27 Nov 2022, 17:35
ފީފާ ވޯލްޑްކަޕްގައި ކޮސްޓަރީކާއިން މެޗުގެ ފަހުކޮޅު ޖެހި ލަނޑުން ޖަޕާން ބަލިކޮށް މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު އައުކޮށްފިއެވެ.
ގަތަރުގެ އަލް ރައްޔާން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކޮސްޓަރީކާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ދެ ޓީމުގެ ފަރާތުންވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ޖަޕާނަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް މި ފުރުސަތުތަކުގެ ބޭނުން އެޓީމަށް ހިފިފައެއް ނުވެއެވެ.
އެ ގޮތުން މެޗުގެ 13 ވަނަ މިނެޓުގައި ޖަޕާނުން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭރިއާ ތެރެއަށް ވަދެ ޖަޕާނުގެ ރިޓްސޫ ޑުއާން ހުރަސްކޮށްދިން ނުރައްކާތެރި ބޯޅަ ދިޔައީ ޖަޕާނުގެ ކުޅުންތެރިއެއްގެ ފައިގައި ނުޖެހިއެވެ.
މެޗުގެ ދެވަނަ ހާފު ޖަޕާނުން ފެށީ ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ 46 ވަނަ މިނެޓުގައި ޖަޕާނުގެ ހިޑެމަސާ މޮރީޓާ އޭރިއާ ތެރެއަށް ވެދެ ފޮނުވާލި ހަމަލާ ދިފާއުކުރީ މެޗުގެ މޮޅު ކުޅުމެއްދެއްކި ކޮސްޓަރީކާގެ ކީޕަރު ކޭލާ ނަވާސް އެވެ.
މެޗުގެ 81 ވަނަ މިނެޓުގައި ކޮސްޓަރީކާއިން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ޓެޖޭޑާ ތަނަވަސްކުރި ފުރުސަތަކުން ކޭޝާ ފުލާ ޖެހި ރީތި ގޯލެކެވެ. އޭނާ ފޮނުވާލި ހަމަލާއަކީ މި ވޯލްޑްކަޕްގައި ކޮސްޓަރީކާއިން ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާއެވެ.
ސްޕެއިން އާއި ދެކޮޅަށް ކުޅެ 0-7 ގެ ފަރަގު ބޮޑު ނަތީޖާއަކުން ކޮސްޓަ ރިކާ ބަލިވި މެޗުގައި އެޓީމަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. އަދި ޖަޕާނާއި ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުން ޖެހި ލަނޑުގެ ކުރިންވެސް އަދި ފަހުވެސް އިތުރު ހަމަލާއެއް އޮން ޓާގެޓަށް ފޮނުވާލެވިފައެއް ނުވެއެވެ.
ގޯލެއް ޖެހޭތޯ މަސައްކަތް ކުރަމުން ދިޔަ ޖަޕާނުން މެޗުގެ 87 ވަނަ މިނެޓުގައި ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެގޮތުން އެ ޓީމުގެ ޖެވެސިން ބެނެޓޭ އޭރިއާ ތެރެއަށް ވަދެ ހުރަސް ކޮށްދިން ބޯޅައަށް ހުސްކޮށްހުރެ ޑައިޗީ ކަމަޑާ އަރައި ފޮނުވާލި ހަމަލާ ދިފާއުކުރީ ނަވާސްއެވެ.
ކޮސްޓަރިކާގެ މި މޮޅާއެކު އެ ޓީމުން ވަނީ ގްރޫޕް އީގެ ތިންވަނަ މަގާމަށް ޖެހިލައިފައެވެ. ދެ މެޗު ކުޅެ އެ ޓީމު ތިން ވަނައިގައި އޮތީ ތިން ޕޮއިންޓާއެކުއެވެ. އެ ގްރޫޕްގެ އެއްވަނަ ލިބެނީ ސްޕެއިންއަށެވެ. އެއް މެޗު ކުޅެ ސްޕެއިން ތިން ޕޮއިންޓު ހޯދައިފައިވާއިރު ދެވަނައިގައި އޮތް ޖަޕާނަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެ ގްރޫޕްގެ ފުލުގައި ޖާމަނީ އޮތީ އެއް މެޗު ކުޅުނުއިރު އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.