Last Updated:
3 year 2 day ago

ވޯލްޑް ކަޕުގެ 18 ވަނަ މެޗުގެ ލައިވް ބްލޮގް: ގަތަރު 1 - 3 ސެނެގާލް

    ބުލޮގު ޚުލާސާ

    ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ގެ 18 ވަނަ މެޗުގައި، ގަތަރާއި ސެނެގާލްގެ ކުރިމަތިލުމުގެ ލައިވް ކަވަރޭޖް.

    19:54

    90 މިނެޓުގެ ކުޅުންވެސް ހަމަވެ އިތުރުވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓުގެ ކުޅުންވެސް ހަމަވެއްޖެ. 1-3 އިން ސެނެގާލް އަތުންވީ ބައްޔާއެކު ގަތަރަށް ވަނީ މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލިފަ.

    19:50

    90 މިނެޓު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓު ދައްކައިފި.

    19:46

    ގަތަރުން ލަނޑު ޖެހިތާ ފަސް މިނެޓު ފަހުން ސެނެގާލުން ލަނޑެއް ޖަހައި އަނެއްކާވެސް ލީޑު ފުޅާކޮށްފި. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބަމްބާ ޑިއެންގް. ބަމްބާ ޑިއެންގް ކުޅެން އެރީ ދެވަނަ ހާފުގައި މެޗުގެ 74 ވަނަ މިނެޓުގައި.

    19:32

    78 ވަނަ މިނެޓު: ގަތަރުން ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފި. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުންތާރީ. މުންތާރީ ލަނޑު ޖަހާފައި ވަނީ ކުޅެން އެރިތާ ހަތަރު މިނެޓާއި އެއް ސިކުންތުގެ ތެރޭގައި. މިއީ އޭނާ ގައުމީ ޖާޒީގައި ޖެހި 13 ވަނަ ލަނޑު.

    މުމްތާރީ ބޮލުން ބޯޅަ ފޮނުވާލަނީ -- ފޮޓޯ/ގެޓީ އިމޭޖަސް
    19:29

    67 ވަނަ މިނެޓު: ގަތަރުގެ ވަރަށް ނުރައްކާތެރި ހަމަލާއެއް. އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ވަރަށް ރަނގަޅަށް ގޯލް ބުޑުގައި ހުރެފައި ގަތަރުގެ އިސްމާއިލް މުހައްމަދު ފޮނުވާލި ނަމަވެސް، މި ހަމަލާ ގޯލަށް ވަނުމަށް ހުރަސް އެޅީ ސެނެގާލްލގެ އިތުބާރު ކީޕަރު އެޑުއާޑް މެންޑީ.

    މެޗުގައި މެންޑީ ވަނީ މުހިންމު ސޭވް ތަކެއް ކޮށްފަ.

    19:12

    ދެވަނަ ހާފު ފަށައިގެން ތިން މިނެޓުގެ ތެރޭގައި ސެނެގާލް އިން ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފި. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފަމާރާ ޑިއެޑިއޫ.

    18:50

    އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނެޓުގެ ވަގުތުވެސް ހަމަވެއްޖެ. 0-1 އިން ކުރީގައި އޮތީ ސެނެގާލް.

    މި ނަތީޖާގައި އޮވެގެން މެޗު ނިމިއްޖެ ނަމަ ގަތަރުން އެގައުމު ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕް ނިންމާލާނީ ގްރޫޕް ސްޓޭޖާއި ހަމައިން.

    18:50

    ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވެ އިތުރުވަގުތުގެ ގޮތުގައި ހަތް މިނެޓުގެ ކުޅުން ދައްކައިފި.

    18:32

    41 ވަނަ މިނެޓު: ސެނެގާލް އިން މެޗުގައި ލަނޑު ޖަހައި ލީޑު ނަގައިފި. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބުލާއޭ ޑިއާ.

    18:30

    30 ވަނަ މިނެޓު: ސެނެގާލްގެ ބުލާއޭ ޑިޔާ އަށް ރީނދޫ ކާޑެއް.

    18:24

    25 ވަނަ މިނެޓު: މިހާތަނަށް އައި އިރު ސެނެގާލް ޓީމުން ވަނީ ޖުމްލަ ފަސް ހަމަލާއެއް ފޮނުވާލާފަ. އެހެންނަމަވެސް އޮން ޓާގެޓަށް ފޮނުވާ ލެވުނީ އެންމެ ހަމަލާއެއް. ގަތަރަށް މުޅި މެޗުގައިވެސް ފޮނުވާލެވުނީ އޮފް ޓާގެޓް ދެ ހަމަލާ.

    18:22

    20 ވަނަ މިނެޓު: މެޗުގެ ފުރަތަމަ ރީނދޫ ކާޑު ގަތަރުގެ އިސްމާއިލް މުހައްމަދު އަށް.

    18:20
    18:16

    ގަތަރުގެ ކޯޗު ފީލިކްސް ސަންޗޭޒް ވަނީ މި މެޗަށް ނެރުނު ފުރަތަމަ 11 އަށް ބަދަލު ގެނެސްފަ. އެގޮތުން އެކުއެޑޯ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 ގައި ހިމެނުނު އަލް ޝީބް އާއި ހާތިމްގެ އިތުރުން ބައްސާމް އަލް ރާވީ މި މެޗުގެ ފުރަތަމަ 11 ގައި ހިމެނިފައެއް ނުވޭ.

    ސެނެގާލް އިންވެސް މެޗަށް ނުކުންނަނީ ފުރަތަމަ މެޗަށް ނެރުނު ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސްގެން. އެގޮތުން ޕާޕޭ ސިސޭ އަށާއި އަނިޔާގައި ހުރި ކޫޔާޓޭ އަށް ފުރަތަމަ 11 އިން ފުރުސަތު ދީފައެއް ނުވޭ.

    18:13

    ސެނެގާޅް އަދި ގަތަރުވެސް ވަނީ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފަ. އެގޮތުން މުބާރާތުގެ ފުރަތަމަ މެޗުގައި ގަތަރު ބަލިވީ އެކުއެޑޯ އަތުން 0-2 ގެ ނަތީޖާއަކުން. އަދި ސެނެގާލް ބަލިވީ ނެދަލެންޑްސް އަތުން 0-2 ގެ ނަތީޖާއަކުން.

    18:10

    މި މެޗުން ބަލިވާ ޓީމަކަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ދޮރު ބަންދުވާނެ.

    18:00

    މިއީ ތާރީޚުގައިވެސް މި ދެ ޓީމުން ބައިނަލްއަގްވާމީ މައިދާނުގައި ވާދަކުރާ ފުރަތަމަ ފަހަރު. އަދި މިއީ ސެނެގާލް އިން ވޯލްޑް ކަޕެއްގައި ހޯސްޓް ނޭޝަން އާއި ދެކޮޅަށް ކުޅޭ ފުރަތަމަ ފަހަރު.

    17:57

    ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ތެރެއިން ސެނެގާލް އާއި ގަތަރު ބައްދަލުކުރާ މެޗުގައި ދެ ޓީމުން ބޭނުންކުރާ ފުރަތަމަ 11.