Last Updated: 3 year 15 hour ago
Last Updated:
3 year 15 hour ago
ވޯލްޑް ކަޕުގެ 23 ވަނަ މެޗުގެ ލައިވް ބްލޮގް: ފްރާންސް 2 - 1 ޑެންމާކް
އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓުގެ ކުޅުން ވެސް ނިމިއްޖެ. ޝައުގުވެރި ކަންތައްތަކެއް މެޗުގެ ފަހު ކޮޅު ހިނގި މި މެޗު ފްރާންސް އިން ކާމިޔާބު ކުރީ 1-2 ގެ ނަތީޖާ އަކުން. މިއާއެކު ފްރާންސް އަށް މުބާރާތުގެ ރައުންޑް އޮފް 16 އިން ޖާގަ ލިބުނުއިރު އެޓީމަކީ މި ފަހަރުގެ މުބާރާތުގެ ރައުންޑް އޮފް 16 އިން ޖާގަ ހޯދި ފުރަތަމަ ޓީމު.

85 ވަނަ މިނެޓު: އެންޓޮއިން ގްރީޒްމަން ނަގައިދިން ޕިންޕޮއިންޓް ހުރަސް ގޯލުގެ ތެރެއަށް ވައްދާލައިގެން އެމްބާޕޭ ދެވަނަ ލަނޑެއް ޖަހައި އަނެއްކާވެސް ފްރާންސަށް ލީޑު ނަގައިދީފި.

ޑެންމާކުން 68 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފި. އަންދްރެއާސް ކްރިސްޓެންސަން.

61 ވަނަ މިނެޓު: ފްރާންސް އިން ލަނޑެއް ޖަހައި ލީޑު ނަގައިފި. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޒުވާން ތަރި ކިލިއަން އެމްބާޕޭ. މިއީ ތިއޯ ހެނާންޑޭޒް އާއި އެމްބާޕޭއާ ދެ ކުޅުންތެރިން ގުޅިގެން ތަނަވަސްކުރި ފުރުސަތަކުން އެމްބާޕޭ ކާމިޔާބު ކުރި ލަނޑެއް.

60 ވަނަ މިނެޓު: ހާފުގެ މެދުތެރެއިން ކުޅުންތެރިއަކު ޑީ އޭރިއާ ބޭރަށް ނަގައިދިން ބޯޅަ މެއިން ކޮންޓްރޯލް ކޮށްލުމަށްފަހު އެތެރެއަށް ވަދެ އެންޓޮއިން ގްރީޒްމަން ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށް.
57 ވަނަ މިނެޓު: އިންޑިވިޖުއަލް މޮޅު ކުޅުމަކަށްފަހު ހާފުގެ މެދުތެރެއިން ފެށިގެން ޑެންމާކުގެ ކުޅުންތެރިން ބީޓު ކުރަމުން ގޮސް ކިލިއަން އެމްބާޕޭ ފޮނުވާލި ބާރު ހަމަލާ އަށް ހުރަސް އެޅީ ޑެންމާކުގެ ކީޕަރު. ކޯނަރަކަށް ބޯޅަ ބޭރުވި އިރު މި ކޯނަރުން ފުރުސަތެއް ތަނަސް ކުރެވިފައެއް ނުވޭ.

މެޗުގެ ދެވަނަ ހާފު ފަށައިފި. ޑެންމާކުން ހާފު ފެށީ ބަދަލަކާއި އެކު. އެއީ ފުރަތަމަ ހާފުގައި ރީނދޫ ކާޑެއް ދައްކާފައިވާ ކޮނީލިއަސްގެ ބަދަލުގައި މާޓިން ބްރެއިތުވެއިޓް.
ނަތީޖާ އަށް ބަދަލެއް ނައިސް، މެޗުގެ ފުރަތަމަ ހާފުގެ 45 މިނެޓާއި އިތުރުވަގުތުގެ ކުޅުން ހަމަވެއްޖެ. މިއީ ގޭމުގެ ސްޕީޑު ލަސް، މާ ޝައުގުވެރި ކުޅުމެއް ދެ ޓީމުންކުރެ ޓީމެއްގެ ފަރާތުން ފެންނަ މެޗެއް ނޫން. ދެ ޓީމުގެ ފަރާތުންވެސް ފެންނަނީ އާދައިގެ ކުޅުމެއް.
ފުރަތަމަ ހާފުގެ 40 މިނެޓާއި ހަމައަށް ކުޅުނު އިރު ފްރާންސް އިންވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް، ގިނަ ހަމަލާތަކެއްވެސް ފޮނުވާލާފަ. މިހާތަނަށް ޖުމްލަ 12 ހަމަލާއެއް ފޮނުވާލާފައިވޭ. ފްރާންސް އަށް މެޗުގައި ރަނގަޅަށް ނުކުރެވޭ ކަމަކީ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައި، ނިންމައިލުން.
މެޗުގެ 28 ވަނަ މިނެޓާއި ހަމައަށް ކުޅުނު އިރު ޑެންމާކަށް އަދި އެންމެ ހަމަލާއެއްވެސް އުފެއްދިފައެއް ނުވޭ. އޭގެ ބަދަލުގައި ފްރާންސް އިން މިހާތަނަށް ފަސް ހަމަލާއެއް އުފައްދާ އެއް ހަމަލާ ގޯލާއި އަމާޒުވާ ގޮތަށް ފޮނުވާލާފައިވޭ.
މެޗުގެ ބޯލް އިންސައްތަ ދެ ޓީމުންވެސް ހިއްސާ ކުރަނީ ދާދި ހަމަހަމަ އަށް. ދެޓީމުންވެސް ކޮންމެ ޓީމަކުން ތިން ފައުލު ކޮށްފައި ވާއިރު ޑެންމާކުގެ ދެ ކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކާފައިވޭ. އެއީ ކްރިސްޓެންސަން އާއި ކޯނީލިއަސް އަށް.

ފްރާންސް އިން މި މެޗާއި ކުރިމަތިލީ، މުބާރާތުގެ ފުރަތަމަ މެޗުގައި އެޓީމުން ނެރުނު ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސްގެން. މި ބަދަލުތައް ގެނެސްފައި ވަނީ ޓީމުގެ ޑިފެންސް ލައިނަށް.
އެއީ ޕަވާޑް، ކޮނާޓޭ އަދި ލޫކަސް ހެރްނާންޑޭޒްގެ ބަދަލުގައި ކޫންޑޭ ވަރާން އަދި ތިއޯ ހެރްނާންޑޭޒް.
ޑެންމާކުންވެސް ފުރަތަމަ 11 އަށް ހަތަރު ބަދަލެއް ގެނެސްފައިވޭ.
ގްރޫޕް ސްޓޭޖުގައި ފްރާންސް އިން ވަނީ އޮސްޓްރޭލިއާ އަތުން 1-4 އިން މޮޅުވެފައި ވާއިރު، މި މެޗު ކާމިޔާބު ކޮށްލައިގެން ފްރާންސް އަށް ރައުންޑް އޮފް 16 ގެ ޖާގައެއް ކަށަވަރު ކުރެވޭނެ. މިއާއެކު ފްރާންސް ވާނީ މިފަހަރުގެ މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކުރާ ފުރަތަމަ ޓީމަށް.
ފްރާންސާއި ޕޮލެންޑު ބައްދަލުކުރާ މެޗުގައި ދެ ޓީމުން ބޭނުނުްކުރާނެ ފުރަތަމަ 11.