25 Nov 2022, 22:06
އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑު އުފުލުމަށް އޮރެންޖް ހިނގާލުމުގެ ނަމުގައި ހދ. ކުޅުދުއްފުށީ ސިޓީގައި މިއަދު ހިނގާލުމެއް ބާއްވައިފިއެވެ.
މިއީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑު އުފުލުމަށް ޓަކައި މަދަނީ ޖަމުއިއްޔާއެއް ކަމަށްވާ ހޯޕް ފޯ ވިމެން އިން އިސްނަގައިގެން ކުޅުދުއްފުށީގެ ބައެއް މުއައްސަސާތަކާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ހިނގާލުކެމެވެ.

އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ކުޅުދުއްފުށީގައި މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން -- ފޮޓޯ/ ހޯޕް ފޯ ވިމެން
އެ ހިނގާލުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީއާއި ޖެންޑާ މިނިސްޓްރީ އަދި ޕީޖީ އޮފީހުގެ ހދ. ގޮފިން ބައިވެރިވިއެވެ.
މިއަދުގެ 16:00ގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް ކުރިމަތިން ފެށި މި ހިނގާލުމުގެ ބައިވެރިން ރަށުގެ ވަކި މަގުތަކަކުން ހިނގާފައި އައިސް 18:00ހާއިރު ހިނގާލުން ނިންމާލީ ކައުންސިލް ކުރިމައްޗަށެވެ.

އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ކުޅުދުއްފުށީގައި މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން -- ފޮޓޯ/ ހޯޕް ފޯ ވިމެން
ހާހަކަށްވުރެ، ގިނަ މީހުން ބައިވެރިވި މި ހިނގާލުމުގައި ގާލްގައިޑް އެސޯސިއޭޝަން، ނެޝަނަލް ކެޑޭޓްކޯ، މޯލްޑިވްސް ރެޑް ކްރެސެންޓްގެ ކުޅުދުއްފުށި ބްރާންޗް، ފުލުހުން، އެމްއެންޑީއެފްގެ ނޮދަން އޭރިޔާ ކޮމާންޑް، ސްކޫލްތަކުގެ ލިޓްލް މާމެއިޑުގެ ކުދިންގެ އިތުރުން އާއްމު ރައްޔިތުންގެ ގިނަ ބަޔަކު ބައިވެރިވިއެވެ.

އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ކުޅުދުއްފުށީގައި މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން -- ފޮޓޯ/ ހޯޕް ފޯ ވިމެން
މި ހިނގާލުމާބެހޭގޮތުން ހޯޕް ފޯ ވިމެންގެ ނައިބު ރައީސް އައިޝަތު ހުސެއިން ޝިހާބު "ސަން"އަށް ވިދާޅުވީ އެ ޖަމުއިއްޔާގެ ފަރާތުން ކޮންމެ އަހަރަކު އެއްފަހަރު ރާއްޖޭގެ ކޮންމެ ވެސް ރަށެއްގައި އެފަދަ ހަރަކާތްތައް ބާއްވަމުން އަންނަ ކަމަށެވެ. އެގޮތުގެ މަތިން މިއަހަރު ކުޅުދުއްފުށީގައި ބާއްވަން ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއީ މަސްދުވަހުގެ ތައްޔާރުވުމަކަށް ފަހު ބޭއްވި ހިނގާލުމެއް ކަމަށެވެ.