25 Nov 2022, 17:49
ފީފާ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ތެރެއިން ޓީމުތައް ކުޅޭ ދެވަނަ މެޗުތައް ފަށާފައިވާއިރު، ވަގުތުގެ އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ވޭލްްސް ބަލިކޮށް، އީރާނުން މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު ބޮޑު ކޮށްފިއެވެ.
މިއަދު އަލް ރައްޔާން ސްޓޭޑީއަމްކުޅުނު މި މެޗު އިރާނުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި އިރާނުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. އެ ޓީމުން ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
މެޗުގެ 16 ވަނަ މިނެޓުގައި އިރާންގެ ގޮލިޒާދޭ ވަނީ ވޭލްސްގެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ. އެހެން ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ ގޮލިޒާދޭއަށް ބޯޅަ ލިބުނު އިރު އޭނާ އޮފްސައިޑް މަގާމެއްގައި ހުރިކަމަށެވެ.
ދެވަނަ ހާފު ފަށައިގެން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ އީރާނުންނެވެ. އެގޮތުން މެޗުގެ 51 ވަނަ މިނެޓުގައި އިރާންއަށް ވަނީ ގޯލެއް ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ސަރްދާރް އަޒްމޫން ބޯޅަ ހިފައިގެން ވޭލްސް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައިވަނީ ގޯލުގެ އަރިމަތީ ދަނޑިއަށްށެވެ. އަދި ދެވަނަ ފަހަރަށް އެޓީމުގެ ތަރޭމީ ވެސް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އިރު މި ހަމަލާވެސް އަމާޒުވީ ދަނޑިއަށެވެ. ދަނޑީގައި ޖެހިފައި ރިބައުންސް ވެގެން އައި ބޯޅަ، އަނެއްކާވެސް އަޒްމޫން ފޮނުވާލިއިރު މި ހަމަލާ ހުއްޓުވީ ވޭލްސްގެ ކީޕަރު ހެނެސީ އެވެ.
މެޗުގެ 83 ވަނަ މިނެޓުގައި ވޭލްސްއަށް ވެސް ވަނީ ގޯލެއް ޖަހާނެ ފުރުސަތު ލިބިފައެވެ. އެ ޓީމުގެ ބެން ޑޭވިސް ބޭރުން ފޮނުވާލި ބާރު ހަމަލާ އިރާންގް ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ.
އިރާންގެ މެހެދީ ތަރޭމީ ވޭލްސްގެ ޑިފެންސް ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ވޭލްސްގެ އޭރިއާއަށް ވަންނަން އުޅުމުގެ ތެރޭގައި ވޭލްސްގެ ކީޕަރު ހެނެސީ ވަނީ އޭރިއާ ބޭރުން ތަރޭމީއަށް ފައުލު ކޮށްފައެވެ. އެ ފައުލަށް ހެނެއްސީއަށް ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް ވީއޭއާރް ބެލުމަށްފަހު މެޗުގެ 85 ވަނަ މިނެޓުގައި ރެފްރީ ވަނީ ހެނެއްސީއަށް ރަތް ކާޑު ދައްކާފައެވެ. މިއީ މިފަހަރުގެ މުބާރާތުގައި ފެނިގެންދިޔަ ފުރަތަމަ ރަތް ކާޑެވެ.

ހެނެއްސީއަށް ރަތް ކާޑު ދައްކަނީ----
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތު ކޮޅުގައި އީރާން އިން ވަނީ ގޯލުޖަހައި ލީޑު ނަގައިފައެވެ. އެ ގޯލަކީ އޭރިއާ ބޭރުން ޗަޝްމީ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކުރި ރީތި ގޯލެކެވެ.
އިތުރު ވަގުތުގެ ގޮތުގައި މެޗުގައި ދެއްކި ނުވަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުތުގެ ދެވަނަ މިނެޓުގައި އިރާންއިން ވަނީ އިތުރު ގޯލެއްޖަހައި މެޗުގެ ލީޑު ފުޅާކޮށްފައެވެ. އެ ގޯލަކީ ތަރޭމީ ތަނަވަސްކުރި ފުރުސަތަކުން ރަމިން ރަޒެއިން ޖެހި ގޯލެކެވެ.
ފަހުވަގުތު ދެ ލަނޑު ޖަހައި އީރާނުން މި މެޗު ކާމިޔާބު ކުރިއިރު، ފީފާ ވޯލްޑް ކަޕުގައި އީރާން އިން މިހާތަނަތަށް ކާމިޔާބު ކޮށްފައިވާ 13 ލަނޑުގެ ތެރެއިން 10 ލަނޑަކީ ދެވަނަ ހާފުގައި ކާމިޔާބު ކޮށްފައިވާ ލަނޑު ތަކެކެވެ. އަދި މި މެޗުގައި ޖެހި ދެ ލަނޑާއި، އެންމެފަހުން ޖެހި ހަ ލަނޑަކީވެސް ދެވަނަ ހާފުގައި ކާމިޔާބު ކޮށްފައިވާ ލަނޑުތަކެއް ކަން ފާހަގަކޮށްލެވެއެވެ.
މި މޮޅާއެކު އިރާން ގްރޫޕް ބީގެ ދެވަނައިގައި އޮތީ ދެ މެޗު ކުޅެ ތިން ޕޮއިންޓާއެކުއެވެ. އެ ގްރޫޕްގެ އެއްވަނައިގައި އިންގްލޭންޑު އޮތީ އެއް މެޗުން ތިން ޕޮއިންޓު ހޯދައިގެންނެވެ. އަދި ތިން ވަނައިގައި އޮތް ޔޫއެސްއޭ އެއް މެޗުން އެއް ޕޮއިންޓު ހޯދާފައިވާއިރު ގްރޫޕްގެ ފުލުގައި އޮތް ވޭލްސް އަށް ކުޅުނު ދެ މެޗުން ލިބުނީ އެއް ޕޮއިންޓެވެ.
މިއަދު 12:00 ގައި މި ގުރޫޕުގައި ހިމެނޭ އިންގްލޭންޑް އަދި ޔޫއެސްއޭ އިން އެ ޓީމުތަކުގެ ދެވަނަ މެޗު ކުޅޭނެއެވެ. އިންގްލެންޑު އެ މެޗު ކާމިޔާބުކޮށްގެން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރެވޭނެއެވެ. އަދި ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ޔޫއެސްއޭއަށް މިރޭގެ މެޗަކީ މޮޅުވުން މަޖުބޫރު މެޗެކެވެ.