26 Nov 2022, 00:36
ފީފާ ވޯލްޑްކަޕްގައި އެކުއެޑޯ އަދި ނެދަލޭންޑްސް ބައްދަލުކުރި މެޗު އެއްވަރު ވުމުން، މި މެޗު ފެށިއިރުވެސް މުބާރާތުގައި ކުރިއަށް ދިއުމަށް އަމިއްލަ ބާރު ގެއްލިފައިވާ ގަތަރު، މުބާރާތުން ކަޓައިފިއެވެ.
މުބާރާތުގައި ނެދަލެންޑްސް އިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ސެނެގާލްގެ މައްޗަށް ކުރި ހޯދާފައެވެ. އަދި އެކުއެޑޯ އިން ވަނީ ގަތަރުގެ މައްޗަށް ކުރިހޯދާފައެވެ.
މި ގުރޫޕުން ފުރަތަމަ ދެ މެޗުން ބަލިވި ދެ ޓީމުން މިއަދުގެ މެޗުގައި ކުޅުނުއިރު، ސެނެގާލް އިން ވަނީ ގަތަރުގެ މައްޗަށް 1-3 އިން ކުރިހޯދާފައެވެ.
މިއާއެކު ގަތަރަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ހަނިވިއިރު އެ ޓީމަށް މުބާރާތުގައި ކުރިއަށް ނުދެވޭނެކަން ކަށަވަރުވީ ނެދަލެންޑްސް އާއި އެކުއެޑޯ ބައްދަލުކުރި މެޗު އެއްވަރު ވުމުންނެވެ.
ޙަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނުނު އިރު، ދެ ޓީމުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.
އެގޮތުން ނެދަލެންޑުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ގޯލު ޖަހައި ލީޑު ނަގައިފައެވެ. އެ ގޯލަކީ މެޗުގެ ހަވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ޖެހި ގޯލެކެވެ. އަދި އޭނާ ޖެހި ގޯލު ވެފައިވަނީ މި ވޯލްޑްކަޕްގައި ޖެހި އެންމެ އަވަސް ގޯލަށެވެ.
މެޗުގެ 32 ވަނަ މިނެޓުގައި އެކުއެޑޯގެ އެންނާ ވެލެންސިއާ ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ނެދެލެންޑު އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ ނެދެލެންޑުގެ ގޯލު ކީޕަރު އަންދްރީސް ނޮޕާޓް އެވެ.

ނެދަލޭންޑް އަދި އެކުއެޑޯ ބައްދަލުކުރި މެޗުގެ ތެރެއިން---
މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ތެރޭގައި އެކުއެޑޯއިން ވަނީ ގޯލެއްޖަހައިފައެވެ. އެކުއެޑޯގެ ޕާވިސް އެސްޓުޕިނަން އެ ގޯލު ޖެހިއިރު އެ ޓީމުގެ ޖެކްސަން ޕޮރޯޒޯ އޮފްސައިޑް މަގާމެއްގައި ހުރެ އެ ބޯޅައަށް މަސައްކަތް ކުރުމުން ގޯލު ބަލައިގެންފައެއް ނުވެއެވެ.
މެޗުގެ 49 ވަނަ މިނެޓުގައި އެކުއެޑޯއިން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ގޯލަކީ އެސްޓުޕިނަންް ނެދަލޭންޑްސް ގޯލާ އަމާޒުކޮށް ފޮނުވާލި ހަމަލާއެއް، އެ ޓީމުގެ ކީޕަރު ނޮޕާޓް އަތުގައި ޖެހިފައި އެންނާ ވެލެންސިއާއަށް ލިބުމުން އޭނާ ޖެހި ގޯލެކެވެ.
މެޗުގެ 58 ވަނަ މިނެޓުގައި ގޮންޒޯލޯ ޕްލާޓާ ނެދަލޭންޑް އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ބާރު ހަމަލާ ވަނީ ގޯލުގެ މަތީ ދަނޑިއަށް އަމާޒުވެފައެވެ.
މި ނަތީޖާ ތަކާއިއެކު ތާވަލުގެ އެއްވަނައިގައި އޮތް ނެދަލެންޑްސް އަށް އަދި ދެވަނައިގައި އޮތް އެކުއެޑޯ އަށްވެސް ވަނީ ހަތަރު ޕޮއިންޓު ލިބިފައެވެ. ތިންވަނައިގައި އޮތް އެކުއެޑޯއަށް އަދި މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު އޮތްއިރު ތިން ޕޮއިންޓު ލިބިފައިވެއެވެ. މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ބަންދުވެފައި އޮތް ގަތަރަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މި ގުރޫޕުގައި ހިމެނޭ ޓީމުތަކަށް ގްރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އޮތްއިރު އެ ގްރޫޕުން ދެވަނަ ބުރަށް ދާނެ ޓީމެއް ޔަގީންކުރެވޭނީ އެ މެޗުތައް ނިމުމުންނެވެ.
ކުރިއަށް ހުރި މެޗުތަކުގައި ބައްދަލުކުރާނީ ގަތަރާއި ނެދަލެންޑްސް އެވެ. އަދި މި ގުރޫޕުގައި ދެން އެންމެ ވާދަވެރި ވާނެކަމަށް ބެލެވޭ މެޗުގައި ބައްދަލުކުރާނީ އެކުއެޑޯ އާއި ސެނެގާލް އެވެ.