26 Nov 2022, 22:02
ސްޓޭޑިއަމެއް ތަރައްގީކުރުމަށް ވުރެ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭންސީންނަށް އިންސާނީ ހައްގު ހޯދައިދިނުން މިވަގުތު މާ މުހިންމު ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ހުޅުމާލޭ ވޯޓާ ތީމް ޕާކް ކުރިމަތީގައި އޮންނަ ހުސްބިން ހާއްސަކޮށްފައިވަނީ ފުޓުބޯޅަ ސްޓޭޑިއަމެއް ތަރައްގީކުރުމަށެވެ. އެބިމުގައި ބިދޭސީ މަސައްކަތްތެރިންގެ އެކޮމަޑޭޝަން ބްލޮކެއް ތަރައްގީކުރުމުގެ މަސައްކަތް އެޗްޑީސީން ވަނީ ފަށާފައެވެ. އެ މަސައްކަތް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު އެ ސަރަހައްދުން ހ. ބޮނޑިކަނދޮޅުގެ، މުހައްމަދު އަޒުހާންގެ ހަށިގަނޑު ފެނުމަށް ފަހުއެވެ.
އަދި، ގަތަރު ސަރުކާރުން އަޅަން ނިންމި އެ ސްޓޭޑިއަމްގެ މަސައްކަތް ހުއްޓުނީ ސިޔާސީ ގުޅުން ހީނަރުވުމުގެ ސަބަބުން ކަމަށްވެސް ބައެއް މީޑިއާތަކުން ބުނެއެވެ.
މިކަމާ ގުޅިގެން އެޗްޑީސީގެ ޕީއާރު އެސިސްޓެންޓް މެނޭޖަރު އަހުމަދު މިމްރާހް "ސަން" އަށް ވިދާޅުވީ އެބިން ބަންދުކުރުމާ އަޒުހާންގެ ހަށިގަނޑު ފެނުމާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ހަށިގަނޑު ފެނުމުގެ ކުރިންވެސް އެކަން ކުރަން ނިންމާފައިވާ ކަމަށެވެ.
މިމްރާހް ވިދާޅުވީ، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދިރިއުޅުމުގެ ޖާގައިގެ ދަތިކަން ކަމަށެވެ. ދާދި ފަހުން މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، މިފަދަ އިޖްތިމާއީ ބޮޑެތި މައްސަލަތަކުގެ ސަބަބުން އެތައް ފުރާނައެއް ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ކަމަށާއި، އެޗްޑީސީގެ އަމާޒަކީ ސަރުކާރާ ގުޅިގެން އެފަދަ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިން ސްޓޭޑިއަމް އަޅަން ނިންމި ސަރަހައްދު: އެޗްޑީސީން ވަނީ އެ ސަރަހައްދު ސާފުކުރަން ފަށާފައި --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން
އެއްތަނެއްގައި އެގޮތަށް އުޅޭ އިރު އަލިފާނުގެ ހާދިސާ ފަދަ ކަންތައް މި ހިނގަނީ. އެކަމަށް ދެއްތޯ ފުރަތަމަ ހައްލު ހޯދަން ޖެހޭނީ. ބައެއްގެ އިންސާނީ ހައްގު ނަގާލާފައި އިތުރުކަމެއް ނުކުރަން. ކުޅިވަރަށް ވުރެވެސް މާ މުހިންމު ކަމެއް ދެއްތޯ މިކަމަކީ.އެޗްޑީސީގެ ޕީއާރު އެސިސްޓެންޓް މެނޭޖަރު އަހުމަދު މިމްރާހް
އެޗްޑީސީން އެކުލަވާލާފައިވާ މާސްޓާ ޕްލޭންގެ ދަށުން ކުޅިވަރު ކުޅުމަށް ސްޓޭޑިއަމް ތަރައްގީކުރާނެ ބިމުގެ މައުލޫމާތު ފަހުން އާންމުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހުޅުމާލެ ވޯޓާ ތީމް ޕާކު ކުރިމަތީ އޮތް ހުސްބިން ސާފުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެޗްޑީސީން މިހާރު އަންނަނީ އެސަރަހައްދު ވަށައިގެން ޓިނު ފެންސެއް ޖަހަމުންނެވެ.
ބިދޭސީ މަސައްކަތްތެރިންނަށް ޚާއްސަކޮށްގެން އަޅާ މި އިމާރާތަކީ ރާއްޖޭގެ އެކި ކުންފުނިތަކުން އެކި މަސައްކަތްތައް ކުރުމަށް ގެންނަ ބިދޭސީ މުވައްޒަފުންނަށް ރައްކާތެރި އެކޮމޮޑޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަގްސަދުގައި އެޗްޑީސީން ފަށާ މަޝްރޫއެކެވެ.
އެގޮތުން މި މަޝްރޫއުގެ ދަށުން 7،000 މަސައްކަތްތެރިންނާއި، 2،000 ހޮސްޕިޓަލިޓީ މުވައްޒަފުންނަށް ދިރިއުޅެވޭނެ 18 ބްލޮކް ހިމެނޭ މި އިމާރާތުގެ ކޮންމެ ބްލޮކެއްގައި ހަތަރެއް އަދި ހަ މީހުންގެ ޖާގައިގެ ކޮޓަރިތަކާއި ފާޚާނާބަރިއަކާއި ނަމާދުގެ އަދި ފިހާރަ ހިމެނެއެވެ.