27 Nov 2022, 03:13
ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ގާނާގެ މައްޗަށް ހޯދި މޮޅަށްފަހު، ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމުގެ ހުރިހާ މެމްބަރުންނަށް ދިން ޖާފަތަށް، ޓީމުގެ ދެ ކުޅުންތެރިއަކު ނައި ސަބަބު ހާމަކޮށްފިއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ޖާފަތް ދިނުމަށް ރޮނާލްޑޯ ޕޯޗުގަލްގެ މުޅި ޓީމު ގެންގޮސްފައިވަނީ ގަތަރުގައި ދާދި ފަހުން ހުޅުވި ފަސް ތަރީގެ ރެސްޓޯރަންޓެއް ކަމަށްވާ ޓަޓެލް ޑި ދޯހާ އަށެވެ،
މިއީ އަލް މަހާ އައިލެންޑުގައި ހުންނަ ރެސްޓޯރަންޓެކެވެ. ރިޕޯޓުތައް ބުނާ ގޮތުން މި ޖާފަތުގެ ބިލަށްވާ ފައިސާ އެއްކޮށް ދައްކާފައި ވަނީ ރޮނާލްޑޯ އެވެ.
މި ރެސްޓޯރަންޓަކީ މާބެލް ހޮސްޓަލިޓީ ކުންފުނީގެ ދަށުން ހިންގާ ރެސްޓޯރަންޓެކެވެ. އެ ކުންފުންޏަކީ ރޮނާލްޑޯ އާއިއެކު ޕާޓްނާޝިޕެއް ހަދާފައިވާ ކުންފުންޏެކެވެ.
މި ހާއްސަ ޖާފަތަށް ހާޒިރު ނުވަނީ ދާދި ފަހަކާއި ޖެހެންދެން ރޮނާލްޑޯ އެކުލަބަކަށް ކުޅުނު މެންޗަސްޓަރ ޔުނައިޓެޑާއި އެންމެ ވާދަވެރި ކުލަބު، މެންޗަސްޓަރ ސިޓީ އަށް ކުޅޭ ދެ ކުޅުންތެރިއެކެވެ. އެއީ ބާނާޑޯ ސިލްވާ އާއި ޖާއޮ ކެންސަލޯ އެވެ.

ބާނާޑޯ ސިލްވާ އާއި ކެންސެލޯ --ފޮޓޯ/ގެޓީ އިމޭޖަސް
ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ދެ ކުޅުންތެރިން މި ޖާފަތުގައި ބައިވެރި ނުވީ، އާއިލާއަށް ވަގުތު ދިނުމުގެ ގޮތުންނެވެ. އަދި އެ ކުޅުންތެރިން މި ޖާފަތުގައި ބައިވެރި ނުވީ ރޮނާލްޑޯ އާއި އެއްވެސް ކަހަލަ މައްސަލައެއް ޖެހިގެން ނުވަތަ ޓީމުގެ ތެރޭގައި މައްސަލައެއް އުޅެގެން ނޫންކަމަށް ރިޕޯޓު ކޮށްފައިވެއެވެ.
މި ޖާފަތަކީ ގާނާ އަތުން 2-3 އިން ހޯދި މޮޅަށްފަހު، ކުރިއަށް ގްރޫޕް ސްޓޭޖުގައި ހުރި މެޗުތަކުގެ ކުރިން ޓީމުގެ ކުޅުންތެރިންގެ މެދުގައި އޮތް ގުޅުން ބަދަހި ކުރުމުގެ ގޮތުން ރޮނާލްޑޯ ދިން ޖާފަތެއް ކަމަށް ވެއެވެ.
ގާނާ އާއި ދެކޮޅަށް ޕޯޗުގަލް އިން މޮޅު ކުޅުމެއް ދެއްކިއިރު އެ މެޗުގައި ރޮނާލްޑޯވެސް ލަނޑު ޖަހާފައި ވީނަމަވެސް، މެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ގާނާއިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ނުކުރީ ހަމަ ކިރިއާ އެވެ. އެގޮތުން 90 މިނެޓު ހަމަވެ ދެއްކި އިތުރުވަގުތުގެ 10 މިނެޓުގެ ތެރޭގައި ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޯސްޓާ އަށް، އަމިއްލަ އޭރިއާ ތެރެއިން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ގާނާގެ އިނާކީ ވިލިއަމްސް އަށް ލަނޑެއް ޖަހަން ރަނުގެ ފުރުސަތެއް ލިބުނެވެ.

ގާނާއާ ދެކޮޅަށް ކުޅުނު ޕޯޗުގަލް ޓީމުގެ ފުރަތަމަ 11..
އެ ފުރުސަތު އިނާކީ ވިލިއަމްސް އަށް ގެއްލުވާލީ ޕޯޗުގަލްގެ އިތުބާރު ޑިފެންޑަރު ރުބެން ޑިއާސް އެވެ.
ހެދުނު ގޯހާއި މެދު ޑިއޯގޯ ކޯސްޓާ މާޔޫސް ވެފައި ވަނިކޮށް، އޭނާއަށް ހިތްވަރު ދިނުމަށް ރޮނާލްޑޯ ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯ އެއް މީސްމީޑިއާގައި ދައުރުވެފައިވެއެވެ.
ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި، ރައުންޑް އޮފް 16 އަށް ދަތުރު ކުރުމަށް ޕޯޗުގަލް އަށް ކުރިއަށް އޮތް މެޗުން މޮޅުވުން މުހިންމެވެ. ކުރިއަށް އެ ޓީމަށް ދެން އޮތީ ހޯމަ ދުވަހުގެރޭ އުރުގުއާއި އާއި ދެކޮޅަށް ކުޅޭ މެޗެވެ.
އެއަށްފަހު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލް ނުކުންނާނީ އަންނަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ސައުތު ކޮރެއާއާ ދެކޮޅަށެވެ.
މިވަގުތު މި ގުރޫޕުގެ ޕޮއިންޓު ތާވަލުގެ އެއްވަނައިގައި ޕޯޗުގަލް އޮތީ ކުޅުނު ފުރަތަމަ މެޗުން ތިން ޕޮއިންޓު ހޯދައިގެންނެވެ. ޕޯޗުގަލްގެ ފަހަތުން ދެވަނަ އަދި ތިންވަނައިގައި އޮތީ ކޮރެއާ އާއި އުރުގުއާއި އެވެ. ފުލުގައި އޮތީ ޕޯޗުގަލް އަތުން ބަލިވި ގާނާ އެވެ.