ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސްޓޭޖުގައި މުބާރާތުގެ ގަދަ ބާރު ބްރެޒިލް އިން ކުރިއަށް ދެން ކުޅެން އޮތް ދެމެޗުގައި، އެ ޓީމުގެ ތަރި ނޭމާ ޖޫނިއާ އަށް ނުކުޅެވޭނެކަމަށް ފުޓުބޯޅައިގެ ޚަބަރުތައް ގެނެސްދޭ ބޮޑެތި ބައެއް މަސްދަރުތަކުން ރިޕޯޓުކޮށްފިއެވެ.

އެގޮތުން ކުޅިވަރުތަކުގެ މެޗު އަޕްޑޭޓުތައް ގެނެސްދޭ އެންމެ މަގުބޫލު މަސްދަރު، ލައިވްސްކޯ އިންނާއި، ފޭސްބުކް އަދި މީސްމީޑިއާގައި "ވެރިފައި" ކޮށްފައިވާ ބައެއް ފުޓުބޯޅަ ޕޭޖުތަކުން އަންނަނީ ބްރެޒިލްގެ ނޫސްތަކާއި ހަވާލާދީ މިކަން ރިޕޯޓު ކުރަމުންނެވެ.

މީގެއިތުރުން ޑެއިލީ މެއިލް ފަދަ ނޫސްތަކުންވެސް މިކަން ރިޕޯޓުކޮށްފައިވެއެވެ.

ނޭމާ އަށް ނުކުޅެވޭނެ ކަމަށް މަޝްހޫރު ބައެއް މަސްދަރުތަކުން ރިޕޯޓު ކޮށްފައިވާއިރު، މުބާރާތުގައި ރޭ ސާބިއާ އާއި ދެކޮޅަށް ބްރެޒިލް އިން ކުޅުނު މެޗުގައި ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން، މެޗުގެ ވަކި ހިސާބަކުން ނޭމާ ވަނީ ބަދަލު ކޮށްފައެވެ.

ނޭމާ އަށް ލިބިފައިވާ އަނިޔާ ދައްކައިދޭ ފޮޓޯތަކާއި ވީޑިއޯތައް މީސްމީޑިއާގައި އާންމުވެފައިވާއިރު، އެެއިން ފެންނަ ގޮތުގައި ނޭމާގެ ފައިގެ ކުޑަހުޅު ވަރަށް ބޮޑަށް ދުޅަވެފައިވެއެވެ.

ރޭގެ މެޗުގައި ނޭމާއަށް ޖުމްލަ ނުވަ ފައުލު ކޮށްފައިވާއިރު، މިއީ މިފަހަރުގެ ވޯލްޑް ކަޕުގައި ކުޅުންތެރިއަކަށް އިދިކޮޅު ޓީމުގެ ކުޅުންތެރިން، އެއް މެޗެއްގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައުލު ކުރި އަދަދެވެ.

އިތުބާރު ހުރި ބައެއް މަސްދަރުތަކުން މިހެން ރިޕޯޓު ކޮށްފައިވާއިރު، ރޭގެ ވަގުތެއްގައި ދުނިޔޭގައި ހުރި އެންމެ އިތުބާރު ހުރި ފުޓުބޯޅައިގެ ޚަބަރުތައް ގެނެސްދޭ ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ, ބްރެޒިލްގެ ކޯޗާއި ހަވާލާދީ ބުނެފައި ވަނީ، ނޭމާ އަދި ބްރެޒިލްގެ ސަޕޯޓަރުން ކަންބޮޑު ނުވުމަށާއި، ވޯލްޑް ކަޕުގައި އަދި ނޭމާ ފެންނާނެ ކަމަށެވެ.

އަދި އަނިޔާ ލިބުމާއި ގުޅިގެން އެ ވަގުތުން ފެށިގެން ދޭން ފެށި ފަރުވާގެ ސަބަބުން، މެޗު ނިމުނުއިރު ނޭމާ އަށް ތަދު އިހުސާސްވާ މިންވަރު ކުޑަކަމަށާއި، ވޯލްޑް ކަޕުގައި ނުކުޅުމުގެ އެއްވެސް ވިސްނުމެއް ނޭމާ ނުގެންގުޅޭ ކަމަށް އަދި ވަރަށް އަވަހަށް ނޭމާ ބްރެޒިލްގެ ޓީމުން ފެންނާނެ ކަމަށް، ކޯޗާއި ހަވާލާދީ ފެބްރީޒިއޯ ބުނެފައިވެއެވެ.

ވޯލްޑް ކަޕާއި ދުވަސް ކައިރިވި ވަރަކަށް، ޕީއެސްޖީގައި އޭނާ ކުޅޭ މެޗުގައިވެސް އިދިކޮޅު ޓީމުގެ ކުޅުންތެރިން އޭނާއަށް ގިނަ ފައުލުތަކެއް ކުރާ ކަމުގެ ހިތްހަމަނުޖެހުން ނޭމާ ފާޅުކޮށްފައިވެއެވެ. ނޭމާ އަކީ ވަރަށް ގިނަ ފައުލް ތަކާއި، އިދިކޮޅު ކުޅުންތެރިންގެ ފަރާތުން ގިނަ އަނިޔާތަކެއް ލިބޭ ކުޅުންތެރިއެއްކަން ފާހަގަކޮށްލެވެއެވެ.

ފީފާ ވޯލްޑް ކަޕް 2022 ގައި ބްރެޒިލް އިން މުބާރާތުގެ ފުރަތަމަ މެޗު ސާބިއާ އާއި ދެކޮޅަށް ކުޅެ ކާމިޔާބު ކުރީ 0-2 ގެ ނަތީޖާ އަކުންނެވެ. މެޗުގައި ނޭމާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. އަދި ޓީމެއްގެ ގޮތުގައި ބްރެޒިލްގެ މުޅި ޓީމުވެސް މޮޅު ކުޅުމެއް ދެއްކިއެވެ.

ބްރެޒިލް އިން ދެން މުބާރާތުގައި ކުޅޭނީ ސްވިޒަލެންޑާއި ދެކޮޅަށެވެ. ބްރެޒިލް މިވަގުތު އޮތީ ކުޅުނު މެޗު ކާމިޔާބު ކޮށްގެން އެޓީމު ހިމެނޭ ގްރޫޕުގެ އެއްވަނައިގައެވެ. އެ ގުރޫޕުގައި ބްރެޒިލް އާއި ސާބިއާ އަދި ސްވިޒަލެންޑުގެ އިތުރުން ދެން ހިމެނެނީ ކެމަރޫން އެވެ.