28 Nov 2022, 09:30
ޕްރޮޑިއުސަރު ކަރަން ޖޯހަރްއާ ވަރަށް ގާތް ގުޅުމެއް އޮންނަ ބޮލީވުޑް ބަތަލާ ކާޖޮލް ދަރްމާ އާ ފިލްމަކުން ފެނުމުގެ ފުރުޞަތު ބޮޑުކަމަށް ރިޕޯތުތައް ބުނެފިއެވެ. ކާޖޮލް ސޮއިކުރާނެކަމަށް ރިޕޯޓުތަކުން ބުނެފައިވަނީ އެކްޓަރު ސައިފް ޢަލީ ޚާންގެ ދަރިފުޅު އިބްރާހިމް ޢަލީ ޚާން ބޮލީވުޑަށް ތަޢާރަފްވާ ފިލްމަށެވެ. މިފިލްމަކީ، ދަރްމާ ކުންފުނިން އުފައްދާ ފިލްމެކެވެ.
މިފިލްމުގައި ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތްކުރާނެކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފައިވަނީ، އެކްޓަރު ބޮމަން އިރާނީގެ ދަރިފުޅު ކަޔޯޒޭ އިރާނީއެވެ.
ބަތަލާ ކާޖޮލްގެ ފިލްމީ ކެރިއަރުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ގިނަ ފިލްމުތަކަކީ ދަރްމާއިން އުފައްދާފައިވާ ފިލްމުތަކެކެވެ. އޭގެތެރޭގައި ބްލޮކް ބާސްޓަ ފިލްމު "ކުޗް ކުޗް ހޯތާހޭ"، "ކަބީ ޚުޝީ ކަބީ ޣަމް"، "މައި ނޭމް އިޒް ޚާން" ހިމެނެއެވެ.
ފިލްމު "މައި ނޭމް އިޒް ޚާން"އަކީ، ކާޖޮލްއާއި ކަރަން އެކީގައި މަސައްކަތްކުރި އެންމެ ފަހު ފިލްމެވެ. ބަތަލާ ކާޖޮލް ދަރްމާގެ ފިލްމަށް ސޮއިކޮށްފިނަމަ މިއީ 12 އަހަރުގެ މެދު ކެނޑުމަކަށްފަހު ކާޖޮލްއާއި ކަރަން އެކީގައި މަސައްކަތް ކުރާނެ ފުރަތަމަ ފިލްމެވެ.
މީޑިއާ ރިޕޯޓުތަކުން ބުނާގޮތުގައި ކާޖޮލްއަށް ހުށަހަޅާ ރޯލަކީ، ފުދޭވަރަކަށް ސްކްރީން ވަގުތު ގިނަ ރޯލެކެވެ. އަދި އެއީ އިމޯޝަނަލީ ވަރަށް ހިތްވަރުގަދަ މީހެއްގެ ރޯލެއްކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ކާޖޮލްވަނީ އިބްރާހީމްގެ ބައްޕަ ސައިފްއާއެކު ވެސް ވަރަށް ރީތި ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ. އޭގެތެރޭގައި ފިލްމު "ދިއްލަގީ"، "ހަމޭޝާ" އަދި ވަރަށް ފަހުން ރިލީޒްވި ފިލްމު "ތަންހާޖީ" ހިމެނެއެވެ.
ބަތަލާ ކާޖޮލް މިދުވަސްކޮޅު މަސައްކަތް ކުރަމުން އަންނަނީ ކުރިޔަށްއޮތް ޑިސެމްބަރު މަހުގެ 9ގައި ރިލީޒްކުރުމަށް ނިންމާފައިވާ ފިލްމު "ސަލާމް ވެންކީ"ގެ ޕްރޮމޯޝަނަލް މަސައްކަތްތަކުގައެވެ. މީގެއިތުރުން ކާޖޮލް އަންނަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާގެ "ދަ ގުޑް ވައިފް" ވެބް ސީރީސްގެ މަސައްކަތް ވެސް ކުރަމުންނެވެ.