ކޮންމެ ދުވަހަކު 15 ވަރަކަށް މިނެޓު ކަސްރަތުކުރުމުން އުރަމަތީގެ ކެންސަރުގެ ނުރައްކާ 60 ޕަސެންޓަށް ކުޑަކޮށްދޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އުރަމަތީގެ ކެންސަރަކީ މުޅި ދުނިޔޭގައި ވެސް އެންމެ އާންމު ވައްތަރުގެ ކެންސަރެވެ. އަދި އެއީ އެންމެ ގިނަ އަންހެނުން މަރުވާ އެއް ސަބަބެވެ.

ޖަމާ ނެޓްވޯކް އޯޕެންއަށް އާންމުކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ކަސްރަތުގެ ސަބަބުން އަންހެނުންނަށް އުރަމަތީގެ ކެންސަރާ ދުރުވުމަށް އެހީތެރިވުމުގެ އިތުރުން ކެންސަރުގެ ސަބަބުން މަރުވުމުގެ ފުރުސަތު ވެސް ކުޑަކޮށްދެއެވެ.

ދެކުނު ކެލިފޯނިއާގެ ޑިޕާޓްމެންޓް އޮފް ރިސާޗު އެންޑް އިވެލުއޭޝަންގެ ސީނިއާ ކެންސާ އެޕިޑެމިއޯލޮޖިސްޓެއް ކަމަށްވާ ޑރ. ރައިނާ ހާކް ބުނާގޮތުގައި ކަސްރަތުގެ ސަބަބުން އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވާއިރު ކުޑަ މިންވަރަކަށް ކަސްރަތު ކުރާނަމަ ވެސް މިކަމަށް ބޮޑު އެހީއެއް ލިބޭނެއެވެ.

"ދިރާސާއިން ދައްކަނީ ކުޑަ މިންވަރަކަށް ކަސްރަތު ކުރާނަމަ ކެންސަރު ޖެހިފައިވާ މީހުންގެ ތެރެއިން މަރުވާ މީހުންގެ މިންވަރު 60 ޕަސެންޓް ކުޑަކޮށްދޭކަން،" އޭނާ ކިޔައިދިނެވެ.

މި ދިރާސާ ހެދުމަށްޓަކައި މީޑިއަން އުމުރަށް ބަލައި 71 އަހަރު ބޭސްލައިން ކަމުގައި ކަނޑައަޅައި އެ އުމުރުފުރައާ ގާތް 315 އަންހެނުންގެ މައުލޫމާތު ނަގާފައިވެއެވެ. އޭގެތެރޭގައި އެކި ނަސްލުގެ އަންހެނުން ހިމެނެއެވެ.

ދިރާސާގައި ބައިވެރިކޮށްފައިވާ ކޮންމެ އަންހެނަކީ ވެސް އުރަމަތީގެ ކެންސަރަށް ކޮންމެވެސް އިރަކު ޑައިގްނޯސްކޮށްފައިވާ މީހުންނެވެ. އޭގެތެރޭގައި ހިމެނޭނީ 1996 ވަނަ އަހަރުން ފެށިގެން 2012 ނިޔަލަށް ޑައިގްނޯސްކޮށްފައިވާ އަންހެނުންނެވެ.

މި މީހުންގެ މައުލޫމާތުތަކާއެކު ތިން ގްރޫޕެއް ކަނޑައެޅިއެވެ. އެއީ މަދުން ކަސްރަތު ކުރާ މީހުންނާއި އާންމުކޮށް ކަސްރަތު ކުރާ މީހުންގެ އިތުރުން އެއްވެސް ވަރަކަށް ކަސްރަތު ނުކުރާ މީހުންނެވެ. މި މީހުންގެ ތެރެއިން އާންމުކޮށް ކަސްރަތުކުރާ މީހުންގެ ތެރެއިން މަރުވާ މިންވަރު ހުރީ 12.9 ޕަސެންޓުގައެވެ. އަދި މަދު ކަސްރަތު ކުރާ މީހުންގެ މި އަދަދު ހުރީ 13.4 ޕަސެންޓުގައެވެ. އެއްވެސް ވަރަކަށް ކަސްރަތު ނުކުރާ މީހުންގެ މެދުގައި މި އަދަދު ހުރީ 32.9 ޕަސެންޓުގައެވެ.