Last Updated:
3 year 12 month ago

ވޯލްޑް ކަޕުގެ 25 ވަނަ މެޗުގެ ލައިވް ބްލޮގް: ޖަޕާން 0 - 1 ކޮސްޓަ ރިކާ

    ބުލޮގު ޚުލާސާ

    ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ގެ 25 ވަނަ މެޗުގައި، ޖަޕާން އަދި ކޮސްޓަ ރިކާގެ ކުރިމަތިލުމުގެ ލައިވް ކަވަރޭޖް.

    16:50

    އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓުގެ ކުޅުން ހަމަވެއްޖެ. 0-1 އިން މެޗު ކާމިޔާބު ކުރީ ކޮސްޓަ ރިކާ.

    މިއާއެކު މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު އެޓީމަށްވެސް މިވަނީ ހުޅުވިފަ. މި މެޗުން މޮޅުވި ނަމަ ޖަޕާނަށް މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގައެއް ކަށަވަރުވީސް.

    މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދީވެސް ޖަޕާނުން. ކޮސްޓަ ރިކާ އިން ލަނޑު ޖެހީ މިފަހަރުގެ މުބާރާތުގައި އެޓީމުން ގޯލާއި އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާއިން.

    16:48

    މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކީ ހަ މިނެޓުގެ ކުޅުން.

    ޖަޕާނުން ފުލުފުލުގައި ފޮނުވާލި ހަމަލާތައް ދިފާއު ކުރުމަށްފަހު ކޮސްޓަ ރިކާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ --ފޮޓޯ/ގެޓީ އިމޭޖަސް
    16:43

    88 ވަނަ މިނެޓު: ޖަޕާނުގެ ނުރައްކާތެރި ހަމަލާއެއް. ކޮސްޓަ ރިކާގެ އޭރިއާ ތެރެއަށް ދެ ޓީމުގެވެސް ގިނަ ކުޅުންތެރިންތަކެއް ވަދެތިބި ވަގުތެއްގައި ޖަޕާނުގެ ކައުރޯ މިޓޮމާ އޭރިއާ ތެރެއަށް ބޯޅަ އާއިއެކު ވަދެ ހުރަސް ކޮށްދިން ބޯޅަ، އަސާނޯ ގޯލާއި ދިމާލަށް ފޮނުވާލި ނަމަވެސް، ކޮސްޓަ ރިކާގެ ކީޕަރު ކޭލާ ނަވާޒް ވަނީ ބޯޅަ ދިފާއު ކޮށްފަ. ދެވަނަ ފަހަރަށްވެސް ޖަޕާނުގެ ކުޅުންތެރިންނަށް ބޯޅަ ފޮނުވާލަން ލިބުނު ނަމަވެސް، ދެންވެސް ލިބުނު ފުރުސަތުގެ ބޭނުން ހިފިފައެއް ނުވޭ.

    16:39

    މިއީ މިފަހަރުގެ މުބާރާތުގައި ގޯލާއި އަމާޒުވާ ގޮތަށް ކޮސްޓަ ރިކާގެ ކުޅުންތެރިއަކު ފޮނުވާލި ފުރަތަމަ ހަމަލާ. ސްޕެއިން އާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް އަދި މި މެޗުގައި ލަނޑު ޖެހުމާއި ހަމައަށްވެސް ކޮސްޓަ ރިކާ އިން އޮން ޓާގެޓް ހަމަލާއެއް ފޮނުވާލާފައެއް ނުވޭ.

    16:29

    80 ވަނަ މިނެޓު: ކޮސްޓަރިކާ އިން ގޯލާއި އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާއިން ލަނޑު ޖަހައި ލީޑު ނަގައިފި. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކޭޝާ ފުލާ.

    16:28

    ޖަޕާނުގެ ހިލޭ ޖެހުން ފޮނުވާލީ ކަމާޑާ. ބޯޅަ އަމާޒުވީ ފާރަށް އެތުރި ތިބި ކުޅުންތެރިންގެ ގަޔަށް.

    16:24

    70 ވަނަ މިނެޓު: ޖަޕާނުގެ އީޑޯ އަށް ޑީ އޭރިއާ ތެރެއިން ކޮސްޓަ ރިކޯގެ ކާލްވޯ ކުރި ފައުލަކާއި ގުޅިގެން ރީނދޫ ކާޑެއް ދައްކައިފި. ކޮސްޓަ ރިކާ އިން ޖަރުމަނާއި ދެކޮޅަށް ކުޅޭ މެޗުގައި ކަލްވޯ އަށް ނުކުޅެވޭނެ. ސްޕެއިން މެޗުގައިވެސް ކަލްވޯ އަށް ރީނދޫ ކާޑެއް ދައްކާފައިވޭ.

    16:19

    ހިލޭ ޖެހުން ފޮނުވާލީ ޖަޕާނުގެ ސޮމާ. ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށް.

    16:11

    61 ވަނަ މިނެޓު: ޑީއޭރިއާ ތެރެއިން ޖަޕާނަށް ހިލޭ ޖެހުމެއް. ޖަޕާނުގެ އެންޑޯ އަށް ކުރި ފައުލާއި ގުޅިގެން ކޮސްޓަ ރިކާގެ ސެލްސޯ އަށް ރެފްރީ ވަނީ ރީނދޫ ކާޑެއް ދައްކާފަ.

    16:10

    ދެވަނަ ހާފުގެ 8 މިނެޓާއި ހަމައަށް ކުޅެވުނު އިރު މި ހާފު ޖަޕާނުން ފެށީ ވަރުގަދަކޮށް. މެޗުގައި މިހާތަނަށް ޖުމްލަ 8 ހަމަލާއެއް އެޓީމުން އުފައްދާފައިވާއިރު ދެ ހަމަލާއެއް އޮން ޓާގެޓަށް ވަނީ ފޮނުވާލާފަ.

    ކޮސްޓަ ރިކާ އަށް އަދިވެސް ޓާގެޓަށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ.

    15:47

    ފުރަތަމަ ހާފުގެ 45 މިނެޓާއި އިތުރު ވަގުތުގެ ގޮތުގައި ދެއްކި އެއް މިނެޓުގެ ކުޅުންވެސް ހަމަވެއްޖެ. ފުރަތަމަ ހާފު ދެ ޓީމުންވެސް ނިންމާލީ އެންމެ ހަމަލާއެއްވެސް ގޯލާއި އަމާޒުވާ ގޮތަށް ފޮނުވާ ނުލެވި.

    15:46

    ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނެޓު ދައްކައިފި.

    15:34

    ފުރަތަމަ ހާގުގެ 45 ވަނަ މިނެޓާއި ހަމައަށް ކުޅެވުނު އިރު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް އޮން ޓާގެޓް ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ. އެހެންނަމަވެސް ކޮސްޓަ ރިކާ އިން އޮފް ޓާގެޓް ތިން ހަމަލާ އަދި ޖަޕާނުން ދެ ހަމަލާއެއް ފޮނުވާލާފައިވޭ.

    ޖަޕާނުގެ ކުޅުންތެރިން މިހާތަނަށް 12 ފައުލެއް ކޮށްފައިވާއިރު ކޮސްޓަ ރިކާ އިން މެޗުގައި މިހާތަނަށް 4 ހަތަރު ފައުލު ކޮށްފައިވޭ. ދެ ޓީމުގެވެސް ކޮންމެ ޓީމަކުން އެއް ކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކާފައިވޭ.

    15:14

    30 ވަނަ މިނެޓު: ދެ ޓީމުން ކުރެ ޓީމަކަށް އަދިވެސް ލަނޑެއް ކާމިޔާބު ނުކުރެވޭ. ދެ ޓީމުން ކުރެ ޓީމަކަށް މާ މޮޅު، އެޓޭކިންގް ގޭމެއްވެސް މި މެޗުގައި މިހާތަނަށް ދެއްކިފައެއް ނުވޭ. ކޮންމެ ޓީމަކުންވެސް އެއް ހަމަލާ އުފައްދާފައިވާއިރު، ގޯލާއި އަމާޒުވާހެން ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ.

    ޖަޕާނާއި ކޮސްޓަ ރިކާ ބައްދަލުކުރާ މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް
    15:03

    13 ވަނަ މިނެޓު: ޖަޕާނުގެ ނުރައްކާތެރި ހަމަލާއެއް. އޭރިއާ ތެރެއަށް ވަދެ ޖަޕާނުގެ ރިޓްސޫ ޑުއާން ހުރަސްކޮށްދިން ބޯޅައަށް، އެ ޓީމުން ރަނގަޅު ޕޮޒިޝަނަށް އަރާނެ ކުޅުންތެރިއަކު ނުވެ، ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސް ވެގެން.

    15:00

    ޖަޕާނުން މެޗު ފެށީ ފުރަތަމަ މެޗަށް ނެރުނު ފުރަތަމަ 11 އަށް ފަސް ބަދަލެއް ގެނެސްގެން. ކޮސްޓަރިކާ އިންވެސް ފުރަތަމަ 11 އަށް ދެ ބަދަލެއް ގެނެސްފައިވޭ.

    14:59

    ޖަޕާން އިން އެންމެފަހުން ކޮސްޓަ ރިކާ އާއި ދެކޮޅަށް ކުޅުނު ހަތަރު މެޗުގައިވެސް ބަލިވެފައެއް ނުވޭ. އޭގެތެރެއިން ތިން މެޗު ކާމިޔާބު ކުރިއިރު އަނެއް މެޗުވީ އެއްވަރު. މޮޅުވި ތިން މެޗުގައިވެސް ޖަޕާނުން ވަނީ ތިން ލަނޑު ކޯސްޓަ ރިކާ ކޮޅަށް ޖަހާފަ.

    14:36

    ޖަޕާނާއި ކޮސްޓަ ރިކާގެ ކުރިމަތިލުމުގައި ދެ ޓީމުން ބޭނުންކުރާނެ ފުރަތަމަ 11.