08 Apr 2012, 16:58
އާސަންދަ އަށް ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާ އިން އާސަންދަ ހިންގުމަށް ރައްޔިތުންގެ އަތުން ކޯޕޭމަންޓެއް ނެގުމަށް ހެލްތު މިނިސްޓްރީ އިން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހުށަހަޅައިފި އެވެ.
އާސަންދައިގެ ހަރަދު ބޮޑުވެ، ބަޖެޓް ކޮށްފައި ހުރި ފައިސާ އިން އާސަންދަ ނުހިންގޭ މައްސަލަ ދިރާސާކުރުމަށް ފަހު މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ޖަލްސާ އަށް ހުށަހެޅި ރިޕޯޓުގައިވާ ކަންކަމަށް މެންބަރުން ބަހުސް ކުރެއްވުމުގެ މަރުހަލާގައި މާލިއްޔަތު ކޮމެޓީ މުގައްރިރު އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ އާސަންދައާ މެދު ހެލްތު މިނިސްޓްރީގެ ލަފަޔަކަށް އެދުމުން އެ މިނިސްޓްރީ އިން ލަފާދީފައި ވަނީ ކޯޕޭމަންޓެއް ނަގައިގެން ސުކީމް ކުރިއަށް ގެންދިޔުމަށް ފެންނަ ކަމަށެވެ.
އެ މައްސަލައިގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވެސް ވިދާޅުވީ ސުކީމް އެގޮތަށް ބައްޓަން ކުރުމަކީ ކޮމެޓީގެ ވިސްނުމުގައި ހުރި ކަމެއް ނޫން ކަމަށާއި ކޮމެޓީގެ ވިސްނުމުގައި ހުރީ އާސަންދަ ކޮންޓްރޯލްކޮށް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުން ކަމަށެވެ. އެގޮތުން މެންބަރުން ވަނީ އެ ރިޕޯޓުގައި ލަފާދީފައިވާ އައުޓް ޕޭޝަންޓުގެ]އެޑްމިޓްނުކޮށްދޭ ފަރުވާ[ ހިދުމަތަށް ކުޑަ ނަމަވެސް އެއްޗެއް ދޭގޮތަށް އާސަންދަ ބައްޓަން ކުރުމަކީ އުސޫލެއްގެ ގޮތުން ތާއީދު ކުރެވޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
ކޮމެޓީގެ މުގައްރިރު ނާޒިމް ވެސް ވިދާޅުވީ ކޮމެޓީގެ މަސައްކަތަކީ އާސަންދަ ހުއްޓާލުން ނޫން ކަމަށާއި އާސަންދަ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް އެންސްޕާ އަށް ލަފާ ދިނުން ކަމަށެވެ. އަދި ރައްޔިތުންގެ އަތުން އެއްޗެއް އާސަންދަ ހިންގުމަކީ ކޮމެޓީގެ ވިސްނުން ނޫންކަމަށް ވެސް ނާޒިމް ތަކުރާރުކޮށް ވިދާޅުވި އެވެ.
"އެއީ ހެލްތު މިނިސްޓްރީގައި އެދުނީމާ އެބޭފުޅުން ދެކޭ ގޮތް. އެއީ އަދި އަޅުގަނޑުމެން އެގޮތަށް ލަފާދޭ ގޮތެއް ނޫން. އެންސްޕާ އަށް ލަފާދޭނެ ކަންތައްތައް ނިންމާނީ މި ކޮމެޓީން. އަދި އާސަންދަ ހުއްޓާލުމުގެ މަސައްކަތެއް ވެސް ނޫން މި ކުރަނީ،" މުގައްރިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާސަންދައިގެ ހަރަދުގައި ރާއްޖެ އިން ބޭރުން ބޭސްފަރުވާ ކުރުމަށް މިހާތަނަށް 25 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށާއި ބޭހުގެ ހަރަދަށް 48.8 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލްތަކަށް 97 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނާޒިމް ވިދާޅުވީ އެންސްޕާ އިން ފޮނުވާފައިވާ ހިސާބުތަކުން ދައްކާ ގޮތުން މި އަހަރު އޮގަސްޓް ނޫނީ ސެޕްޓެމްބަރު މަހުތެރޭ 720 މިލިއަން ރުފިޔާގެ ބަޖެޓް މުޅިން ހުސްވާނޭނެ ކަމަށެވެ.
"މައްސަލަ އަކީ ދެން ތިން މަހަށް ހަރަދުކުރަން ފައިސާ ހޯދާނެ ގޮތެއް. މިހާރު ވެސް ބަޖެޓް އޮތީ މަޖިލީހަށް އަލުން ފޮނުވާ ހިސާބުގައި،" ނާޒިމް ވިދާޅުވި އެވެ.
އާސަންދައިގެ ރިޕޯޓް މަޖިލީހަށް ފޮނުވޭނީ އާސަންދައަކީ ގައުމީ ސިއްހީ ފަރުވާގެ ގާނޫނުގެ ދަށުން ހިންގޭ އިންޝުއަރެންސް ސްކީމެއްކަން ސާފުވެގެން ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އެ މައްސަލަ ސާފުކުރުމުން ކޮމެޓީގައި މަޝްވަރާކޮށް ރިޕޯޓް މަޖިލީހަށް ފޮނުވުމަށް ފާސްކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.
މެންބަރުން ވަނީ އާސަންދަ ކުރިއަށް ނުގެންދެވޭ ހިސާބަށް ދިޔުމުގެ ކުރިން "ހޭލާ ތިބެގެން"ވެސް އެ މައްސަލަ ނިންމަން ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ނާޒިމް މިއަދުގެ ކޮމެޓީ ނިންމާލެއްވީ ރިޕޯޓް ފުރިހަމަކޮށް މެންބަރުން ދިރާސާކުރުމަށް އިތުރަށް ވަގުތު ދެއްވަމުންނެވެ.