު ދެވަނައިގައި ބެލްޖިއަމް އޮތީ ދެ މެޗުން ތިން ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އެއް މެޗުން އެއް ޕޮއިންޓާއެކު ކްރޮއޭޝިއާ އޮތްއިރު ފުލުގައި އޮތީ ކެނެޑާ އެވެ.
މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ކެނެޑާ އަށް ހަނި ނަމަވެސް، މި ގުރޫޕުގެ އެއްވެސް ޓީމަކަށް އެ ފުރުސަތު އަދި ބަންދެއް ނުވެއެވެ.