Last Updated: 3 year 2 day ago
Last Updated:
3 year 2 day ago
ވޯލްޑް ކަޕުގެ 19 ވަނަ މެޗުގެ ލައިވް ބްލޮގް: ނެދަލެންޑްސް 1 - 1 އެކުއެޑޯ
22:54
މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ، އިތުރު ވަގުތުގެ ގޮތުގައި ދެއްކި ވަގުތުވެސް ހަމަ ވެއްޖެ. ނަތީޖާ އަކީ 1-1 މިއާއެކު މުބާރާތުގައި ގަތަރަށް ކުރިއަށް ދިއުމުގެ ފުރުސަތު މިވަނީ އެއްކޮށް ބަންދުވެފަ.
ލިބުނު އަނިޔާއެއްގެ ސަބަބުން މި ވޯލްޑް ކަޕުގައި އެކުއެޑޯއިން ޖެހި ތިން ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދިން ޓީމުގެ ކެޕްޓަން ވެލެންސިއާ ދަނޑުން ބާލައިފި. ބަދަލުގައި ކުޅެން އެރީ ކެވިން ރޮޑްރިގޭޒް.
މީގެއިތުރުންވެސް މެޗުގެ 90 ވަނަ މިނެޓުގައި އެކުއެޑޯއިން އިތުރު ކުޅުންތެރިއަކު ބަދަލު ކޮށްފައިވޭ. ގޮންޒާލޯ ޕްލާޓާގެ ބަދަލުގައި ކުޅެން އެރީ ރޮމާރިއޯ އިބާރާ.
މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓު ދައްކައިފި.
މެޗުގެ 80 މިނެޓުގެ ކުޅުން ހަމަވިއިރު އެކުއެޑޯއިން ވަނީ ޖުމްލަ 13 ހަމަލާއެއް އުފައްދާފަ. އޭގެއިން ދެ ހަމަލާއެއް ވަނީ ގޯލާއި އަމާޒުކޮށް ފޮނުވާލާފަ. މުޅި މެޗުގައި ނެދަލެންޑްސް އަށް އުފެއްދުނީ ދެ ހަމަލާ. އޭގެއިން ގޯލާއި އަމާޒުވި ހަމަލާ އަކީ ތިން ދަނޑިން އެތެރެ ކޮށްލި ހަމަލާ.
މެޗުގައި މިހާތަނަށް ނެދަލެންޑްސްގެ ކުޅުންތެރިން 15 ފައުލު ކޮށްފައިވާއިރު އެކުއެޑޯ އިން ކޮށްފައިވަނީ 10 ފައުލު.
59 ވަނަ މިނެޓު: އެކުއެޑޯގެ ނުރައްކާތެރި ހަމަލާއެއް. އޭރިއާ ތެރޭގައި ހުރެފައި ގޮންޒާލޯ ޕްލާޓާ ފޮނުވާލި ހަމަލާ، ކީޕަރުވެސް ފަސްދީފަ ގޮސް އަމާޒުވީ ހުރަސް ދަނޑިއަށް.
58 ވަނަ މިނެޓު: އެކުއެޑޯގެ ސެބާސް މެންޑޭޒް އަށް ރީނދޫ ކާޑެއް. އެކުއެޑޯ އިން ގަތަރާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް މެންޑޭޒް އަށް ރީނދޫ ކާޑެއް ދައްކާފައިވޭ. އޭނާއަށް އެކުއެޑޯއިން ސެނެގާލް އާއި ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ.
ދެވަނަ ހާފު ފަށައިގެން ހަތަރު މިނެޓު: އެކުއެޑޯ އިން ލަނޑެއް ޖަހައި ލީޑު ނަގައިފި. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ވެލެންސިއާ. މިއީ މިފަހަރުގެ މުބާރާތުގައި އޭނާ ކާމިޔާބު ކުރި ދެ ވަނަ ލަނޑު. އަދި ފީފާ ވޯލްޑް ކަޕުގައި އޭނާ ކާމިޔާބު ކުރި ހަވަނަ ލަނޑު.
އެކުއެޑޯއިން ވޯލްޑް ކަޕުގައި އެންމެފަހުން ކާމިޔާބު ކުރި ހަ ލަނޑަކީވެސް ވެލެންސިއާ ކާމިޔާބު ކުރި ލަނޑުތަކެއް.

މެޗުގެ ދެވަނަ ހާފު ނެދަލެންޑްސް އިން ފެށީ ބަދަލަކާއި އެކު. އެއީ ހަތް ނަމްބަރު ޖާޒީގައި ކުޅުނު ސްޓީވަން ގެ ބަދަލުގައި މެމްފިސް ޑިޕާއި. އެކުއެޑޯ ޓީމުން ބަދަލެއް ގެނެސްފައެއް ނުވޭ.
ފުރަތަމަ ހާފުގައި ނެދަލެންޑްސް އިން ލަނޑު ޖަހާފައި ވަނީ އެ ޓީމުން މިހާތަނަށް އުފެއްދި ހަމައެކަނި ހަމަލާއިން. މިއީ 2010 ވަނަ އަހަރަށްފަހު ވޯލްޑް ކަޕުގެ މެޗެއްގައި ފުރަތަމަ ހާފުގައި ފޮނުވާލި ހަމައެކަނި ހަމަލާއިން ލަނޑު ޖެހި ފުރަތަމަ ފަހަރު.
މިއާއެކު މެޗުގެ ފުރަތަމަ ހާފުވެސް ނިމިއްޖެ.
އިތުރު ވަގުތުގެ ފަހު މިނެޓު: ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި އެކުއެޑޯގެ އެސްޓުޕިނިއާން ލަނޑެއް ޖަހައިފި. އެހެން ނަމަވެސް ވީއޭއާރް ގެ އެހީ ހޯދުމަށްފަހު ރެފްރީ ނިންމީ މިއީ ލަނޑެއް ނޫން ކަމަށް.
މެޗުގެ 45 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓު ދައްކައިފި.
40 މިނެޓުގެ ކުޅުން ހަމަވިއިރު ގިނަ ވަގުތު ބޯޅަ ހިފަހައްޓައިން ކުޅެނީ އެކުއެޑޯ އިން. އެ ޓީމުން ވަނީ މެޗުގައި މިހާތަނަށް ހަތަރު ހަމަލާއެއް އުފައްދާފަ. އެހެން ނަމަވެސް ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެއް.

މެޗުގެ 20 ވަނަ މިނެޓު: ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދަނީ އާދައިގެ ކުޅުމެއް. މުޅި މެޗުގައި ދެ ޓީމުންވެސް ކުޅެނީ ލަސް ގޭމެއް. ނެދަލެންޑްސް އިން ލަނޑު ޖެހުމަށް ފޮނުވާލު ހަމަލާގެ އިތުރުން އިތުރު ހަމަލާއެއް ފޮނުވާލާފައެއް ނުވޭ. އެކުއެޑޯ އިން އޮފް ޓާގެޓް އެއް ހަމަލާ ފޮނުވާލާފައިވާއިރު ޓާގެޓަށް އެންމެ ހަމަލާއެއްވެސް ފޮނުވާލާފައެއް ނުވޭ.

5 ވަނަ މިނެޓު: ނެދަލެންޑްސް އިން މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފި. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކޯޑީ ގަކްޕޯ. މިއީ މި ފަހަރުގެ މުބާރާތުގައި އޭނާ ޖެހި ދެވަނަ ލަނޑު.
މެޗު ބަލަން ދަނޑަށް ވަދެ ތިބި ނެދަލެންޑްސްގެ ސަޕޯޓަރުން ތަކެއް.

މި މެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގައެއް ކަށަވަރު ކުރާނެ. އަދި މެޗުން ނެދަލެންޑްސް މޮޅުވެއްޖެ ނަމަ، މުބާރާތުގެ ހޯސްޓު، ގަތަރަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު އެއްކޮށް ގެއްލޭނެ. ގަތަރު ވަނީ މިއަދު 18:00 ގައި ސެނެގާލް އާއި ދެކޮޅަށް ކުޅުނު މެޗުން 1-3 ގެ ނަތީޖާއަކުން ބަލިވެފަ.
މި މުބާރާތުގައި މި ދެ ޓީމުންވެސް ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފަ. އެގޮތުން ނެދަލެންޑްސް އިން ސެނެގާލްގެ މައްޗަށް ފުރަތަމަ މެޗުގައި ކުރި ހޯދިއިރު އެކުއެޑޯ އިން ވަނީ ގަތަރުގެ މައްޗަށް ކުރި ހޯދާފަ. މި ދެ ޓީމުވެސް ފުރަތަމަ މެޗުން މޮޅުވީ 0-2 ގެ ނަތީޖާ އަކުން.
ފީފާ ވޯލްޑް ކަޕުގައި އެކުއެޑޯ އަދި ނެދަލެންޑްސްގެ ދެވަނަ މެޗު. މެޖުގައި ދެ ޓީމުން ބޭނުންކުރާނެ ފުރަތަމަ 11.