08 Apr 2012, 16:10
ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބު އަންނަ ޖުލައި މަހުގެ18 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
އެފްއޭއެމްގެ ރައީސް އަލީ އާޒިމް މިއަދު ވިދާޅުވީ އިންތިހާބު ބާއްވާނެ ދުވަސް ކަނޑައެޅީ އެއިދާރާގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރުގެ މެދުގައި މިއަދު މެންދުރު ކުރީގެ ވަގުތެއްގައި ބޭއްވި ބައްދަލުވުމުގައި ކަމަށެވެ. އަދި އާޒިމްގެ ޓުވިޓާ އެކައުންޓުގައި ވެސް މިކަން ވަނީ ިއުލާން ކޮށްފައެވެ.
އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލުމުގެ ކުރިން މިހާރުވެސް، އިންތިހާބުގައި ރައީސްކަމަށް ވާދަކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވަނީ ވިދާޅުވެފައެވެ. އަދި އިލްހާމާއެކު އެފް.އޭ.އެމުގެ ނާއިބް ރައީސްކަމަށް ކުރިމަތިލައްވަނީ ފ. ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލްމުހުސިން ހަމީދު (ޖޭފޯ) އެވެ.
އެފްއޭއެމްގެ ރައީސްކަން އިލްހާމް އަހުމަދަށް ލިބިއްޖެނަމަ އޭނާގެ ޖެނެރަލް ސެކްރެޓަރީއަކަށް ވާނީ އޭޝިޔާގެ އެންމެ މޮޅު މެޗު ކޮމިޝަނަރު އަބުދުލްހަމީދުއަބުދުލްގަފޫރު (އައްޑޯ) ކަމަށް އިލްހާމްގެ ކެމްޕޭން ޓީމުން ވެސް ވަނީ ބުނެފައެވެ.
އެހެންނަމަވެސް މިފަހަރުގެ އިންތިހާބުގައި ވާދަކުރައްވަންތޯ ސަން އިން ދެންނެވި ސުވާލަކަށް މިހާރުގެ ރައީސް އަލީ އާޒިމް ވިދާޅުވީ، އަދި އެކަމާ ބެހޭ ގޮތުން އެއްޗެއް ބުނަން އަވަސް ކަމަށެވެ. އެކަމަކު އާޒިމްގެ ނާއިބަކަށް ހުންނެވި ވެލެންސިއާގެ ހިޔަލީ މުހައްމަދު ރަޝީދު ވެސް ވަނީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވައިފަ އެވެ.
އެފް.އޭއެމުގެ އިންތިހާބުގައި ވޯޓުލާނީ ޖުމުލަ 13 ކުލަބަކުންނެވެ. އެއީ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބާއި ދެ ވަނަ ޑިވިޝަނުގެ ތިން ކުލަބަކާއި ތިން ވަނަ ޑިވިޝަނުގެ ދެ ކުލަބަކުންނެވެ. މީގެ ތެރެއިން ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުން ވޯޓުލާކުލަބުތައް ހޮވާނީ ކޮންމެ ޑިވިޝަނެއްގައި ހިމެނޭ ހުރިހާ ޓީމެއްގެ މެދުގައި ޕްރިލިމިނަރީ ވޯޓެއް ނަގައިގެންނެވެ. މި ދެ ޑިވިޝަނުން އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބޭނީ އެންމެ ގިނަ ވޯޓު ލިބޭ ޓީމުތަކަށެވެ.