27 Nov 2022, 19:44
ކުޅުދުއްފުށި ސިޓީގެ ފިހާރައަކަށް މީހަކު ކަތިވަޅިއެއް ހިފައިގެން ވަދެ، 4000އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.
އެ ވައްކަން ކޮށްފައި ވަނީ ފަރިރީތި ހާޑުވެއާ ކިޔާ ފިހާރައަކުންނެވެ. "ސަން"އާ ވާހަކަދައްކަމުން އެ ފިހާރައިގެ ވެރިފަރާތް މުޙައްމަދު މޫސާ ބުނީ، މި ވައްކަން ކޮށްފައިވަނީ ރޭ ފަތިހު ގާތްގަނޑަކަށް ފަހަކާއި ފަސްގަޑި ފަނަރަ އެހާކަންހާއިރު ކަމަށެވެ.
އޭނާ ބުނި ގޮތުގައި ވައްކަން ކުރި މީހާ ފިހާރައަށް ވަނީ ކަތިވަޅިން ޖަހައި ތަޅު ހަލާކުކޮށްލައިގެންނެވެ.
އެ ފިހާރައިގެ ވީޑިއޯ ފޫޓޭޖުން ފެންނަ މަންޒަރަށް ބަލާއިރު، ކަތިވަޅި ހިފައިގެން ވަތް މީހާ ވަނީ ފިހާރައިގެ ފައިސާ އަޅާ ވަތްގަނޑު ހުޅުވުމަށްފަހު ހުރިހާ ފައިސާއެއް ނަގައިގެން ގޮސްފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެވަގުތު ވަތްގަނޑުގައި ގިނަ އަދަދަކަށް ފައިސާ ހުއްޓެވެ.
މުހައްމަދު މޫސާ ބުނީ އެ ވަތްގަނޑުގައި 4000ވުރެ ގިނަ ރުފިޔާ ހުންނާނޭކަމަށެވެ.
"އާންމުކޮށް ކޮންމެ ރެއަކު ސޭލްސް ނިންމާފައި 2500 ރުފިޔާ ފިހާރައިގެ ވަތްގަނޑުގައި ބެހެއްޓިނަމަވެސް 4292 ވަރަކަށް ރުފިޔާ ރޭގަ ބެހެއްޓިން،" މުހައްމަދު މޫސާ ބުންޏެވެ.
އޭނާ ބުނީ މިއީ އެ ފިހާރައިން ވައްކަންކުރި ފުރަތަމަ ފަހަރު ކަމަށްވީ ނަމަވެސް، އެ ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ އެކި ފަހަރު މަތިން ފިހާރައަށް ވަދެ ބިރު ދައްކާފައިވާ ކަމަށެވެ.
އޭނާ ބުނީ ރޭ އެ ވައްކަން ކޮށްފައިވަނީ ވަރަށް ބޮޑަށް ރާވައިގެންކަމަށެވެ. މިގޮތުން ފިހާރައިން ވައްކަން ކޮށްފައިވަނީ އެންމެން ފަތިސް ނަމާދަށް ދިޔަ ގަޑީގައި ކަމަށް މުހައްމަދު މޫސާ ބުންޏެވެ. މިކަން ވީޑިއޯ ފޫޓޭޖުތައް ބަލާލުމުން ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ހާދިސާއާ ގުޅުން ހުރި ވީޑިއޯތައް މުހައްމަދު މޫސާ ވަނީ "ސަން"އާ ހިއްސާކޮށްފައެވެ. ވީޑިއޯތަކަށް ބަލާއިރު، ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ، ފަތިސް ނަމާދު ވަގުތު ވުމުގެ ކުރިން ފިހާރަ ކައިރިން ދާ މަންޒަރު ފެނެއެވެ.
މުހައްމަދު މޫސާ އެ ވައްކަން ކުރިތާ ގަޑިއިރެއްހާ އިރުގެ ތެރޭގައި ފުލުހުންނަށް މައްސަލަ ހުށައަޅާފައިވާކަމަށެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ، ކުޅުދުއްފުށީ ސިޓީ ފިހާރައަކުން ވައްކަންކުރި ރިޕޯޓެއް މިއަދު ހެނދުނުގެ ވަގުތެއްގައި ލިބިފައިވާކަމަށެވެ. މި މައްސަލާގައި 25 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާކަމަށާއި، މި މައްސަލަ ފުލުހުން ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ފުލުހުން ހައްޔަރުކުރި 25 އަހަރުގެ ފިރިހެން މީހާއަކީ މީގެ ކުރިން ވެސް މިފަދަ އެތައް މައްސަލަތަކެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެކެވެ. ނަމަވެސް މައްސަލައިގައި ކުރިއަށްދިއުމަށް ބޭނުންވާ ކިތާބީ ހެކި ނެތުމުގެ ސަބަބުން ކޮންމެ ފަހަރަކުވެސް އެމީހާ ދޫކޮށްލަނީއެވެ. މި މައްސަލައިގައި ކުޅުދުއްފުށީގެ ބައެއް ރައްޔިތުން ވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.