Last Updated:
3 year 2 day ago

ވޯލްޑް ކަޕުގެ 17 ވަނަ މެޗުގެ ލައިވް ބްލޮގް: ވޭލްސް 0 - 2 އީރާން

    ބުލޮގު ޚުލާސާ

    ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ގެ 17 ވަނަ މެޗުގައި، ވޭލްސް އާއި އީރާންގެ ކުރިމަތިލުމުގެ ލައިވް ކަވަރޭޖް.

    17:04

    ފަހު ވަގުތު ކާމިޔާބު ކުރި ދެ ލަނޑާއެކު 0-2 އިން މެޗު ކާމިޔާބު ކުރީ އީރާން. މިއާއެކު އެޓީމަށް ރައުންޑް އޮފް 16 ގެ އުންމީދެއް އެބައޮތް. އެހެންނަމަވެސް ވޭލްސް އަށް މި ވަނީ ފުރުސަތު ހަނިވެފަ.

    17:03

    އިތުރު ވަގުތުގެ 11 ވަނަ މިނެޓު: ރާމިން ރަޒިއާންގެ ލަނޑުން އީރާނުން ލީޑު ފުޅާކޮށްފި.

    16:51

    8 ވަނަ މިނެޓ: އީރާނުން މެޗުގައި ލަނޑު ޖަހައި ލީޑު ނަގައިފި. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޫޒްބޭ ޗަޝްމީ. މިއީ ޑީއޭރިއާގެ ވެސް ބޭރުގައި ހުރެފައި އޭނާ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒު ކޮށްލައިގެން ޗަޝްމީ ކާމިޔާބު ކުރި ލަނޑެއް.

    16:51

    މެޗުގެ 90 މިނެޓުގެ ކުޅޫން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ނުވަ މިނެޓު ވަނީ ދައްކާފަ.

    16:47
    ތަރޭމީ އަށް ހެނެސީ ކުރި ފައުލު.
    16:41

    84 ވަނަ މިނެޓު: މުޅިން ހުސްކޮށް ހުރެ އީރާންގެ ތަރޭމީ ބޯޅަ ހިފައިގެން ކުރިއަށް ދަނިކޮށް ވޭލްސްގެ ކީޕަރު ހެނެސީ ނުކުމެ އޭނާއަށް ނުރައްކާތެރި ފައުލެއް ވަނީ ކޮށްފަ. ކީޕަރަށް ފުރަތަމަ ދެއްކީ ރީނދޫ ކާޑެއް. އެހެން ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރީނދޫ ކާޑު ބާތިލުކޮށް ރަތް ކާޑެއް ދައްކައިފި. މިއީ މިފަހަރުގެ ވޯލްޑް ކަޕުގައި ފެނުނު ފުރަތަމަ ރަތް ކާޑު.

    ވޭލްސްގެ ކީޕަރު ވޭން ހެނެސީ އަށް ރެފްރީ ރަތް ކާޑު ދައްކަނީ.
    16:37

    77 ވަނަ މިނެޓު: އީރާން ޓީމުން ތިން ބަދަލެއް ގެނެސްފި.

    ހަޖްސަފީ، ގޮލިޒާދޭ އަދި ނޫރުﷲ ގެ ބަދަލުގައި ކުޅެން އަރުވާފައި ވަނީ ޗެޝްމީ، މެހްދީ ތޮރާބީ އަދި އަލީ ރެޒާ ޖަހަންބަކްޝް.

    ވޭލްސް އިންވެސް ވަނީ ބަދަލެއް ގެނެސްފަ. އަމްޕްޑޫގެ ބަދަލުގައި ޖޯ އެލެން ވަނީ ކުޅެން އަރުވާފަ.

    16:35

    ދެވަނަ ހާފު ފަށައިގެން 76 މިނެޓާއި ހަމައަށް އައި އިރު އީރާން އިން މި ހާފުގައި އެކަނި 11 ހަމަލާއެއް ވަނީ ފޮނުވާލާފަ.

    16:34

    75 ވަނަ މިނެޓު: މި ހާފުގެ މިހާތަނަށް އީރާން ޓީމުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފަ. އެޓީމަށް ރަނގަޅަށް ނުކުރެވޭ ހަމައެކަނި ކަމަކީ ރަނގަޅަށް ނިންމާލުން.

    16:31

    73 ވަމަ މިނެޓު: އޭރިއާ ބޭރުގައި ލައިން ކައިރީގައި ހުރެފައި ސައީދް އެޒަތޮލާހީ ފޮނުވާލި ނުރައްކާތެރި ހަމަލާއަށް، ވަރަށް ހުސިޔާރު ކަމާއެކު ވޭޅްސްގެ ކީޕަރު ވަނީ ހުރަސް އަޅާފަ.

    16:14

    68 ވަނަ މިނެޓި: މެޗުގައި މޮޅު ކުޅުމެއް ދެއްކި ސަރްދާރް އަޒްމޫން ގެ ބަދަލުގައި އީރާން ޓީމުން ކަރީމް އަންސަރީފަރުދު ކުޅެން އަރުވައިފި.

    16:11

    51 ވަނަ މިނެޓު: އީރާނުން ފުލުފުލުގައި ނުރައްކާތެރި ތިން ހަމަލާއެއް. ފުރަތަމަ ހަމަލާ ހާފުގެ މެދެއްހާ ހިސާބުން ހުސްކޮށް ހުރެ ދުވެފައި ގޮސް އޭރިއާ ތެރެއަށް ވަދެ ގޯލާއި ދިމާލަށް ފޮނުވާލީ އަޒްމޫން. މި ހަމަލާ އަމާޒުވީ ގޯލުގެ ކަނާތު ދަނޑިއަށް. ދެވަނަ ފަހަރަށް ގޮލިޒާދޭ އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ވައަތު ދަނޑިއަށް. އަދި ތިންވަނަ ފަހަރަށް އަޒްމޫން ފޮނުވާލި ބޯޅަ ވޭލްސްގެ ކީޕަރު ހެނެސީ ވަނީ ދިފާއު ކޮށްފަ.

    16:09

    އީރާނުން ވޯލްޑް ކަޕުގައި ކާމިޔާބު ކޮށްފައިވާ 11 ލަނޑުގެ ތެރެއިން އަށް ލަނޑު ކާމިޔާބު ކޮށްފައި ވަނީ ދެވަނަ ހާފުގައި. އޭގެ ތެރޭގައި އެންމެ ފަހުން ކާމިޔާބު ކުރި ހަ ލަނޑު ވެސް ހިމެނޭ.

    15:50

    ދެވަނަ ހާފުގެ ކުޅުން ފަށައިފި. ދެ ޓީމުން ވެސް ދެވަނަ ހާފު ފެށީ ފުރަތަމަ ހާފަށް ނެރުނު ފުރަތަމަ 11 އާއި އެކު.

    15:49

    އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓުގެ ވަގުތު ވެސް ހަމަވެއްޖެ. ނަތީޖާ އަކަށް ބަދަލެއ ނާދޭ.

    15:48

    އިތުރު ވަގުތުގެ ތިން ވަނަ މިނެޓު: މެޗުގެ ފުރަތަމަ ރީނދޫ ކާޑު ވޭލްސްގެ ޖޯ ރޮޑޯން އަށް. މިއީ އީރާންގެ ތަރޭމީ އަށް ކުރި ފައުލަކާއި ގުޅިގެން ދެއްކި ކާޑެއް.

    15:46

    އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި އީރާންގެ ނުރައްކާތެރި ހަމަލާއެއް. އޭރިއާ ތެރެއަށް އީރާނުގެ ކުޅުންތެރިއަކު ނަގައިދިން ހަރަހަކަށް އަޒްމޫން އަރާ ހުރި ނަމަވެސް، އޭނާއަށް ބޯޅަ އާއި ހަމައަށް ނުދެވުނު. ބޯޅަ ދިޔައީ ގޯލް ކުރިމަތިން ހުރަސް ވެގެން.

    15:45

    ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓު ވަނީ ދައްކާފަ.

    15:28

    މެޗުގެ 40 މިނެޓާއި ހަމައަށް އައި އިރު ދެ ޓީމުގެ ފަރާތުން ވެސް ފެންނަނީ ހަމަހަމަ، އާދައިގެ ކުޅުމެއް. މާ ނުރައްކާތެރި ހަމަލާއެއް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ފޮނުވާލެވިފައެއް ނުވޭ.

    މެޗުގެ މިހާތަނަށް އައި އިރު ވޭލްސް އިން ތިން ހަމަލާއެއް އުފައްދާފައިވާއިރު އޮން ޓާގެޓަށް ފޮނުވާލެވިފައި ވަނީ މީގެއިން ދެ ހަމަލާއެއް. އީރާނުން ތިން ހަމަލާއެއް ފޮނުވާލިއިރު އޮން ޓާގެޓަށް ފޮނުވާލެވުނީ އެންމެ ހަމަލާއެއް.

    މެޗުގެ މިހާތަނަށް އައި އިރު ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ވޭލްސް އިން. އެޓީމުން 67 އިންސައްތަ ބޯލް ޕޮޒެޝަން ހިފަހައްޓާފައިވޭ.

    15:26

    މިއީ ބައިނަލްއަގްވާމީ މައިދާނުގައި ފުޓުބޯޅައިގައި ވޭލްސް އާއި އީރާން ބައްދަލުކުރާ ދެވަނަ ފަހަރު. މީގެކުރިން 1978 ވަނަ އަހަރު މި ދެ ޓީމު ކުރިމަތިލާފައި ވާއިރު، އެ ފަހަރު ކުރި ހޯދީ ވޭލްސް.

    15:17

    މިއީ ވޭލްސްގެ ގައުމީ ޖާޒީގައި ގެރެތު ބޭލް ކުޅޭ 110 ވަނަ މެޗު. މި މެޗާއި އެކު ބޭލް އަކީ ވޭލްސްގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ. ކުރިން މި ރެކޯޑު އޮތީ 109 މެޗު ކުޅުނު ކްރިސް ގަންޓާގެ އަތުގައި. މި މެޗުގައި ވެސް ވޭލްސް ޓީމުގެ ބެންޗުގައި ގަންޓާ އެބައިން.

    14:55

    15 ވަނަ މިނެޓު: އީރާނުން މެޗުގައި ލަނޑެއް ޖަހައިފި. އެހެންނަމަވެސް ބޯޅަ ލިބުނު އިރު އަލީ ގޮލިޒާދޭ އޮފްސައިޑުގައި ހުރުމުން މިއީ ލަނޑެއް ކަމަށް ބަލައިގެންފައެއް ނުވޭ.

    14:54

    ވޯލްޑް ކަޕް 2022 ގެ 17 ވަނަ މެޗުގައި ވޭލްސް އާއި އީރާންގެ ކުރިމަތިލުމުގައި ދެ ޓީމުން ބޭނުންކުރާނެ ފުރަތަމަ 11.