08 Apr 2012, 14:31
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިންނަށް ނިސްބަތް ކޮށް ވިކްޓަރީގެ ކޯޗް އަލީ ސުޒޭން ހަގީގަތާއި ހިލާފް ވާހަކަތަކެއް ދައްކާފައިވާ ކަމަށް ބުނެ، އޭނައާ މެދު ފިޔަވަޅު އެޅުމަށް އެ އިދާރާގެ ޑިސިޕްލިނަރީ ކޮމެޓީ އަށް މައްސަލަ ފޮނުވައިފި އެވެ.
އެފްއޭއެމް އިން މިއަދު ނެރުނު ހަ ފޮޅުވަތުގެ ކުރު ބަޔާނެއްގައި ބުނެފައި ވަނީ، "އެ އިދާރާގެ ކޯޑް އޮފް އެތިކްސް އާއި ހިލާފަށް ވިކްޓަރީގެ ކޯޗް އަލީ ސުޒޭން، ނިމިގެން ދިޔަ މާޗު މަހު ސަންއެފްއެމްއަށް ދީފައިވާ ބަސްދީގަތުމުގައި، އެއިދާރާގެ ކޮމެތީތަކުގެ ބޭފުޅުންނާއި، އޮފިޝަލުންނަށް ނިސްބަތްކޮށް ހަގީގަތާއި ހިލާފް ވާހަކަތަކެއް ދައްކާފައިވާތީއާއި އަދި އިދާރާގެ ރައީސްއަށް ނިސްބަތްކޮށް، މަގާމުގައި ހުރެ ނާޖާއިޒް ފައިދާ ނަގަމުންދާކަމަށް ބުނެފައިވާ މައްސަލަ އެ އިދާރާއަށް ހުށެހެޅިފައިވާތީ، އެމައްސަލަތައް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން ބެލުމަށް ނިންމާފައި ވާކަމަށެވެ.
ސަންއެފްއެމްގެ ކުޅިވަރު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ސުޒޭން ބުނެފައި ވަނީ، ރާއްޖޭގެ ފުޓްބޯޅަ ދާންވީ މިސްރާބު ޔަގީންކަމާއެކު ބުނަލަން އެނގޭނެ އެކަކުވެސް ފުޓްބޯޅައާ ބެހޭ މައި އިދާރާ (އެފްއޭއެމް)ގައި ނެތް ކަމަށް ބުނެފައެވެ. އަދި އެފްއޭއެމުން ބޭނުން ވަނީ ކޮންގޮތެއްތޯ އާންމުންނަށް އެނގޭނެ ގޮތަށް ތަފްސީލް ދެވޭނެ ވެރިޔަކު ވެސް އެއިދާރާގައި ނެތް ބުނެ އޭނާ ވަނީ ވާހަކަ ދައްކާފައެވެ.
އަދި މީގެއިތުރުން އެރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ، އާޒިމްމެންނާއި ރާއްޖޭގެ ފުޓްބޯޅައިގެ މައިގަނޑު ޒިންމާތައް ހަވާލުކުރިއިރު ރާއްޖެއަކީ މިސަރަހައްދުގެ ޗެމްޕިއަނުން ކަމަށެވެ. އެހެން ނަމަވެސް އާޒިމް އެފްއޭއެމްގެ ރައީސް ކަމާ ހަވާލުވިއިރު، އެކަންކަން އޭނާއަށް އެނގިފައި ނުވާއިރު، ވާނުވާވެސް ނޭނގޭ ކަމަށެވެ. އަދި ރާއްޖެގެ ފުޓްބޯޅައިގެ ކުރިއެރުމަށްހުރި ހުރިހާ ދިމާއެއްގައި ހުރީ ކަތުރު ފަނިއަޅާފައި ކަމަށެވެ.