Last Updated: 3 year 12 hour ago
Last Updated:
3 year 12 hour ago
ވޯލްޑް ކަޕުގެ 24 ވަނަ މެޗުގެ ލައިވް ބްލޮގް: އާޖެންޓީނާ 2 - 0 މެކްސިކޯ
01:51
މެޗުގެ އިތުރުވަގުތުގެ ކުޅުންވެސް ނިމިއްޖެ. މެސީެ ހިތްގައިމު ގޯލަކާއި، އެސިސްޓެއް. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އެންޒޯ ފެރްނާންޑޭޒްގެ ހިތްގައިމު ލަނޑެއް. 0-2 ގެ ނަތީޖާއަކުން މެކްސިކޯ ބަލިކޮށް އާޖެންޓީނާއިން މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު ހޯދައިފި.

90 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓު ވަނީ ދައްކާފަ.
87 ވަނަ މިނެޓު: އާޖެންޓީނާއިން މެޗުގައި ދެވަަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފި. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެންޒޯ ފެނާންޑޭޒް.
ފުރަތަމަ ހާފުގައި މެކްސިކޯ ޓީމުގެ ފަރާތުން ފެނިގެންދިޔަ ރޭވުންތެރި މޮޅު ކުޅުން ދެވަނަ ހާފުގައި ފެނިގެން ނުދޭ.
ދެވަނަ ހާފު ފެށިފަހުން މެކްސިކޯ އަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވޭ. އާޖެންޓީނާ އިން މިހާތަނަށް މެޗުގައި ހަތަރު ހަމަލާއެއް ފޮނުވާލިއިރު، އޭގެ ތެރެއިން އެއް ހަމަލާ ވަނީ ގޯލާއި އަމާޒު ކޮށްލާފަ.
މިއީ ވޯލްޑް ކަޕުގައި މެސީ ކާމިޔާބު ކުރި އަށްވަނަ ލަނޑު. މިއާއެކު އޭނާ ވަނީ ގައުމީ ޓީމަށް ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދިން ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ. ދެން ދެވަނައިގައި ހިމެނެނީ ޑިއޭގޯ މަރަޑޯނާ އާއި ގިލެރްމޯ ސްޓެބިލޭ.
މަރަޑޯނާ ވޯލްޑް ކަޕުގައި އަށް ލަނޑު ޖަހާފައި ވަނީވެސް 21 މެޗުން. މެސީ މި އަދަދަށް ލަނޑު ޖެހީވެސް 21 މެޗުން.
އާޖެންޓީނާގެ ގައުމީ ޓީމަށް ވޯލްޑް ކަޕުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއަކީ ގަބްރިއެލް ބަޓިސްޓޫޓާ.

މެސީގެ ހިތްގައިމު ލަނޑަކުން އާޖެންޓީނާއިން މެޗުގައި ލީޑު ނަގައިފި. މިއީ މެޗުގެ 64 ވަނަ މިނެޓުގައި ޑީއޭރިއާގެވެސް ބޭރުން ފޮމުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒު ކޮށްލައިގެން މެސީ ކާމިޔާބު ކުރި ހިތްގައިމު ލަނޑެއް.
އެތައް ފަހަރެއްގެ މަތިން މެސީ ލަނޑު ޖަހާފައިވާ ހިސާބަކުން ލިބުނު ހިލޭ ޖެހުމުގައި މެސީ ފޮނުވާލި ބޯޅަ ދިޔައީ މާ މަތިން ބޭރަށް.
ޑީއޭރިއާގެ ބޭރުން، މެސީގެ "ހާއްސަ ޒޯނުން" ހިލޭ ޖެހުމެއް.
50 ވަނަ މިނެޓު: މެސީ އަށް ކުރި ފައުލަކާއި ގުޅިގެން މެކްސިކޯގެ ގިޓެރޭޒް އަށް ރީނދޫ ކާޑެއް.

އާޖެންޓީނާ އާއި މެކްސިކޯ ބައްދަލުކުރާ މެޗުގެ ދެވަނަ ހާފު ފަށައިފި. ދެ ޓީމުންކުރެ ޓީމަކުން ހާފް ޓައިމްގައި ބަދަލެއް ގެނެސްފައެއް ނުވޭ.

މެކްސިކޯގެ ކޯޗު، މާޓިނޯ އަކީ އާޖެންޓީނާ އަށް އުފަން ރައްޔިތެއް. އޭނާ ވަނީ ކްލަބް ފެންވަރުގައިވެސް އަދި ބައިނަލްއަގްވާމީ ފެންވަރުގައިވެސް މެސީ އަށް ކޯޗުކަން ކޮށްދީފަ. އެއީ 2013 ވަނަ އަހަރާއި 2016 ވަނަ އަހަރާއި ދެމެދު.

ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނު. މެޗުގައި މެކްސިކޯ އިން ތިން ހަމަލާއެއް އުފައްދާ އެއް ހަމަލާ ގޯލާއި އަމާޒު ކޮށްލިއިރު އާޖެންޓީނާ އަށް އަދި މެކްސިކޯގެ ގޯލާއި އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ.
މެޗުގެ ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކީ ފަސް މިނެޓު.
ޑީއޭރިއާ ބޭރުން ޑީއޭރިއާގެ ލައިން ކައިރިން ލިބުނު ހިލޭޖެހުން ފޮނުވާލީ މެކްސިކޯގެ އެލެކްސިސް ވޭގާ. އޭނާ ފޮނުވާލި ބާރު، ރީތި ހިލޭޖެހުން ގޯލަށް ވަނުމަށް ހުރަހަކަށްވީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް.

ގިޓަރޭޒް އަށް ކުރި ފައުލަކާއި ގުޅިގެން 43 ވަނަ މިނެޓުގައި އާޖެންޓީނާގެ ގޮންޒާލޯ މޮންޓިއޭލް އަށް ރީނދޫ ކާޑެއް.
42 ވަނަ މިނެޓު: މެކްސިކޯ އިން ފުރަތަމަ ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވުނު އަންދްރޭސް ގުއަޑާޑޯގެ ބަދަލުގައި އެރިކް ގިޓަރޭޒް ކުޅެން އަރުވައިފި.
ފުރަތަމަ ހާފުގެ ފުރިހަމަވަގުތު ހަމަވާން ފަސްމިނެޓު: ކޯނަރަކުން ލިއޮނެލް މެސީ ޖައްސާލި ބޯޅަ، ޑި މާރިއާ އޭރިއާ ތެރެއަށް ހުރަސްކޮށްދިން އިރު މާޓިނޭޒް ބޮލުން ފޮނުވާލި ހަމަލާ ގޯލާއި އަމާޒު ނުވެ ދިޔައީ ބޭރަށް.

34 ވަނަ މިނެޓު: އާޖެންޓީނާއަށް ގޯލުގެ ކަނާއަތު އަރިމަތިން ނުރައްކާތެރި ހިސާބަކުން ޖެހުމެއް. ޖެހުން ފޮނުވާ ލަނީ މެސީ. ގޯލް ކުރިމައްޗަށް ހުރަސް ކޮށްލަން މެސީ ޖެހި ބޯޅަ ދިޔައީ ގޯލް ކީޕަރު އޮޗޯއާއާ މާ ކައިރިއަށް. އޮޗޯއާ ވަނީ ހުސިޔާރު ކަމާއެކު ބޯޅައަށް ހުރަސް އަޅާފަ. އެހެންނަމަވެސް އެތަނުން އޭނާއަށް އާޖެންޓީނާގެ ކުޅުންތެރިން ވަނީ ފައުލު ކޮށްފަ. ރެފްރީ ވަނީ އޭރިއާ ތެރެއިން މެކްސިކޯ އަށް ޖެހުން ދީފަ.

މެޗުގެ 30 ވަނަ މިނެޓާއި ހަމައަށް ކުޅެވުނު އިރު ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އާޖެންޓީނާއިން. އެހެންނަމަވެސް އެޓީމަށް މިހާތަނަށް މެކްސިކޯގެ ގޯލަށް ނުރައްކާ ކުރުމުގެ ގޮތުން އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވޭ. އޮން ޓާގެޓަށްވެސް އަދި އޮފް ޓާގެޓަށްވެސް ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ.

22 ވަނަ މިނެޓު: މެޗުގެ ފުރަތަމަ ރީނދޫ ކާޑު މެކްސިކޯގެ އަރައުހޯ އަށް.
މެޗުގެ 20 ވަނަ މިނެޓު: ފާސްޓު އެޓޭކިންގް ގޭމެއް ދެ ޓީމުންވެސް ކުޅެމުން ދާއިރު މިހާތަނަށް ދެ ޓީމުންކުރެ ޓީމަކަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ. އެހެންނަމަވެސް މެކްސިކޯ އިން އޮފް ޓާގެޓް ހަމަލާއެއް ފޮނުވާލާފައިވޭ.
މެޗުގައި މިހާތަނަށް ހަތް ފައުލެއް ފެނިގެންގޮސްފައިވޭ.
މުބާރާތުގެ ނޮކް އައުޓް ސްޓޭޖުން ޖާގައެއް ހޯދުމަށް މި ދެ ޓީމަށްވެސް މިއީ މޮޅުވުން މިހިންމު މެޗެއް. މި މެޗުން އާޖެންޓީނާ ބަލިވެއްޖެ ނަމަ އެޓީމަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު އެއްކޮށް ބަންދުވާނެ.

މެޗު ފަށައިގެން 10 މިނެޓު ކުޅުނުއިރު ދެ ޓީމުގެ ފަރާތުންވެސް ފެންނަނީ ވަރަށް އެގްރެސިވް ކުޅުމެއް. ހަތަރު ފައުލެއް މިހާތަނަށް ފެނިގެން ގޮސްފައިވޭ. އޭގެ ތެރެއިން ތިން ފައުލު ކޮށްފައި ވަނީ މެކްސިކޯގެ ކުޅުންތެރިން.

އާޖެންޓީނާ އާއި މެކްސިކޯ އެންމެފަހުން ބައްދަލުކުރި 10 މެޗުގައިވެސް އާޖެންޓީނާ ބަލިވެފައެއް ނުވޭ. އޭގެ ތެރެއިން 7 މެޗުން އާޖެންޓީނާ މޮޅުވެފައިވާއިރު ތިން މެޗުވީ އެއްވަރު. އާޖެންޓީނާ އެންމެފަހުން މެކްސިކޯ އަތުން ބަލިވެފައި ވަނީ 2004 ވަނަ އަހަރު ކުޅުނު ކޮޕާ އެމެރިކާގެ މެޗެއްގައި.


އާޖެންޓީނާ އާއި މެކްސިކޯ ބައްދަލުކުރާ މެޗު ފަށައިފި.
މިއީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ވޯލްޑް ކަޕުގައި ކުޅޭ 21 ވަނަ މެޗު. މި މެޗާއެކު މެސީ އަކީ ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާގެ ޖާޒީގައި އެންމެ ގިނަ މެޗު ކުޅެދިން ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ. ދެން މި އަދަދަށް މެޗު ކުޅެފައި ވަނީ އާޖެންޓީނާގެ ލެޖެންޑް ޑިއެގޯ މެރަޑޯނާ.
މެރަޑޯނާ ވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު މަރުވެފަ.

މި މެޗާއި ކުރިމަތާ އާޖެންޓީނާ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ވަނީ 1-2 އިން ބަލިވެފަ.
މެކްސިކޯ އާއި ޕޮލެންޑް ބައްދަލުކުރި މެޗު، ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ވީ އެއްވަރު.
ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ޓީމުތަކުން ކުޅޭ ދެވަނަ މެޗުތަކުގެ ތެރެއިން އާޖެންޓީނާ އާއި މެކްސިކޯ ބައްދަލުކުރާ މެޗުގައި ދެ ޓީމުން ބޭނުންކުރާ ފުރަތަމަ 11.