19:00


މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ޤާއިމްކުރުމުގެ ޤާނޫނުގެ ދަށުން ދިވެހި ރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްގެ މުދަލާއި ތަކެއްޗަކީ އެކޯޕަރޭޝަންގެ ތަކެތި ކަމަށާއި ޤާނޫނާ ހިލާފަށް އެތަކެތި ވިއްކައި ނުވަތަ ދީ ހަދަގެން ލިބިދާނެ ގެއްލުމަކަށް އެކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށް އެމްބީސީން ބުނެފި އެވެ.


ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސްގެ މުދަލާއި ތަކެތި ހިމަނައިގެން ސަރުކާރުން އުފައްދާފައިވާ، އެމްއެންބީސީން އާއްމުންނަށް ހިއްސާ ވިއްކަން ފެށުމަށް ހަމަޖައްސާފައިވާކަން އިޢުލާން ކުރުމާ ގުޅިގެން އެމްބީސީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ޤާއިމްކުރުމުގެ ޤާނޫނުގެ ދަށުން ޓީވީއެމާއި ދިވެހި ރާއްޖޭގެ އަޑާއި އެތަންތަނުގެ މުދަލަކީ އެކޯޕަރޭޝަންގެ ތަކެތި ކަމަށް ކަނޑައެޅިގެން އެނގޭ ހިނދު، އެ ކޯޕަރޭޝަންގެ މުދަލެއް ޤާނޫނާއި ހިލާފަށް ވިއްކައި ނުވަތަ ދީ ހަދައިފިނަމަ އެފަރާތަކާ މެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމުގެ ޙައްޤު އެމްބީސީން އަށް ލިބިދީފައިވާ ކަމަށެވެ. އަދި އެ ތަންތަނުގެ މުދަލާ ބެހޭ އެއްވެސް މުއާމަލާތެއް އެހެން އެއްވެސް ފަރާތަކަށް ކުރެވޭނެ ޤާނޫނީ އެއްވެސް ހައިސިއްޔަތެއް އޮތް ކަމުގައި އެކޯޕަރޭޝަނުން ނުދެކޭ ކަމަށްވެސް އެމްބީސީގެ އެ ނޫސްބަޔާނުގައިވެ އެވެ.


އެމްބީސީގެ ޤާނޫނުގެ 42، 43، 44 އަދި 45 ވަނަ މާއްދާއިން، ޓީވީއެމާއި ދިވެހި ރާއްޖޭގެ އަޑު މިދެޗެނަލާއި، އެދެޗެނަލުގައި ހުރި މުދަލާއި މުއްޒަފުންނާއި އަދި އެއިން ތަނަކަށް އޯޑަރުކޮށްފައިވާ، ނުވަތަ އެއިން ތަނަކަށް ލިބެންޖެހޭ މުދާ، ނުވަތަ ފައިސާއަކީ ވެސް އެމްބީސީގެ ފައިސާއި މުދާކަމުގައި ބުނެ އެވެ.


ނަމަވެސް މި ޤާނޫނު ފާސްވުމާ ގުޅިގެން ޓެލިވިޒަން މޯލްޑިވްސް އާއި ދިވެހި ރާއްޖޭގެ އަޑު ހިންގަމުންދާނީ ސަރުކާރުން އުފައްދާފައިވާ އެމްއެންބީސީގެ ދަށުން ކަމަށާއި އެ ނޫން ގޮތަކަށް އެކަންތައް ނިންމަންޖެހޭނީ ކޯޓުން ކަމުގައި ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އޭގެ ފަހުން އެމްއެންބީސީގެ ހިއްސާ އާއްމު ރައްޔިތުންނަށް ވިއްކުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށްފަހު މިހާރު ވަނީ އެކަންތައް އިޢުލާން ވެސް ކޮށްފަ އެވެ.