26 Nov 2022, 17:07
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ޚާއްސަ ސިޓީފުޅެއް ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާނަށް އަރުވައިފިއެވެ.
މިސިޓީފުޅު ޔޫއޭއީގެ ރައީސަށް އަރުވާފައިވަނީ އެމަނިކުފާނުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މިހާރު އެގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ފޮރިން މިނިސްޓަރު ޝައިޚް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މިބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ރައިސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޔޫއޭއީގެ ސަރުކާރާއި، އެޤައުމުގެ ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.
އަދި، ދެގައުމުގެ ޒަމާންވީ ގާތް، ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ޔޫއޭއީ ސަރުކާރުން ރާއްޖެއަށް ވެދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައިވާއިރު، ވަކީން ޚާއްސަކޮށް އަބުދާބީ ފަންޑުން ރާއްޖޭގެ އިޖްތިމާއި، އަދި އިގްތިސާދީ ތަރައްގީއަށް ވެދެއްމުން އަންނަ އެހީތެރިކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، ބައިނަލްއަގްވާމީ މައިދާނުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން ދެ ގައުމުގެ ފޮރިން މިނިސްޓްރުން މަޝްވަރާކުރައްވާފައިވެއެވެ.
މިބައްދަލުކުރެއްވުމުގައި މިނިސްޓަރުގެ އަރިހުގައި ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު އާމިނަތު ޝަބީނާއާއި، ފޮރިން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޝާހިދުގެ މި ދަތުރުފުޅުގައި އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު އަލް ސުވައިދީއާ ވެސް ބައްދަލުކުރައްވާފައިވެއެވެ.
އަބޫދާބީ ފަންޑުން ވަނީ ކުރިއަށް އޮތް ތަނުގައިވެސް ދިވެހިރާއްޖޭގެ ތެރައްގީއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޝާހިދަށް އަރުވާފައެވެ.