08 Apr 2012, 16:35
އިންޓަވިއު ޓެކުނިކުސް ޓްރެއިނިންގެ ނަމުގައި، އެމެރިކާގެ ފެޑަރަލް ބިއުރޯއޮފް އިންވެސްޓިގޭޝަން ]އެފްބީއައި[ އިން ދިވެހި ފުލުހުނަށް އިންޓަވިއު ކުރާނެ ގޮތް ދަސްކޮށްދޭ ކޯހެއް ފަށައިފި އެވެ.
އެ ކޯސް ފަށާފައި ވަނީ މިއަދު އިސްކަންދަރުކޮށީގައި ބޭއްވި ހަފުލާއެއްގަ އެވެ.
އެ ހަފުލާގައި ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަހީދާއި ފުލުހުންގެ ސީނިއާ ބައެއް އޮފިސަރުންނާއި އެފްބީއައިގެ އޮފިޝަލުނާއި ކޯހުގެ ބައިވެރިން ބައިވެރިވި އެވެ.
ފުލުހުން ބުނި ގޮތުގައި އެ ޓުރެއިނިން ކޯހަކީ ދިވެހި ފުލުހުން ތަހުގީގުތަކުގައި އިންޓަވިޔު ކުރުން ހަރުދަނާކޮށް ގާބިލުކުރުމަށާއި ހަރުދަނާ ގޮތެއްގައި ތަހުގީގުކުރަން ދަސްކޮށް ދިނުމުގެ ގޮތުން ހިންގާ ކޯހެކެވެ.
އެއް ހަފުތާގެ މުއްދަތަށް ކުރިއަށްދާ ކޯހުގައި ކިޔަވައިދޭ ކަންތަކުގެ ތެރޭގައި ކުށެއްގެ ތުހުމަތުގައި ފުލުހަށް ހާޒިރު ކުރާ މީހަކާއި އަނިޔާ ލިބޭ ފަރާތްތަކާ އިންޓަވިއު ކުރާނެ ގޮތްތަކާއި އިންޓަވިއު ކުރުމުގައި މީހާގެ ހަރަކާތްތައް ދެނެގަންނާނެ ފަދަ ގޮތްތައް އެ ކޯހުގައި ކިޔަވައިދެވެނެ ކަމަށް ފުލުހުން ބުނެ އެވެ.
ސާޅީސް ފުލުހުން ބައިވެރިވި އެ ކޯހުގައި ކިޔަވައިދެއްވަނީ އެފްބީއައިގެ ތަޖުރިބާކާރު އޮފިޝަލުންނެވެ.