Last Updated:
3 year 3 day ago

ވޯލްޑް ކަޕުގެ 16 ވަނަ މެޗުގެ ލައިވް ބްލޮގް: ބްރެޒިލް 2 - 0 ސާބިއާ

    ބުލޮގު ޚުލާސާ

    ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ގެ 16 ވަނަ މެޗުގައި، ބްރެޒިލް އާއި ސާބިއާގެ ކުރިމަތިލުމުގެ ލައިވް ކަވަރޭޖް.

    01:54

    90 މިނެޓާއި އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނެޓުގެ ކުޅުންވެސް ހަމަވެ، މެޗު ނިމިއްޖެ.

    ސާބިއާ އިން މެޗު ނިންމާލީ އޮން ޓާގެޓަށް އެންމެ ހަމަލާއެއް ވެސް ފޮނުވާ ނުލައި، ބްރެޒިލް އިން 22 ހަމަލާއެއް އުފައްދާފައި ވާއިރު، އޮން ޓާގެޓަށް އަށް ހަމަލާ ފޮނުވާލާފައިވޭ.

    ބްރެޒިލް އިން މެޗު ނިންމާލީ 59 އިންސައްތަ ބޯލް ޕޮޒެޝަން ހިފަހައްޓައިގެން. ބްރެޒިލްގެ ކުޅުންތެރިންނާއި ދެކޮޅަށް ސާބިއާ އިން 12 ފައުލެއް ކުރި. ސާބިއާގެ ތިން ކުޅުންތެރިންނަށް ރީނދޫ ކާޑު ދައްކާފައިވޭ.

    މި މެޗުން ބްރެޒިލް މޮޅުވިއިރު އެޓީމުން މިހާތަނަށް ފީފާ ވޯލްޑް ކަޕުގައި ކުޅުނު މެޗު ތަކުގެ ތެރެއިން 74 މެޗު ކާމިޔާބު ކޮށްފައިވާއިރު، މި އަދަދަށް އެހެން ޓީމަކަށް މޮޅު ހޯދިފައެއް ނުވޭ. ބްރެޒިލް އިން މިހާތަނަށް ވޯލްޑް ކަޕުގައި 110 މެޗު ކުޅެފައިވޭ. ވިން ރޭޝިއޯ އަށް ބަލާލާއިރު މިއީ 67.89 އިންސައްތަ ވިން ރޭޝިއޯ އެއް.

    01:48

    ބްރެޒިލް އަކީ 1982 ވަނަ އަހަރުން ފެށިގެން މިހާ ތަނަށް ކުޅުނު ހުރިހާ ވޯލްޑް ކަޕެއްގައިވެސް އެ ޓީމު ހިމެނޭ ގުރޫޕުގެ އެއްވަނަ މަގާމު ހޯދައި، ދެވަނަ ބުރަށް ދަތުރުކުރާ ޓީމެއް.

    01:45

    މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި 7 މިނެޓު ދައްކައިފި.

    01:42

    87 ވަނަ މިނެޓު: ރަފީނިއާގެ ބަދަލުގައި ގެބްރިއެލް މާޓީނެލީ ކުޅެން އަރުވައިފި. މާޓިނެލީ އަކީ ޕްރިމިއަރ ލީގުގެ އެއްވަނައިގައި ވޯލްޑް ކަޕް ފެށުމާއި ހަމައަށްވެސް އޮތް އާސެނަލްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ.

    01:41

    85 ވަނަ މިނެޓު: ބްރެޒިލް އިން 22 ހަމަލާއެއް ފޮނުވާލާފައިވޭ. 10 ހަމަލާ އަކީ އޮން ޓާގެޓަށް ފޮނުވާލި ހަމަލާތަކެއް. ސާބިއާ އަށް އޮން ޓާގެޓަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވޭ. އޮފް ޓާގެޓަށް ތިން ހަމަލާއެއް ފޮނުވާލި.

    01:39

    ރިޗާލިސަން އަކީ ވޯލްޑް ކަޕުގައި ޑެބިއު މެޗުގައި ބްރެޒިލް ޓީމަށް ދެ ލަނޑު ކާމިޔާބު ކޮށްދިން ދެވަނަ ކުޅުންތެރިޔާ. މީގެކުރިން 2014 ވަނަ އަހަރު ނޭމާ ވަނީ މި ޝަރަފު ހޯދާފަ.

    01:36

    ދެވަނަ ލަނޑަށްފަހު ބްރެޒިލް އިން އެކި ފަހަރު މަތިން ބްރެޒިލް އިން ހަތަރު ބަދަލެއް. ލޫކަސް ޕަކޭޓާ އާއި މެޗުގައި މޮޅު ކުޅުމެއް ދެއްކި ވިނީޝިއުސް ޖޫނިއަރ އާއި ރިޗާލިސަން އަދި ނޭމާގެ ބަދަލުގައި ކުޅެން އެރުވީ، ފްރެޑް އާއި ރޮޑްރިގޯގެ އިތުރުން ގެބްރިއެލް ޖިސޫސް އަދި އެންޓޮނީ.

    01:31

    73 ވަނަ މިނެޓު: ރިޗާލިސަންގެ ހިތްގައިމު ގޯލަކުން ބްރެޒިލް އިން ލީޑު ފުޅާކޮށްފި. މިއީ ވިނީޝިއުސް ނަގައިދިން ހިތްގައިމު މޮޅު ހުރުމެއް ކޮންޓްރޯލް ކޮށްލުމަށްފަހު މައްޗަށް ހިއްލާލާ، ބައިސިކަލް ކިކަކުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރިޗާލިސަން ކާމިޔާބު ކުރި ލަނޑެއް. މިއީ ގައުމީ ޖާޒީގައި ރިޗާލިސަންގެ 19 ވަނަ ލަނޑު. ވޯލްޑް ކަޕުގައި އޭނާގެ ދެވަނަ ލަނޑު.

    01:29

    މެޗުގެ 57 ވަނަ މިނެޓާއި ހަމައަށް ކުޅުނުއިރު ނޭމާ އަށް ހަތް ފައުލެއް ކޮށްފައިވޭ. މިއީ މި ފަހަރުގެ ވޯލްޑް ކަޕުގައި އެއް ކުޅުންތެރިއަކަށް އިދިކޮޅު ޓީމުގެ ކުޅުންތެރިން އެންމެ ގިނަ ފައުލު ކުރި އަދަދު.

    01:26

    70 ވަނަ މިނެޓު: މެޗުގައި ބްރެޒިލް އިން މިހާތަނަށް 15 ހަމަލާއެއް އުފައްދާފައިވާއިރު، އެޓީމުން ކުޅެން އަރާ ތިބި ކުޅުންތެރިންގެ ތެރެއިން ހަމަލާއެއް އުފެއްދިފައި ނުވަނީ ހަމައެކަނި ޑިފެންޑަރު މާކީނިއޯސް އަށާއި ލޫކަސް ޕަކޭޓާ އަށް.

    01:19

    62 ވަނަ މިނެޓު: ބްރެޒިލް އިން މެޗުގައި ލަނޑު ޖަހާ ލީޑު ނަގައިފި. މިއީ ނޭމާގެ މޮޅު ކުޅުމަކުން ތަނަވަސްވި ފުރުސަތެއްގައި ވިނީޝިއުސް ފޮނުވާލި ހަމަލާއެއް ކީޕަރުގެ އަތުގައި ޖެހިފައި ނުކުތުމުން، ރިބައުންސް ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ރިޗާލިސަން ޖެހި ލަނޑެއް. މިއީ ރިޗާލިސަން ބްރެޒިލްގެ ގައުމީ ޖާޒީގައި ޖެހި 18 ވަނަ ލަނޑު އަދި ވޯލްޑް ކަޕުގައި ޖެހި ފުރަތަމަ ލަނޑު.

    01:16

    60 ވަނަ މިނެޓު: އޭރިއާގެ މާ ބޭރުން އެލެކްސް ސާންޑްރޯ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް. މިއީ މިހާތަނަށް މި މެޗުގައި ފެނުނު އެންމެ ނުރައްކާތެރި ހަމަލާ.

    01:13

    57 ވަނަ މިނެޓު: މެޗުގެ ފުރަތަމަ ބަދަލު ސާބިއާ އިން. ނެމާންޖާ ގުޑެލްޖް އަދި އަންޑްރިޖާ ޒިވްކޮވިޗްގެ ބަދަލުގައި ކުޅެން އެރީ އިވާން އިލިޗް އަދި ނެމާންޖާ ރަޑޮނިޗް.

    01:11

    54 ވަނަ މިނެޓު: އިންޑިވިޖުއަލް މޮޅު ކުޅުމަކަށްފަހު ވިނީޝިއުސް ޖޫނިއަރ އޭރިއާ ތެރެއަށް ނަގައިދިން ހުރަސް، ނޭމާ ވެއްޓިލާފައި ފޮނުވާލިއިރު، ބޯޅަ ދިޔައީ ގޯލާއި އަމާޒު ނުވެ.

    01:09

    ދަނޑަށް ވަދެހުރި ބްރެޒިލްގެ ސަޕޯޓަރެއް.

    01:07

    ނޭމާ ފޮނުވާލި ހިލޭ ޖެހުން ފާރަށް އެތުރިގެން ތިބި ސާބިއާގެ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ކޯނަރަކަށް. ކޯނަރުން ތަނަވަސްވި ފުރުސަތުގައި ތިއާގޯ ސިލްވާ ބޮލުން ފޮނުވާލި ހަމަލާވެސް ޖެހުނީ ސާބިއާގެ ކުޅުންތެރިއެއްގެ ގައިގައި.

    01:04

    49 ވަނަ މިނެޓު: ޑީ އޭރިއާ ބޭރުން ރޮނގުމަތިން ކަހަލަ ގޮތަކަށް ބްރެޒިލް އަށް ހިލޭ ޖެހުމެއް. ޖެހުން ފޮނުވާލަނީ ނޭމާ.

    01:03

    ދެވަނަ ހާފު ފަށައިގެން މިނެޓެއްވެސް ނުވަނީސް ބްރެޒިލް އަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް. ސާބިއާގެ ޑިފެންޑަރަކު ހެދި ގޯހެއްގެ ފައިދާ ނަގައިގެން މުޅިން ހުސްކޮށް ހުރެ އޭރިއާ ތެރެއަށް ވަދެ ރަފީނިއާ ފޮނުވާލި ހަމަލާ ހުއްޓުވީ ސާބިއާގެ ކީޕަރު މިލިންކޮވިޗް.

    01:02

    ބްރެޒިލް އާއި ސާބިއާ ބައްދަލުކުރާ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

    00:59

    ބްރެޒިލްގެ ނޭމާ އަކީ މިފަހަރުގެ ވޯލްޑް ކަޕުގައި އެއް ކުޅުންތެރިއަކަށް އިދިކޮޅު ޓީމުން އެންމެ ގިނަ ފައުލު ކުރި ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއާ. އެއީ ފަސް ފައުލު. މި އަދަދަށް ދެން ފައުލް ތަކާއި ކުރިމަތިލާން ޖެހުނީ ސްޕެއިން އިން ކޮސްޓަ ރިކާ އާއި ބައްދަލުކުރި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ޒުވާން މިޑްފީލްޑަރު ގަވީއާ.

    00:56

    ބްރެޒިލް އިން ފުރަތަމަ ހާފުގައި ހަތަރު ހަމަލާ އުފެއްދިއިރު މިއީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އައިވަރީ ކޯސްޓްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖު މެޗެއްގެ ފުރަތަމަ ހާފުގައި އެންމެ މަދުން ހަމަލާ އުފެއްދި ފަހަރު.

    00:45

    އިތުރު ވަގުތުގެ ގޮތުގައި ދެއްކި އެއް މިނެޓުގެ ކުޅުން ވެސް ހަމަވެއްޖެ. ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ބްރެޒިލްގެ ފަރާތުން ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް، ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި.

    ފުރަތަމަ ހާފުގެ 59 އިންސައްތަ ބޯލް ޕޮޒެޝަން ހިފެހެއްޓި. އަދި ހަތަރު ހަމަލާއެއް ފޮނުވާލިއިރު ދެ ހަމަލާއެއް ވަނީ އޮން ޓާގެޓަށް ފޮނުވާލާފަ.

    00:43

    45 މިނެޓުގެ ކުޅުން ހަމަވެ އިތުރުވަގުތުގެ ގޮތުގައި ދެއްކީ އެންމެ މިނެޓެއް.

    00:35

    40 ވަނަ މިނެޓު: ކަސެމީރޯގެ ހުރަހުން ވިނީޝިއަސް ޖޫނިއަރ އަށް ލަނޑު ޖަހަން ރަނުގެ ފުރުސަތެއް، ހުރަސް އެޅީ ސާބިއާގެ ހުސިޔާރު ޑިފެންޑަރުން.

    00:32

    34 ވަނަ މިނެޓު: ލަނޑު ޖަހަން ރަފީނިއާ އަށް ރަނުގެ ފުރުސަތެއް. އޭރިއާ ތެރޭގައި ހުރެފައި އޭނާ ފޮނުވާލި ހަމަލާ މާ މަޑުވީ. ފަސޭހަ ކަމާއެކު ކީޕަރު ވަނީ ދިފާއުކޮށްފަ.

    00:26

    މެޗުގައި ބްރެޒިލް އިން 30 ވަނަ މިނެޓާއި ހަމައަށްވެސް ފުލުފުލުގައި ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރަމުން އަންނައިރު، އެ ޓީމަށް ކުރިމަތިވާ ހަމައެކަނި ގޮންޖެހުމަކީ ގޯލާއި ދިމާލަށް ބޯޅަ ފޮނުވާ ނުލެވުން.

    00:13

    25 މިނެޓު ކުޅުނުއިރު، ބްރެޒިލް އިން ގޯލާއި އަމާޒުވާ ގޮތަށް އެއް ހަމަލާ އުފެއްދިއިރު އޮފް ޓާގެޓް އެއް ހަމަލާ އުފެއްދި. ސާބިއާ އަށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ.

    00:09

    މެޗުގެ ފުރަތަމަ ކޯނަރު ބްރެޒިލް އަށް. ނޭމާ ފޮނުވާލި ކޯނަރު ދިޔައީ "ކާވް" ވެގެން ގޯލާއި ދިމާލަށް. ބޯޅަ ދިފާއު ކުރީ ކީޕަރު.

    00:08

    7 ވަނަ މިނެޓު: މެޗުގެ ފުރަތަމަ ރީނދޫ ކާޑު ސާޞިއާގެ ސްޓްރަހިންޖާ ޕަވްލޮވިޗް އަށް.

    00:05

    ބްރެޒިލްގެ ކެޕްޓަން ތިއާގޯ ސިލްވާ އަކީ މި މެޗުގައި އޭނާ ކުޅުމުން، ބްރެޒިލްގެ ޖާޒީގައި ކުޅޭ އެންމެ އުމުރުން ދޮށި ކުޅުންތެރިޔާ. އެއީ 38 އަހަރާއި 63 ދުވަހުން.

    00:04

    ބްރެޒިލް އިން ވަނީ އެޓީމުން އެންމެފަހުން ސާބިއާއާ ދެކޮޅަށް ކުޅުނު ދެ މެޗުގައިވެސް މޮޅުވެފަ. އޭގެ ތެރޭގައި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗުވެސް ހިމެނޭ. އެ މެޗު ބްރެޒިލް އިން ކާމިޔާބު ކުރީ 0-2 އިން.

    00:02

    ފީފާ ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ޓީމު ބްރެޒިލް އިން ސާބިއާ އާއި ދެކޮޅަށް ނުކުންނަ މެޗުގައި ދެ ޓީމުން ބޭނުންކުރާ ފުރަތަމަ 11.