ފީފާ ވޯލްޑްކަޕްގައި މިއަދު ޕޮލެންޑާއި ދެކޮޅަށް ސައުދީ އަރަބިއްޔާގެ ކުޅުންތެރިން، ތައުރީފު ހައްގު މޮޅު ކުޅުމެއް ދެއްކި ނަމަވެސް ޕޮލެންޑުން އެޓީމުގެ މައްޗަށް ކުރިހޯދައިފިއެވެ.

އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު އެ މެޗު ޕޮލެންޑުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ،

މެޗުގައި ސައުދީގެ ފަރާތުން އެޓޭކިންގް މޮޅު ގޭމެއް ކުޅުނުތަން ފެނުނުއިރު، ޖުމްލަ 16 ހަމަލާއެއް އުފައްދާފައިވެއެވެ. އަދި ފަސް ހަމަލާއެއް ގޯލާއި އަމާޒު ކޮށްލާފައިވެއެވެ.

އެހެންނަމަވެސް ގޯލާއި އަމާޒުވި ހަމަލާތަކަށް ޕޮލެންޑުގެ އިތުބާރު ކީޕަރު ޝެޒްނީ ހުރަސް އަޅާފައި ވާއިރު، މެޗުގައި ސައުދީ ޓީމަށް ރަނގަޅަށް ނުކުރެވުނު ހަމައެކަނި ކަމަކީ ތިން ދަނޑިން އެތެއަށް ބޯޅަ ފޮނުވާ ނުލެވުމެވެ.

މެޗުގެ 26 ވަނަ މިނެޓުގައި ޕޮލެންޑުން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި އޭރިއާ ތެރޭގައި ހުރި ޕޮލެންޑުގެ ބިއެލިކް ބޮލުން ގޯލާއި ދިމާލަށް ފޮނުވާލި ހަމަލާ ދިފާއު ކުރީ ސައުދީގެ ފޯވާޑު އަލް ޝެހްރީއެވެ.

މެޗުގެ 39 ވަނަ މިނެޓުގައި ޕޮލެންޑުން ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. އެ ގޯލަކީ ރޮބާޓް ލޮވެންޑޯސްކީ ތަނަވަސް ކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައިގެން ޕިއޮޓް ޒިއެލެންސްކީ ކާމިޔާބު ކޮށްދިން ލަނޑެކެވެ.

ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ސައުދީއަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ޕޮލެންޑުގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ބިއަލެކް، ސައުދީގެ އަލް ޝެހްރީއަށް ކުރި ފައުލަކަށް ސައުދީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ސައުދީގެ ސަލީމް އަލްދައުސަރީ ފޮނުވާލި ޕެނަލްޓީ ދިފާއުކުރީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕޮލެންޑުގެ ކީޕަރު ޝެޒްނީއެވެ. އަދި ޝެޒްނީ ދިފާއު ކުރި ބޯޅަ ރިބައުންސް ވެގެން އައުމުން، އެ ބޯޅަ ގޯލާއި ދިމާލަށް ފޮނުވާލުމުގެ ފުރުސަތު އަލް ޝެހްރީ އަށް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަވެސް ޕޮލެންޑުގެ ކީޕަރު ޝެޒްނީ ވަނީ ހުށިޔާރު ކަމާއެކު ދިފާއު ކޮށްފައެވެ.

ސައުދީ އަދި ޕޮލެންޑު ބައްދަލުކުރި މެޗުގެ ތެރެއިން ----

މެޗުގެ 55 ވަނަ މިނެޓުގައި ސައުދީއަށް ވަނީ ލަނޑެއް ޖަހާނެ އިތުރު ފުރުސަތެއް ލިބިފައެވެ. އެހެންނަމަވެސް އޭރިއާ ތެރޭގައި ހުރެފައި ސަލީމް ފޮނުވާލި ހަމަލާ ވެސް ޝެޒްނީ ވަނީ ހުރަސް އަޅާފައެވެ.

މީގެއިތުރުން ޕޮލެންޑަށްވެސް މި މެޗުގައި އިތުރު ލަނޑުތަކެއް ޖަހާނެ ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން މެޗުގެ 63 ވަނަ މިނެޓުގައި ޕޮލެންޑުގެ ފްރެންކޯސްކީ، ސައުދީ އޭރިއާ ބޭރުން ނެގި ހުރަހަކުން މިލިކް ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ. އަދި މެޗުގެ 65 ވަނަ މިނެޓުގައި ރޮބާޓް ލެވަންޑޯސްކީ ފޮނުވާލި ހަމަލާ ވެސް އަމާޒުވީ މަތީ ދަނޑިއަށެވެ.

މެޗުގެ 81 ވަނަ މިނެޓުގައި ޕޮލެންޑުން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ، އެ ގޯލަކީ ސައުދީގެ ޑިފެންސްލައިނުން ހެދި ގޯހެއްގެ ފައިދާ ނަގައިގެން ލެވަންޑޯސްކީ ޖެހި ގޯލެކެވެ. މިއީ ވޯލްޑް ކަޕެއްގައި ލެވަންޑޮސްކީ ޖެހި ފުރަތަމަ ލަނޑެވެ.

މި ނަތީޖާއާއެކު ޕޮލެންޑު ވަނީ ގްރޫޕް ސީގެ އެއްވަނަ މަގާމަށް ޖެހިލައިފައެވެ. އެ ޓީމު އެއްވަނައިގައި އޮތީ ދެ މެޗު ކުޅެގެން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި ސައުދީ އޮތީ ދެމެޗުން ތިން ޕޮއިންޓު ހޯދައިގެންނެވެ. ތާވަލުގެ ތިން ވަނައިގައި މެކްސިކޯ އޮތީ އެއް މެޗު ކުޅެ އެއް ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ފުލުގައި އާޖެންޓީނާ އޮތީ ޕޮއިންޓެއް ނުލިބިއެވެ.