ނަތީޖާ ހަމަހަމަވެގެން މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމެން ދަނިކޮށް ސްޕެއިންގެ ޒުވާން ފޯވާޑް ހުވާން މާޓާ، މެޗުގެ ފަހު މިނެޓުގެ ތެރޭގައި ވިގަން ކޮޅަށް ޖެހި ލަނޑާއެކު 2-1 އިން މޮޅުވެ، ތާވަލްގެ ފަސް ވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.

ތާވަލްގެ ފަހަތުން ދެ ވަނައިގައި މިވަގުތު 28 ޕޮއިންޓާއެކު އޮތް، ވިގަންއާ ދެކޮޅަށް ޗެލްސީގެ ފުރަތަމަ ލަނޑު ޖެހީ 62 ވަނަ މިނެޓުގައި ޑިފެންޑަރު ބްރަނިސްލާވް އިވަނޮވިކެވެ. އަދި މެޗުން މޮޅުވި ލަނޑު 90 ވަނަ މިނެޓުގައި ޗެލްސީއަށް ކާމިޔާބު ކޮށްދިނީ ފޯވާޑް މާޓާއެވެ. ވިގަންއިން ޗެލްސީކޮޅަށް ޖެހި އެޓީމުގެ ހަމައެކަނި ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު މުހައްމދު ޑިއަމީ އެވެ.

ރޭގެ މޮޅާއެކު ޗެލްސީއަށް ތާވަލްގެ ފަސް ވަނަ ލިބެނީ ޖުމްލަ 56 ޕޮއިންޓު ލިބިގެން ނެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު، ސަންޑަލޭންޑާ ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗު ނިމުނީ ދެ ޓީމް ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ. އަދި ބޯލްޓަން އަތުން 3-0 ލަނޑުން ފުލްހަމް މޮޅުވިއިރު، ލިވަޕޫލާ ދެކޮޅަށް އެސްޓަން ވިލާ ކުޅުނު މެޗް ނިމުނީ 1-1 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ. އަދި ނޯވިޗް އާއި އެވަޓަން ކުޅުނު މެޗު ވެސް 2-2 ލަނޑުން އެއްވެރު ވެގެން ނިމުނު އިރު، ބްލެކްބާން އަތުން ވެސްޓް ބްރޯމް މޮޅުވީ 3-0 ލަނޑުން ނެވެ. އަދި ސްޓޯކް ސިޓީ ވަނީ ވުލްވުސް އަތުން 2-1 ލަނޑުން މޮޅުވެފައެވެ.

ޕްރިމިއާލީގުގައި މިއަދު ވެސް ދެ މެޗް ކުޅުމަށް ހަމަޖެހިފައި ވާއިރު، ފުރަތަމަ މެޗުގައި މިއަދު ހަވީރު ރާއްޖެގަޑިން 5:30 ގައި ބައްދަލުކުރާ ދެޓީމަކީ ތާވަލްގެ އެއްވަނާގައި މިވަގުތު އޮތް މެންޗެސްޓާ ޔުނައިޓެޑާއި ކިއުޕީއާރެވެ. އަދި ދެ ވަނަ މެޗުގައި ރާއްޖެ ގަޑިން މިރޭ 8:00 ގައި ބައްދަލުކުރާ ދެޓީމަކީ ތާވަލްގެ ހަތަރު ވަނައިގައި މިވަގުތު އޮތް އާސެނަލްއާއި ތާވަލްގެ ދެ ވަނާގައި އޮތް މެންޗެސްޓާ ސިޓީ އެވެ.