26 Nov 2022, 16:51
މެޗުގެ ތެރެއިން ޕެނަލްޓީ ހޯދައި، އެ ޕެނަލްޓީގައި ލަނޑު ކާމިޔާބު ކުރުމުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ "ޓޯޓަލް ޖީނިއަސް" އެއް ނުވަތަ ތޫނުފިލި މީހެއް ކަމަށް ފީފާ އިން ބުނެފިއެވެ.
ފީފާ އިން މިހެން ބުނެފައި ވަނީ، ޕޯޗުގަލް އިން ގާނާގެ މައްޗަށް ކުރިހޯދި މެޗުގައި ކްރިސްޓިއާނޯ އަށް ގާނާގެ ޑިފެންޑަރު މުހައްމަދު ސަލީސޫ ކުރި ފައުލާއި ގުޅިގެން ވީއޭއާރުގެ އެހީ ހޯދުމަށްފަހު ރެފްރީ ދިން ޕެނަލްޓީ އާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
މި ޕެނަލްޓީ ކާމިޔާބުކޮށް ރޮނާލްޑޯ ވަނީ، ތަފާތު ފަސް ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑު ގާއިމް ކޮށްފައެވެ. މިއީ ރޮނާލްޑޯ ގައުމީ ޖާޒީގައި ޖެހި 118 ވަނަ ލަނޑެވެ.
މެޗަށްފަހު މީޑިއާތަކާއި ވާހަކަދައްކަމުން ގާނާގެ ކޯޗު، އޮޓޯ އަޑޫ ވަނީ ރޮނާލްޑޯ އަށާއި މެޗުގެ ރެފްރީންނަށް ފާޑުކިޔާފައެވެ.
އެގޮތުން އޭނާ ބުނީ، ރޮނާލްޑޯ އަށް ފައުލު ކުރީ ކަމަށް ބުނެ ދީފައި ވަނީ ހައްގު ޕެނަލްޓީއެއް ނޫން ކަމަށާއި އެކަން އެންމެންނަށްވެސް އެނގޭ ކަމަށެވެ. އަދި ޕެނަލްޓީ ދީފައި ވަނީ ރޮނާލްޑޯ ވީމަތޯ ނުވަތަ ދޭން ޖެހޭ އިތުރު ސަބަބެއް އޮވެގެން ތޯ އޮޓޯ ވަނީ ސުވާލު އުފައްދާފައެވެ. މީގެއިތުރުން އޮޓޯ ވަނީ ރެފްރީން މި މެޗުގައި އިންސާފުވެރި ކަމާއެކު ރެފްރީ ކަން ނުކުރާ ކަމުގެ ތުހުމަތު ކޮށްފައެވެ.
މީގެއިތުރުންވެސް ފުޓުބޯޅައިގެ މަދު މާހިރުންތަކެއް އަންނަނީ ރޮނާލްޑޯ އަށް ކުރި ފައުލަށް ޕޯޗުގަލް އަށް ދީފައި ވަނީ ހައްގު ޕެނަލްޓީއެއް ނޫން ކަމަށް ބުނަމުންނެވެ.
މިފަދަ ވާހަކަތަކަށް ރައްދު ދެމުން ފީފާގެ ޓެކްނިކަލް ސްޓަޑީ ގުރޫޕު (ޓީއެސްޖީ)ގެ މެމްބަރު ސަންޑޭ އޮލީސޭ ބުނީ، ފަހަކަށް އައިސް ފުޓުބޯޅައިގައި ސްޓްރައިކަރުން ވަރަށް ބޮޑަށް ސްމާޓު ވެފައިވާ ކަމަށެވެ.
ޓީއެސްޖީ އަކީ އާސެނަލްގެ ކުރީގެ ކޯޗު، އާސެން ވެންގާގެ ބެލުމުގެ ދަށުން، ވަކިވަކި މެޗުތަކުގެ ތަފާސްހިސާބުތައް ހޯދައި، ބަލަހައްޓާ ފީފާގެ ކޮމިޓީ އެކެވެ.
ނައިޖީރިއާގެ ގައުމީ ޓީމަށް މީގެކުރިން ކުޅެފައިވާ އޮލީސޭ ބުނީ، އޭނާ ދެކޭ ގޮތުގައި، ބައިނަލްއަގްވާމީ މައިދާނުގައި ރޮނާލްޑޯ އަށް 118 ވަނަ ލަނޑު ޖެހުމަށް ލިބުނު ޕެނަލްޓީ ހޯދުމުގައި އޭނާގެ ހަރަކާތްތަށް ހުރީ ވަރަށް ތޫނުފިލިކޮށް ކަމަށެވެ.
އަދި ރޮނާލްޑޯ ޕެނަލްޓީ ހޯދި ގޮތާއި ގުޅޭގޮތުން ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް، އެ ޕެނަލްޓީ ހޯދުމުގައި ރަނގަޅު ވަގުތުކޮޅަށް މަޑުކޮށް، ރަނގަޅު ވަގުތުގައި ހަރަކާތްކޮށް، ރަނގަޅު ވަގުތުގައި ބޯޅައިގައި ފައި ޖައްސާ، އިދިކޮޅު ކުޅުންތެރިއާ އަށް އޭނާ އާއި ކޮންޓެކްޓު ވާން މަޖުބޫރު ކުރުވުން އެއީ ރޮނާލްޑޯގެ މޮޅުކަން ކަމަށެވެ.
އަދި ރޮނާލްޑޯގެ އިތުރުން މި ޖީލުގެ ސްޓްރައިކަރުންގެ ސްމާޓު ކަން ދެނެގަނެ އެކުޅުންތެރިންނަށް ހައްގުވާ ތައުރީފު ދޭންޖެހޭ ކަމަށް އޮލީސޭ ވަނީ ބުނެފައެވެ.
މުބާރާތުގައި އިއްޔެގެ ނިޔަލަށް ޖުމްލަ 20 މެޗު ކުޅެފައިވާއިރު މި މެޗުތަކުގެ ތެރޭގައި ނުވަ ޕެނަލްޓީއެއް ޓީމުތަކުން ހޯދާފައިވެއެވެ.
2018 ވަނަ އަހަރު ރަޝިއާގައި ކުޅުނު ވޯލްޑް ކަޕުގެ 64 މެޗުން ފެނިގެންދިަޔައީ ޖުމްލަ 20 ޕެނަލްޓީއެކެވެ.