08 Apr 2012, 15:52
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ނައިބު ކަމަށް އައްޔަން ކުރައްވާފައިވާ މުހައްމަދު ވަހީދުއްދީން (ޑީން) އާއި 14 ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓް ހުށަހެޅުން މި މަހުގެ 25 ވަނަ ދުވަހަށް އެޖެންޑާ ކޮށްފި އެވެ.
ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ އެ ނަންފުޅުތަކަށް ރުހުން ދިނުމާ ގުޅޭ ގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ނިންމާފައި ވަނީ އެ ހުރިހާ މަގާމުތަކަށް ވެސް ރުހުންދިނުމަށެވެ.
އަދި އެ ކޮމިޓީން ނިންމާފައި ވަނީ އެ ބޭފުޅުނަށް ރުހުން އޮތްތޯ ބެލުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާއިރު ގަނޑުގޮށް ނަންތައް ހުށަހެޅުމުގެ ބަދަލުގައި ކޮންމެ ބޭފުޅަކަށް ވެސް ވަކިވަކިން ރުހުން އޮތްތޯ ބެލުމަށް ތަޅުމަށް ހުށަހެޅުމަށެވެ.
ސަރުކާރުގައި ހިމެނޭ ޕާޓީތަކުގެ މެޖޯރިޓީ އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ނައިބު ރައީސާއި ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ނިންމީ ކޮމެޓީގެ އަޣުލަބިއްޔަތުންނެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހު އެ ކޮމެޓީ އިން ނައިބު ރައީސް އާއި ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓް ދެއްވީ ކޮމެޓީގެ ޖަލްސާއަށް ހާޒިރުވި 10 މެންބަރުންގެ ތެރެއިން ހަ މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާ އިން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރައްވާފައިވާ 14 ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ކޮމެޓީގެ ނިންމެވުން މަޖިލީހުގެ ހުރިހާ މެންބަރުންނަށް ލިޔުމުން އަންގަވާފައިވާ ކަމަށެވެ.