25 Nov 2022, 20:21
ފީފާ ވޯލްޑް ކަޕްގައި މުބާރާތުގެ ހޯސްޓު، ގަތަރުން ކުޅުނު ދެވަނަ މެޗުގައި ސެނެގާލް އަތުން ބަލިވެ، މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދުމަށް އަމިއްލަ ބާރު ގެއްލިއްޖެއެވެ.
ސެނެގާލް އިން ގަތަރުގެ މައްޗަށް ހޯދި މޮޅާއެކު އެޓީމަށް ވަނީ ރައުންޑް އޮފް 16 ގެ އުންމީދު އައު ވެފައެވެ.
އަލް ތައުމާމާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސެނެގާލުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ،
އެ މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
މެޗުގެ 41 ވަނަ މިނެޓުގައި ސެނެގާލްއިން ވަނީ ގޯލެއްޖަހައި ލީޑު ނަގައިފައެވެ. އެ ގޯލަކީ ގަތަރުގެ ޑިފެންސްލައިނުން ހެދި ގޯހެއްގެ ބޭނުން ހިފައިގެން ބައުލަޔޭ ޑިއާ ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ސެނެގާލްއިން ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. އެ ލަނޑަކީ ލިބުނު ކޯނަރަކުން ފަމަރާ ދެއިދޫ ބޮލުން ޖެހި ގޯލެކެވެ.

ގަތަރު އަދި ސެނެގާލް ބައްދަލުކުރި މެޗުގެ ތެރެއިން ----
މެޗުގެ 60 ވަނަ މިނެޓުގައި ގަތަރުން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އަބްދުލްކަރީމް ހަސަން އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ. އަދި އޭގެ މިނެޓެއް ފަހުން ގަތަރުގެ އަލްމޮއެޒް އަލީ ފޮނުވާލި ހަމަލާ ދިފައުކުރީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސެނެގާލްްގެ ކީޕަރު އެޑުއާޑް މެންޑީއެވެ.
ފުލުފުލުގައި ސެނެގާލްގެ ގޯލަށް ނުރައްކާކުރަމުންދިޔަ ގަތަރުން މެޗުގެ 67 ވަނަ މިނެޓުގައި ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ތަނަވަސްކުރިއެވެ. އޭރިއާ ބޭރުން ނެގި ހުރަހަކަށް އިސްމާއިލް މުހައްމަދު އަރައި ބޮލުން ޖެއްސި ނުރައްކާތެރި ހަމަލާއަށް ވެސް ހުރަސް އެޅީ މެންޑީއެވެ.
މެޗުގެ 77 ވަނަ މުނެޓުގައި ގަތަރުން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. އެ ގޯލަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މުހައްމަދު މުންޓާރީ ކާމިޔާބުކުރި ގޯލެކެވެ. އެ ގޯލަކީ ގަތަރުން ވޯލްޑް ކަޕެއްގައި ޖެހި ފުރަތަމަ ގޯލެވެ.
މެޗުގެ 83 ވަނަ މިނެޓުގައި ސެނެގާލްއިން ވަނީ ގޯލެއްޖަހައި އަލުން ފުޅާކޮށްފައެވެ. އެ ގޯލަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބަންބާ ޑިއޭ ކާމިޔާބުކުރި ގޯލެކެވެ.
މި މޮޅާއެކު ސެނެގާލް ވަނީ ގްރޫޕް އޭގެ ތިން ވަނަ އަށް ޖެހިލައިފައެވެ. އެ ޓީމު ތިން ވަނައިގައި އޮތީ ދެ މެޗު ކުޅެ ތިން ޕޮއިންޓު ހޯދައިގެންނެވެ. އެ ގްރޫޕްގެ އެއްވަނައިގައި ނެދަލޭންޑުން އޮތީ އެއް މެޗު ކުޅެ ތިން ޕޮއިންޓު ހޯދައިގެންނެވެ. އަދި ދެވަނައިގައި އޮތް އެކުއެޑޯއަށް ވެސް ލިބިފައިބަނީ ތިން ޕޮއިންޓެވެ. އެ ޓީމު ވެސް ކުޅެފައިވަނީ އެއް މެޗެވެ. މުބާރާތުގެ ހޯސްޓު، އަދި މި ގުރޫޕުގައި ދެން ހިމެނޭ ގަތަރު އޮތީ ކުޅުނު ދެ މެޗުންވެސް ބަލިވެ ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައެވެ.
މިރޭ 9:00 ގައި އެކުއެޑޯ އަދި ސެނެގާލް ކުޅޭނެއެވެ. އެ މެޗު ކާމިޔާބުކޮށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރުމުގެ ފުރުސަތު ދެ ޓީމަށް ވެސް އެބައޮތެވެ. އެ މެޗުން ނެދަލެންޑްސް މޮޅުވެއްޖެ ނަމަ ގަތަރު މުބާރާތުން ކަޓާނެއެވެ.